Roadha Mihaaru
އައްޑޫ މާރާމާރިއާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރު

އައްޑޫ މާރާމާރިއާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރުކޮށްފި

04 ޑިސެމްބަރ 2023

އައްޑޫ ހިތަދޫގައި ދެ ގުރޫޕެއްގެ މެދުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހިންގި މާރާމާރީއާ ގުޅިގެން އިތުރު ދެ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އައްޑޫ ހިތަދޫގައި ދެ ގުރޫޕެއްގެ މެދުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހިންގި މާރާމާރީއާ ގުޅިގެން އިތުރު ދެ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކުރީ އުމުރުން 22 އަހަރާއި 23 އަހަރުގެ ދިވެހި ދެ ފިރިހެނަކު ކަމަށެވެ.

އެ މައްސަލާގައި ފުލުހުން ވަނީ އިއްޔެ ވެސް ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އަދި ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މިއަދު ވަނީ ޝަރީއަތް ނިމެންދެން އެ އެންމެން ވެސް ބަންދުކުރަން ވެސް އަމަރުކޮށްފަ އެވެ.

އިއްޔެ ހައްޔަރުކޮށްފައި ވަނީ 18 އަހަރާއި 19 އަހަރާއި 20 އަހަރާއި 23 އަހަރުގެ ދިވެހި ފިރިހެނުންނެވެ.

އެ މާރާމާރީގައި ވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފަ އެވެ. ޒަހަމްވި މީހާ އަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދިނުމަށް ފަހު އިތުރު ފަރުވާ އަށް މިހާރު ވަނީ މާލެ ގެނެސްފަ އެވެ. އޭނާ އަށް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗުގަ އެވެ.

މާރާމާރީއާ ގުޅިގެން ބަޔަކު ހައްޔަރުކޮށްފައިވާއިރު އިއްޔެ ވެސް އައްޑޫގައި އިތުރު މާރާމާރީއެއް ހިނގި އެވެ. އެ މާރާމާރީ ހިނގާފައި ވަނީ ގެޔަކަށް ވަދެ މީހެއްގެ ބަނޑަށް ވަޅި ހަރައިގެންނެވެ. ރޭގެ މާރާމާރީގައި އަނިޔާވީ 20 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

މާލޭގައި ވެސް މި ދުވަސްވަރު އަންނަނީ މާރާމާރީތައް ހިންގަމުންނެވެ. މާލޭގައި ހިންގި މާރާމާރީތަކުގައި މީހަކަށް ބޮޑު އަނިޔާއެއް ނުވެ އެވެ. ނަމަވެސް، ތިން ޒުވާނަކު ވަނީ އެ މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފަ އެވެ.

މާލެ އާއި އައްޑޫގައި ހިންގި ގޭންގު މާރާމާރީތަކާ ގުޅިގެން ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ހާއްސަ މަސައްކަތެއް ފަށާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.