Roadha Mihaaru

ރައީސް މުއިއްޒު އިނގިރޭސި ވިލާތަށް

އިނގިރޭސި ރަސްގެފާނު ޗާލްސްގެ ދައުވަތަކަށް ބާއްވާ މޫސުމާ ގުޅޭ ބައްދަލުވުމަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ރޭ ފުރާވަޑައިގެންފި އެވެ.

ރައީސް މުއިއްޒު އިނގިރޭސި ވިލާތަށް

އިނގިރޭސި ރަސްގެފާނު ޗާލްސްގެ ދައުވަތަކަށް ބާއްވާ މޫސުމާ ގުޅޭ ބައްދަލުވުމަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ރޭ ފުރާވަޑައިގެންފި އެވެ.

"ސަސްޓެއިނަބަލް މާކެޓްސް އިނީޝިއޭޓިވް (އެސްއެމްއައި) އިން އިންތިޒާމު ކޮށްގެން ބާއްވާ "ހައި-ލެވެލް ބްރީފިން އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން" ގައި ޑިވެލޮޕްމަންޓް ބޭންކުތަކާއި ދުނިޔޭގެ ބޮޑެތި މާލީ މުއައްސަސާތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރާނީ، މޫސުމީ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ބަދަލުތައް ގެނައުމަށްޓަކައި ބައިނަލްއަގުވާމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށާއި ދެމެހެއްޓެނިވި ތަރައްގީގެ ދުވެލި އަވަސް ކުރުމަށް ބައިނަލްއަގުވާމީ ގުޅުންތައް އިތުރަށް ހަރުދަނާ ކޮށްގެން ޕްރައިވެޓް ކެޕިޓަލް ބޭނުން ކުރެވިދާނެ ގޮތްތަކާ މެދުގަ އެވެ.

ސަސްޓެއިނަބަލް މާކެޓްސް އިނީޝިއޭޓިވްއަކީ، އިނގިރޭސި ރަސްގެފާނު ޗާލްސްގެ ތަސައްވުރެއްގެ މައްޗަށް ބިނާކޮށް، ހިންގާ ހަރަކާތެކެވެ.

އެ އިނީޝިއޭޓިވްގެ ބޭނުމަކީ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމުގެ މަސައްކަތްތަކުގައި އަމިއްލަ ވިޔަފާރިތަކުގެ ބޭނުން ހިފުމެވެ. ހާއްސަކޮށް އަމިއްލަ ވިޔަފާރި ކުންފުނިތަކުގެ ވެރިންނާއި ބައިނަލްއަގުވާމީ ފެންވަރުގައި ނިންމުންތައް ނިންމާ ފަރާތްތަކުން ހަރަކާތްތައް ހިންގަނީ ދެމެހެއްޓެނިވި ބިންގަލެއްގެ މަތީގައި ކަން ޗާލްސްގެ އިނީޝިއޭޓިވް އިން ކަށަވަރު ކުރެ އެވެ.

އަދި އަމިއްލަ ވިޔަފާރިތަކުން ކުރާ ދުރުރާސްތާ މަސައްކަތްތަކަކީ، ތިމާވެށީގެ ގޮތުން ޒިންމާދާރު އަދި ގައުމީ ފެންވަރުގެ މޫސުމީ ލަނޑުދަނޑިތަކާއި "1.5 ޑިގްރީ ސެލްސިއަސް ޕާތުވޭ" އަށް ވާސިލު ވުން އެއްގޮތް ކުރަން މަގު ދައްކައި ދިނުމަކީ އެ އިނީޝިއޭޓިވްގެ އަމާޒެކެވެ.

ރައީސް މުއިއްޒު އެންމެ ފަހުން އިނގިރޭސި ވިލާތަށް ދަތުރުފުޅެއް ކުރެއްވީ މި އަހަރުގެ ޖުލައި މަހު އެވެ. މަތީ ފަންތީގެ ބައްދަލުވުންތަކަކާއި ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި އެ ދަތުރުފުޅުގައި ލަންޑަންގައި ރާއްޖޭގެ ފަރާތުން ބިޒްނަސް ފޯރަމެއް ބާއްވައި ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދަން މަސައްކަތްޕުޅު ކުރެއްވި އެވެ.

ރައީސްގެ އެންމެ ފަހުގެ ދަތުރުފުޅުގައި ރަސްގެފާނު ޗާލްސްއާ ޝާހީ ގަނޑުވަރު ވިންޑްސޯ ކާސަލްގައި ބައްދަލުކުރެއްވި އެވެ.