Roadha Mihaaru
ނޫސްވެރިން މެރުމުގެ ރެކޯޑް ވެސް އިޒްރޭލަށް

ނޫސްވެރިން މެރުމުގެ ރެކޯޑް ވެސް އިޒްރޭލަށް

05 ޑިސެމްބަރ 2023

ހަނގުރާމަތަކާއި އަސްކަރީ ކުރިމަތިލުންތައް ހިނގާ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ގަސްދުގައި ހަމަލާ ދިނުމަކީ، ވަރަށް މަދު ފަހަރެއްގައި ނޫނީ މީގެ ކުރިން މެދުވެރިވާ ކަމެއް ނޫނެވެ. އަދި އެއީ ދުނިޔޭގެ ވަރަށް މަދު ގައުމެއްގައި ނޫނީ ހިނގާ ކަމެއް ވެސް ނޫނެވެ.

ހަނގުރާމަތަކާއި އަސްކަރީ ކުރިމަތިލުންތައް ހިނގާ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ގަސްދުގައި ހަމަލާ ދިނުމަކީ، ވަރަށް މަދު ފަހަރެއްގައި ނޫނީ މީގެ ކުރިން މެދުވެރިވާ ކަމެއް ނޫނެވެ. އަދި އެއީ ދުނިޔޭގެ ވަރަށް މަދު ގައުމެއްގައި ނޫނީ ހިނގާ ކަމެއް ވެސް ނޫނެވެ.

ނަމަވެސް މީގެ 60 ދުވަސް ކުރިން، ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލު ސިފައިން ފެށި ހަނގުރާމަ ހުރިހާ ގޮތަކުން ވެސް ތަފާތެވެ. އެންމެ ފުރަތަމަ ކަމަކީ، އެ ހަނގުރާމައިގެ އަމާޒަކީ ފަލަސްތީނުގެ ހަމާސް ޖަމާއަތް ނައްތައިލުން ކަމަށް ބުނުމަށް ފަހު، ގާތްގަނޑަކަށް ހުރިހާ ހަމަލާއެއްހެން ޣައްޒާގެ އާންމު ރައްޔިތުންނަށް އަމާޒު ކުރުމެވެ.

އަނެއް ކަމަކީ، ހަމާސްގެ ހަނގުރާމަވެރިން ތިބި ތަންތަން ހޯދައިގެން އެމީހުންނަށް ހަމަލާ ދިނުމުގެ ބަދަލުގައި، އާންމު ރައްޔިތުން ދިރިއުޅޭ އިމާރާތްތަކާއި ސްކޫލްތަކާއި ހޮސްޕިޓަލުތަކާއި މިސްކިތްތަކާއި ފައްޅިތަކަށް ގަސްދުގައި ހަމަލާ ދިނުމެވެ. އެކަތިފަހަރުން 20-25 ބުރީގެ ބިޔަ އިމާރާތްތައް އެއްކޮށް ބިމާ ހަމަކޮށްލެވޭ ވަރުގެ ބާރު ގަދަ ބޮމާއި މިސައިލްތައް ބޭނުންކުރުމަކީ ވެސް މި ހަނގުރާމައިގެ ޚާއްސަ ސިފައެކެވެ.

ހަނގުރާމައަށް މިވީ މުއްދަތާ އަޅައި ބަލާއިރު، މަރުވި މީހުންގެ އަދަދު އެހާ މަތިވުމުގެ މައިގަނޑު ސަބަބަކީ އެއީ އެވެ. އެންމެ ދެ މަސްދުވަސ، ތެރޭގައި 16000 އަށް ވުރެ ގިނަ މީހުން ޝަހީދުވެ 30000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ އިރު، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު މުޅިން ކަށަވަރެއް ނުވެ އެވެ.

