Roadha Mihaaru
ދަރުމަވަންތަ ސްކޫލުގެ މަސައްކަތަށް އިތުރު 20 މިލިއަން

ދަރުމަވަންތަ ސްކޫލްގެ މަސައްކަތްތަކެއް ކުރަން އިތުރު 20 މިލިއަން ރުފިޔާ ދީފި

23 އޯގަސްޓް 2022

ދަރުމަވަންތަ ސްކޫލުގެ މުހިއްމު މަސައްކަތްތަކެއް ކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏަށް އިތުރު 20 މިލިއަން ރުފިޔާ ސަރުކާރުން ދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދަރުމަވަންތަ ސްކޫލުގެ މުހިއްމު މަސައްކަތްތަކެއް ކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏަށް އިތުރު 20 މިލިއަން ރުފިޔާ ސަރުކާރުން ދީފި އެވެ.

ވިލާ ކޮލެޖު ކުރިމަތީގައި އޮތް ހުސް ބިމުގައި ދަރުމަވަންތައިގެ އާ އިމާރާތް އަޅަން އެ ކުންފުންޏާއި އެޑިއުކޭޝަން މިނިސްޓްރީއާ ދެމެދު ސޮއިކުރީ ފެބްރުއަރީ 4، 2020 ގަ އެވެ.

އެ މަޝްރޫއު 74.9 މިލިއަން ރުފިޔާއަށް ހަވާލުކުރީ އެއް އަހަރުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް، އެނގިފައިވާ ގޮތުގައި މަސައްކަތް ދިގުލައިގެން ދިޔައީ ރިޔަން ޕްރައިވެޓް ކުންފުނިން ހެދި ސްކޫލުގެ ކުރެހުމުގައި މައްސަލަތަކެއް ދިމާވުމުންނެވެ.

އެ ސްކޫލުގެ ފައުންޑޭޝަން ހެދުމަށްފަހު، އެތަނުގެ ޑިޒައިން ބަދަލުކުރަން ވެސް ސަރުކާރުން ބޮޑު ހަރަދެއް ކުރި ކަމަށް ވެ އެވެ.

އެ މައްސަލަތަކާ ހެދި ޑިޒައިނަށް ބައެއް ބަދަލުތައް ގެނެސް، އެ ސްކޫލު ނިންމުމަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މި މަހުގެ ތެރޭގައި ވަނީ އެސްޖޭއާއެކު މިނިސްޓްރީން ދެ ވަނަ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އެނގިފައިވާ އެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރީ 150 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. އެއީ 20 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށެވެ.

އެ ދެ އެއްބަސްވުމާއެކު، ދަރުމަވަންތަ ސްކޫލުގެ އަގު 95 މިލިއަން ރުފިޔާއަށް ވުރެ ބޮޑުވާނެ އެވެ.

މިކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން އަދި ފިނޭންސް މިނިސްޓްރީގެ ބަހެއް ވެސް ނުލިބުނެވެ.

ފުރަތަމަ އެގްރިމެންޓުގައި ސޮއިކުރިއިރު މުހިއްމު ބައެއް މަސައްކަތްތައް ނުހިމެނެ އެވެ. އެކަމާ ގުޅިގެން ހެދި ދެ ވަނަ އެއްބަސްވުމުގައި، ސްކޫލު ބޭރު ފާރު ރޭނުމާއި ބައެއް ދޮރުތައް ހަރުކުރުމާއި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ބައެއް ކަންކަން ހިމެނެ އެވެ. އޭގެ އިތުރުން މުށި ޖެހުމާއި ފުރާޅު އެޅުމާއި ރެއިލިން ޖެހުމާއި ކަރަންޓް ނެޓްވޯކު އެޅުމަކީ ވެސް ފަހުން ސޮއިކުރި އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ ކަމެކެވެ.

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެ މިނިސްޓްރީގައި މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން ދަރުމަވަންތަ ސްކޫލުގެ އިމާރާތް ނިންމުމަށް މަސައްކަތްކުރާ ކަމަށެވެ.

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް ޑިޒައިންކޮށްފައިވަނީ 1،000 ދަރިވަރުންނަށް ކިިޔަވައިދެވޭ ގޮތަށް، 41 ކްލާސް ރޫމް ހިމެނޭ ގޮތަށެވެ. ކޮންމެ ކްލާހެއްގައި ގިނަވެގެން 25 ކުދިން ކިޔަވާނެ އެވެ. ސްކޫލުގައި ދެ ބުރީގެ ލައިބްރަރީއަކާއި އިތުރު ހަރަކާތްތައް ހިންގާނެ ރޫމުތައް ވެސް ހިމެނެ އެވެ.