Roadha Mihaaru
ފަހުން ހިންގި މާރާމާރިއާ ގުޅިގެން 4 މީހަކު ހައްޔަރު

އައްޑޫގައި ގެއަކަށް ވަދެ ވަޅި ހެރި މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރ 2023

މިދިޔަ އާދިއްތަ ދުވަހު ސ. ހިތަދޫގެ ގެއަކަށް ވަދެ، މީހެއްގެ ގަޔަށް ވަޅި ހެރި މައްސަލާގައި ހަތަރު މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މިދިޔަ އާދިއްތަ ދުވަހު ސ. ހިތަދޫގެ ގެއަކަށް ވަދެ، މީހެއްގެ ގަޔަށް ވަޅި ހެރި މައްސަލާގައި ހަތަރު މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކުރީ އުމުރުން 18 އަހަރާއި 20 އަހަރާއި 21 އަހަރާއި އަދި 23 އަހަރުގެ ދިވެހި ފިރިހެނުން ކަމަށެވެ.

ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މި މާރާމާރީގައި 20 އަހަރުގެ ޒުވާން ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ވެސް ހިތަދޫގައި ބޮޑު މާރާމާރިއެއް ހިންގާ 30 އަހަރުގެ ދިވެހި ފިރިހެނަކު ވަރަށް ބޮޑަށް ޒަހަމްކޮށްލި އެވެ. އެ މާރާމާރީއާ ގުޅިގެން ފުލުހުން ވަނީ ހަ މީހަކު ހައްޔަރުކޮށްފަ އެވެ. އަދި އެތަނުން ހަތަރު މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ މުއްދަތު ވެސް ދީފަ އެވެ.

މާލޭގައި ވެސް މި ދުވަސްވަރު އަންނަނީ މާރާމާރީތައް ހިންގަމުންނެވެ. މާލޭގައި ހިންގި މާރާމާރީތަކުގައި މީހަކަށް ބޮޑު އަނިޔާއެއް ނުވެ އެވެ. ނަމަވެސް، ތިން ޒުވާނަކު ވަނީ އެ މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފަ އެވެ.

މާލެ އާއި އައްޑޫގައި ހިންގި ގޭންގު މާރާމާރީތަކާ ގުޅިގެން ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ހާއްސަ މަސައްކަތެއް ފަށާފައިވާ ކަމަށް ފުލުހުން ވަނީ ކުރިން ބުނެފަ އެވެ.