އިޒްރޭލުން ޣައްޒާގައި ހިންގަމުން ދާ ގަތުލުއާންމުތަކާއި ހަނގުރާމައިގެ ޖަރީމާތަކުގެ ހަގީގަތްތައް ދުނިޔެއަށް ބޭޒާރުވަމުން ދަނީ، ފުރާނަ އަތްމައްޗަށް ލައިގެން ނުކުމެ ތިބި ހިތްވަރު ގަދަ ނޫސްވެރިންގެ ސަބަބުންނެވެ. ޚާއްސަ ގޮތެއްގައި އަލްޖަޒީރާގެ އަރަބި ޗެނަލްގެ ނޫސްވެރިންގެ ހިތްވަރުގެ ސަބަބުންނެވެ.

އެ ނޫސްވެރިން ޣައްޒާގައި ހަރަކާތްތެރިވަމުން ދަނީ، ހަމަލާތައް ދިނުމުގައި ނޫސްވެރިންނަށް ރައްކާތެރިކަން ކަށަވަރުކޮށްނުދެވޭނެ ކަމަށް އިޒްރޭލުން ބުނެފައިވަނިކޮށެވެ. އިޒްރޭލުން އެހެން ބުނާ އިރު، އެއީ ނޫސްވެރިންކަން އެނގި ތިބެ އިޒްރޭލު ސިފައިން ގަސްދުގައި ދިން ހަމަލާތަކުގައި އެތައް ނޫސްވެރިންނެއް މަރުވެއްޖެ އެވެ.

ނޫސްވެރިންނަށް ހަމަލާ ދިނުމުގެ އިތުރުން، ނޫސްވެރިންގެ އާއިލާތަކަށް އަމާޒުކޮށް ހަމަލާ ދިނުމަކީ ވެސް މި ހަނގުރާމައިގައި އިޒްރޭލު ސިފައިން ހިންގާ އަނެއް ޖަރީމާ އެވެ. އޭގެ ތެރެއިން ވެސް، އަލްޖަޒީރާ އަރަބި ޗެނަލްގެ ނޫސްވެރިޔާ ވާއިލް އައްދަހްދޫހްގެ އާއިލާ އަށް ދިން ހަމަލާ ފާހަގަކޮށްލެވެ އެވެ.

ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސައިރާތު ރެފިއުޖީ ފޭލިވެ އަވަށަށް، އޮކްޓޫބަރު 25 ވަނަ ދުވަހުގެ ރޭގެ ދަންވަރު ދިން ބާރު ގަދަ މިސައިލް ހަމަލާއެއްގައި ދަހްދޫހްގެ އަންހެނުންނާއި، ހަ އަހަރުގެ އަންހެން ދަރިއަކާއި 16 އަހަރުގެ ފިރިހެން ދަރިއެއްގެ އިތުރުން، އުމުރުން އެންމެ 45 ދުވަސްވީ ކާފަ ދަރިއަކު ވެސް ޝަހީދުކޮށްލި އެވެ.

އިޒްރޭލު ސިފައިން ޣައްޒާ އަށް ދިން ހަމަލާތަކުގައި، އޮކްޓޫބަރު 7 ން ފެށިގެން ނޮވެމްބަރު 30ގެ ނިޔަލަށް މަރުވި ނޫސްވެރިންގެ އަދަދު ވަނީ ޖުމްލަ 71 އަށް އަރައިފަ އެވެ. މީގެ ތެރެއިން ވެސް ގިނައީ ފަލަސްތީނަށް ނިސްބަތްވާ ނޫސްވެރިންނެވެ. އިޒްރޭލުގެ ހަތަރު ނޫސްވެރިއަކާއި ލުބްނާންގެ ތިން ނޫސްވެރިއެއްގެ އިތުރުން ފަލަސްތީނުގެ 64 ނޫސްވެރިންނެވެ.

