Roadha Mihaaru
އެސްޖޭގެރައްދު: ބޭނުންކުރީި މިނިސްޓްރީން ފާސްކުރި ތަކެތި

އެސްޖޭގެ ރައްދު: ދަރުމަވަންތައިގެ ޑިޒައިނުގައި ބޮޑެތި މައްސަލަތައް ހުރި، ބޭނުންކުރީ މިނިސްޓްރީން ފާސްކުރި ތަކެތި

05 ޑިސެމްބަރ 2023

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ ޑިޒައިންގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމަށާއި އެ ސްކޫލު ހަދަން ބޭނުންކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީން ފާސްކޮށްފައިވާ މެޓީރިއަލް ކަމަށް، އެސްޖޭ ކޮންސްޓްރަކްޝަނުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ ޑިޒައިންގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމަށާއި އެ ސްކޫލު ހަދަން ބޭނުންކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީން ފާސްކޮށްފައިވާ މެޓީރިއަލް ކަމަށް، އެސްޖޭ ކޮންސްޓްރަކްޝަނުން މިއަދު ބުނެފި އެވެ.

އެސްޖޭ އިން އެހެން ބުނީ، ސަރުކާރުން އެ ކުންފުންޏާ ހަވާލުކޮށްގެން އިމާރާތްކުރި ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް ބޭނުންކުރަން ފެށިތާ ތިން މަސް ދުވަހުގެ ތެރޭގައި ދޮރުގެ ބިއްލޫރިތައް ތަޅައިގެން ދާ މައްސަލަ "މިހާރު" ގައި ރިޕޯޓުކުރުމުން ސޯޝަލް މީޑިއާގައި ދިން ރައްދުގަ އެވެ.

އެސްޖޭ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ދޮރުތަކުގެ ބިއްލޫރީގެ ބޯމިން 10 މިލިމީޓަރަށް ބަދަލުކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު އެޑިއުކޭޝަން މިނިސްޓްރީގައި އެދުމުން، ކުރެހުމުގައި ހުރި ގޮތަށް މަސައްކަތް ކުރިއަށް ގެންދަން އެ މިނިސްޓްރީން އެންގީ ކަމަށެވެ.

އެހެންވެ، އެއާ އެއްގޮތަށް ސްކޫލުތަކުގައި ހަރުކޮށްފައިވަނީ ފަސް މިލިމީޓަރުގެ ތުނި ބިއްލޫރިތަކެއް ކަމަށް އެސްޖޭ ކޮންސްޓްރަކްޝަންގެ ރައްދުގައި ބުންޏެވެ.

މި ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ، އެ ތަނުގައި ހައެއްކަ ފޫޓު އުސް އަދި ދެ ފޫޓު ފުޅާ ބިއްލޫރި ވެސް ހުރި ކަމަށެވެ. އެހާ އުސް ތަނެއްގައި ތުނި ބިއްލޫރި ހަރުކުރުމަކީ ރައްކާތެރި ކަމެއް ނޫން ކަން، މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެސްޖޭ އިން ބުނި ގޮތުގައި އުސް ދޮރުތައް ހިފަހައްޓާނީ ދޮރުތަކުގެ ޑިޒައިންނަށް ބަދަލު ގެނެސްގެން ކަމަށެވެ. އެކަމަކު، އެ ސްކޫލް ޕްރޮޖެކްޓްގައި ޑިޒައިންގެ ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް އެ ކުންފުނިން ފާހަގަކުރި އެވެ.

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް ޑިޒައިންކުރީ ރިޔަން ޕްރައިވެޓް ކުންފުނިންނެވެ.

"ފައުންޑޭޝަންގެ މަސައްކަތް ކުރަނިކޮށް ފާހަގަވީ ފައުންޑޭޝަން ފެއިލްވާކަން. އެކަން މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމުން އެކަން ރަނގަޅުކުރަން މިނިސްޓްރީން އެއްބަސްވީ، ފައުންޑޭޝަން އަލުން ރީ-ޑިޒައިން ނުކޮށް މަސައްކަތް ނުކުރާނެ ކަމަށް އެންގުމުން،" ދިފާއުގައި އެސްޖޭ އިން ބުންޏެވެ.

