Roadha Mihaaru
ކަނޑުގެ ސަރަހައްދު ހޯދުން އަވަސްކުރަން ގާސިމް އެދިއްޖެ

ކަނޑުގެ ސަރަހައްދު ހޯދުމުގެ މަސައްކަތް އަވަސްކުރަން ރައީސްގެ އަރިހުގައި ގާސިމް އެދިވަޑައިގެންފި

04 ޑިސެމްބަރ 2023

ރާއްޖެ ކައިރީގައި އޮންނަ ޗާގޮސްގެ ރަށްތައް މޮރިޝަސްއާ ހަވާލު ކުރަން އިނގިރޭސިވިލާތުން މީގެ ކުރިން ގެންގުޅުނު ވިސްނުން ދޫކޮށްލާފައި ވާތީ، އެ މައްސަލާގައި ރާއްޖެއަށް "ގެއްލުނު" ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމުގެ މަސައްކަތް އަވަސްކުރަން މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި މިރޭ އެދިވަޑައިގެންފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖެ ކައިރީގައި އޮންނަ ޗާގޮސްގެ ރަށްތައް މޮރިޝަސްއާ ހަވާލު ކުރަން އިނގިރޭސިވިލާތުން މީގެ ކުރިން ގެންގުޅުނު ވިސްނުން ދޫކޮށްލާފައި ވާތީ، އެ މައްސަލާގައި ރާއްޖެއަށް "ގެއްލުނު" ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމުގެ މަސައްކަތް އަވަސްކުރަން މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި މިރޭ އެދިވަޑައިގެންފި އެވެ.

ގާސިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިނގިރޭސި ވިލާތުން ޗާގޮސް، މޮރިޝަސްއާ ހަވާލުކުރުމަށް ކުރިން ނިންމި ނިންމުން ބަދަލުކުރިކަން އެ ގައުމުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ މި ދަނޑިވަޅުގައި، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އިޓްލޮސް)ގެ ނިންމުމާ އެކު ރާއްޖެއަށް ގެއްލިފައިވާ ސަރަހައްދު ހޯދުމަށް ވިސްނުންތެރިކަމާ އެކު، ވީހާ ވެސް ހަލުވިކޮށް މަސައްކަތް ކޮށްދެއްވުމަށް ރައީސްގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ކެމްޕެއިންގައި ވެސް ވެރިކަމަށް ވަޑައިގެންފި ނަމަ، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ މައްސަލަ އިސްތިއުނާފަށް ވައްދާނެ ކަމަށް ވެސް ވައުދުވެވަޑައިގެންފައިވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި އެއީ ރިޔާސީ އިންތިހާބުގައި އޭނާ ވެސް ހައްލު ހޯދަން ވަރަށް ބޮޑަށް ވަކާލާތުކުރެއްވި ގައުމީ މައްސަލައެކެވެ. އިނގިރޭސި ވިލާތުން މިހާރު ނިންމާފައި ނިންމުމުގެ ސަބަބުން ދިވެހިން ޒަމާނުއްސުރެ މަސްވެރިކަން ކުރަމުން އައި ކަނޑުގެ ސަރަހައްދު އަނބުރާ ދިވެހިންނަށް ފުރިހަމަ އަށް ލިބުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިނގިރޭސި ދައުލަތާ އެކު އަވަސް މަޝްވަރާތަކެއް ފަށްޓަވައި ޒަމާނުއްސުރެ ދިވެހީން ގެންގުޅެމުން އައި ސްޓޭންޑް ދަމަހައްޓަވާ މި ކަމުގައި ދިވެހީންނަށް ކާމިޔާބު ހޯއްދަވައިދެއްވުމަށް މަނިކުފާނު މަސައްކަތްޕުޅު ކުރައްވާނޭ ކަމަށް އަޅުގަނޑު ޔަގީންކުރަމެވެ،" ގާސިމް ވިދާޅުވި އެވެ.

މި މަސައްކަތުގައި ރައީސް ޑރ. މުއިއްޒަށް ދެއްވެން އޮތް ކޮންމެ އެހީތެރިކަމަކާއި އެއްބާރުލުމެއް ދިނުމަށް އޭނާ އާއި އޭނާގެ ޕާޓީން ތައްޔާރަށް އޮތް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

މޮރިޝަސްގެ ބައެއްގެ ގޮތުގައި ކުރިން އޮތް ޗާގޮސް، އިނގިރޭސި ސަރުކާރުން ގަތުމަށް ފަހު ޗާގޮސްގެ ރަށެއް ކަމަށްވާ ޑިއޭގޯ ގާސިއާ (ފޯޅަވަހި) އޮންނަނީ 2036 ވަނަ އަހަރާ ހަމައަށް އެމެރިކާ އަށް ކުއްޔަށް ދީފަ އެވެ. ނަމަވެސް 2019 މޮރިޝަސްއިން ޗާގޮސްގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް އިޓްލޮސްގައި ކުރި ދައުވާ މޮރިޝަސްއާ އެއްކޮޅަށް ނިމި އެ ކޯޓުން ވަނީ ޗާގޮސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސި ވިލާތަށް އަންގައިފަ އެވެ.

މޮރިޝަސް އަށް ޗާގޮސް ނުދޭން ނިންމާފައިވާ ނިންމުން ބަދަލުކޮށް އިނގިރޭސި ސަރުކާރުން މިދިޔަ އަހަރު ފަހުކޮޅު މޮރިޝަސްގެ ސަރުކާރާ އެކު މަޝްވަރާތައް ވެސް ފެށި އެވެ. އެހެން ނަމަވެސް އިނގިރޭސި ނޫސްތަކުގައި މި ހަފުތާގައި ރިޕޯޓް ކޮށްފައިވާ ގޮތުން އެ ގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ޑިފެންސްގެ މަގާމުގައި ހުންނެވި ގްރާންޓް ޝަޕްސް އެކުލަވާލަމުން އަންނަ އާ ޕްލޭންގެ ދަށުން ޗާގޮސް މޮރިޝަސްއާ ހަވާލެއް ނުކުރާނެ އެވެ.

އެއް ސަބަބަކަށް "ދަ ޓެލެގްރާފް" ނޫހުގައި ބުނެފައި ވަނީ އެއީ މޮރިޝަސް އާއި ޗައިނާ އާ ދެމެދު އޮންނަ ގުޅުމެވެ. އެކަން އެހެން އޮއްވާ ޗާގޮސް ދޫކޮށްލައިފި ނަމަ އެމެރިކާ އާއި އިނގިރޭސިވިލާތުގެ ހާއްސަ ގުޅުމާއި އިންޑޯ ޕެސިފިކް ސަރަހައްދަށް ވެސް ނުރައްކާ ވެދާނެ ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.

ޝަޕްސް އާއި ބޮޑުވަޒީރުގެ ނައިބު އޮލިވާ ޑައުޑެންއާ ފޮރިން ސެކްރެޓަރީ ލޯޑް ކެމަރަން ބައްދަލު ކުރެއްވި ކަމަށާއި ޗާގޮސްގެ ރަށްތަށް މޮރިޝަސް އަށް ދިނުމުގެ ޕްލޭންތައް އުވާލަން އޭނާ އެންގެވި ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.