މީގެ އިތުރުން 11 ނޫސްވެރިއަކު ޒަޚަމްވެ ވީނުވީއެއް ނޭނގި ތިން ނޫސްވެރިން ގެއްލިފައިވާ އިރު، އިޒްރޭލު ފުލުހުން ހައްޔަރުކޮށްފައިވާ ނޫސްވެރިންގެ އަދަދު ވަނީ 19 އަށް އަރައިފަ އެވެ. މި އެންމެންނަކީ ވެސް އިޒްރޭލުން ޣައްޒާ އަށް ދެމުންދާ ހަމަލާތަކުގައި ކަން ހިނގަމުންދާ ގޮތް އާންމުންނާ ހަމައަށް ގެނެސްދިނުމުގައި ހަރަކާތްތެރިވި ނޫސްވެރިންނާއި ކެމެރާމަނުންނާއި އެމީހުންގެ އެހީތެރިންގެ ގޮތުގައި، އާންމުންގެ ތެރެއަށް ނުކުމެގެން މަސައްކަތް ކުރާ މީހުންނެވެ.

ދަ ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ބުނާ ގޮތުގައި މިދިޔަ 30 އަހަރުގެ ތެރޭގައި ނޫސްވެރިންނަށް ކުރިމަތިވި އެންމެ ނުރައްކާތެރި އަދި ހަނގުރާމައިގައި އެންމެ ގިނަ ނޫސްވެރިން މަރައިލެވުނީ މިއަހަރު އެވެ. ސީޕީޖޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ހުސްވި 2022 ވަނަ އަހަރުގެ ތެރޭގައި މުޅި ދުނިޔެ އިން، ހަނގުރާމަތަކާއި އަސްކަރީ ކުރިމަތިލުންތަކުގައި މަރުވި ނޫސްވެރިންގެ އަދަދަކީ 68 އެވެ.

ޣައްޒާގައި މިހާރު ހިނގަމުންދާ ހަނގުރާމައިގައި، އެންމެ ގިނަ އަދަދެއްގެ ނޫސްވެރިން މަރުވީ ހަނގުރާމައިގެ ފުރަތަމަ ދުވަސް ކަމަށްވާ އޮކްޓޫބަރު 7، 2023 ގަ އެވެ. އެ ދުވަހު އިޒްރޭލުން ޣައްޒާ އަށް ދިން ހަމަލާތަކުގައި ޖުމްލަ ހަ ނޫސްވެރިއަކު މަރުވި އެވެ.

މި ހަނގުރާމައިގައި ދެ ވަނަ އަށް އެންމެ ގިނަ ނޫސްވެރިން މަރުވި ދުވަހެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހު އެވެ. އެ ދުވަހު އިޒްރޭލު ސިފައިން ޣައްޒާ އަށް ދިން ހަމަލާތަކުގައި ފަސް ނޫސްވެރިއަކު މަރުވި އެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލު ސިފައިން ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމަ އަށް މިއަދަށް 60 ދުވަސް ވީއިރު، އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު ވަނީ 16000 އަށް ވުރެ މަތިވެފަ އެވެ. އަދި ޒަޚަމްވި މީހުންގެ އަދަދު 42000 އަށް ވުރެ މަތިވެފައިވާ އިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެ ނުވަތަ ހަމަލާތަކުގައި ހަށިގަނޑު ކުދިކުދިވުމުގެ ސަބަބުން، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު ވެސް މިހާރު ވަނީ 7800 އަށް ވުރެ މަތިވެފަ އެވެ.

އިޒްރޭލުން ޣައްޒާއާ ދެކޮޅަށް، އޮކްޓޫބަރު 7، 2023 ގައި ހަނގުރާމަ އިއުލާން ކުރީ، ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން އެއްގަމާއި ކަނޑާއި ވައިގެ މަގުން، ޔަހޫދީ އާބާދީތަކަށް އެ ދުވަހު އަރައިގަނެ ދިން ހަމަލާތަކުގައި 1200އެއްހާ މީހުން މަރައިލުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. އިޒްރޭލުން ބުނާ ގޮތުގައި "އެކަތައިގެ ކަނޑިތައް" ނަމުގައި ފެށި ހަނގުރާމައިގެ އަމާޒަކީ ހަމާސް ޖަމާއަތް ނައްތައިލުމެވެ.