"ބައެއް ސިޑިތަކުގެ ރެއިލިން ވެސް ނެތް، ސިޑި ކައިރި ރާނަން ވެސް. އެކަން ކުރުމަށް ވެސް މިނިސްޓްރީން ހުއްދަ ދިނީ ހުޅުވަން ހަފުތާއަކަށްވީ ފަހުން."

އެސްޖޭއިން ބުނީ ކޮންޓްރެކްޓަރަކީ އަމިއްލައަށް ޑިޒައިނާއި އެ މަސައްކަތަށް ބޭނުންކުރާ ސާމާނަށް ބަދަލު ގެނެވޭނެ ފަރާތެއް ނޫން ކަމަށެވެ. ދަރުމަވަންތަ ސްކޫލުގައި ވެސް އެ ގޮތަށް ބޭނުންކޮށްފައިވާ ހުރިހާ ސާމާނަކީ، ކުރެހުމާއި ޓެކްނިކަލް ސްޕެސިފިކޭޝަނާ އެއްގޮތަށް ފާސްކޮށްފައިވާ ތަކެތި ކަމަށް ބުންޏެވެ.

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް، އެޑިއުކޭޝަން މިނިސްޓަރު ޑރ. ޝަފީއު (ކ) ބައްލަވާލައްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް، އެޑިއުކޭޝަން މިނިސްޓަރު ޑރ. ޝަފީއު (ކ) ބައްލަވާލައްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިހާރުގެ އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ވިދާޅުވީ، ސްކޫލުތައް އިމާރާތް ކުރުމުގައި އެ މިނިސްޓްރީގެ ސްޓެންޑާޑްތަކެއް ހުންނަ ކަމަށެވެ. އެކަމަކު، ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތުން ފާހަގަވީ، މިނިސްޓްރީގެ ސްޓެންޑަޑް އިން ކައްސާލާފައިވާ ކަމެއް ނަމަ ޖެހޭނީ ސްޓެންޑާޑް ރިވައިސް ކުރަން ކަމަށް ވިދާޅުވި އެވެ.

ދަރުމަވަންތަ ބޭނުންކުރަން ފެށިތާ ދުވަސްކޮޅެއް ތެރޭގައި، އާ އިމާރާތުގެ ތިރީހަކަށް ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައިވާ ކަމަށް މިނިސްޓަރު އިސްމާއިލް ވިދާޅުވި އެވެ. އެހެންވެ، ދަރިވަރުންނާއި ޓީޗަރުންގެ ރައްކާތެރިކަމަށް އެ ބިއްލޫރިތައް ބަދަލުކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެސްޖޭ ކުންފުންޏާ އެކު ހެދި އެގްރިމެންޓުގައިވާ ގޮތުން، މަސައްކަތް ނިންމާތާ އެއް އަހަރުގެ ތެރޭގައި ތަނެއް ހަލާކުވެއްޖެ ނަމަ ނުވަތަ މަރާމާތެއް ކުރަން ޖެހޭ ނަމަ އެކަން ކުރާނީ އެ ކުންފުނިންނެވެ. ނަމަވެސް، އެސްޖޭއިން ބުނީ އެ ކުންފުނިން މަސައްކަތްކުރީ މިނިސްޓްރީގެ ޑިޒައިނާ އެއްގޮތަށް ކަމަށް ވާތީ، އެ ކުންފުނިން ދޮރުތައް ބަދަލެއް ނުކުރާނެ ކަމަށެވެ.

ވިލާ ކޮލެޖު ކުރިމަތީގައި އޮތް ހުސް ބިމުގައި ދަރުމަވަންތައިގެ އާ އިމާރާތް އަޅަން އެސްޖޭއާ ހަވާލުކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެބްރުއަރީ 4، 2020 ގަ އެވެ. އެ މަޝްރޫއު ފުރަތަމަ ހަވާލުކުރީ 74.9 މިލިއަން ރުފިޔާ އަށް އެއް އަހަރުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް، މުއްދަތަށް މަސައްކަތް ނުނިމުމުން އެއްބަސްވުން އިތުރުކޮށް، އެ ކުންފުންޏަށް އިތުރު 20 މިލިއަން ރުފިޔާއާ އެކު، 94 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ އޭރު ދީފަ އެވެ.

އެސްޖޭ އަށް އިތުރަށް ފައިސާ ވެސް ދޭން ޖެހުނީ ކުރެހުމުގައި މައްސަލަތަކެއް ހުރުމުން ކަމަށް ވެ އެވެ.