Roadha Mihaaru
ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ފަށައިފި

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ފަށައިފި

01 ޖޫން 2020

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތްތައް އެސްޖޭ ކޮންސްޓްރަކްޝަނުން މިއަދު ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތްތައް އެސްޖޭ ކޮންސްޓްރަކްޝަނުން މިއަދު ފަށައިފި އެވެ.

ވިލާ ކޮލެޖުގެ ކުރިމަތީގައި އޮތް ހުސް ބިމުގައި އިމާރާތްކުރާ އެ ސްކޫލުގެ މަސައްކަތްތައް އެސްޖޭ ކުންފުންޏާ ހަވާލުކުރީ 74.9 މިލިއަން ރުފިޔާ އަށެވެ. އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރީ ފެބްރުއަރީ 4، 2020 ގަ އެވެ.

އަންނަ އަހަރުގެ އޭޕްރީލް މަހު، 1،000 ދަރިވަރުންގެ ޖާގައިގެ އިމާރާތް އެއްކޮށް ނިންމަންޖެހެ އެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން މިހާރު ދިމާވެފައިވާ ދަތިތަކާ ހެދި މަސައްކަތްތައް ނިމޭނެ ތާރީޚެއް ލަފާކުރަން އުނދަގޫ ކަމަށް އެސްޖޭ އިން ބުންޏެވެ.

އެ ކުންފުނިން ވާހަކަ ދެއްކެވި އިސް އޮފިޝަލަކު ވިދާޅުވީ، މަސައްކަތްކުރާ ތަނުގައި މޮބިލައިޒްވެ، އެކަމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ އެއްބަސްވުމުގައި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަދި އެސްޖޭ ކޮންސްޓްރަކްޝަންގެ ޑިރެކްޓަރު ޝިހާދު ސޮއިކުރެއްވުމަށްފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އެސްޖޭ ކުންފުންޏަށް، އެ މަޝްރޫއު ހަވާލުކުރީ ސެލެކްޓިވް ބިޑިން އަކުންނެވެ. އެ މަސައްކަތަށް ބިޑް ހުޅުވައިލުމުން ނުވަ ފަރާތަކުން ކުރިމަތިލި އެވެ. މަސައްކަތް ހަވާލުކުރާނެ ކުންފުނި ކަނޑައެޅީ ފިނޭންސް މިނިސްޓްރީންނެވެ.

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް ޑިޒައިން ކޮށްފައި ވަނީ 1،000 ދަރިވަރުންނަށް ކިިޔަވައިދެވޭ ގޮތަށެވެ. އެ ތަނުގައި ހުންނާނީ 41 ކްލާސްރޫމެވެ. ކޮންމެ ކްލާހެއްގައި ގިނަވެގެން 25 ކުދިން ކިޔަވާނެ އެވެ. ސްކޫލުގައި ދެ ބުރީގެ ލައިބްރަރީއަކާއި އިތުރު ހަރަކާތްތައް ހިންގާނެ ރޫމުތައް ވެސް ހިމެނެ އެވެ. ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް ހަދަން ކުރިން އުޅުނީ އެ ސްކޫލް އެންމެ ފުރަތަމަ ހުރި ބިމުގަ އެވެ. ނަމަވެސް އިންވެގެން ހުރި މަޖީދިއްޔާ ސްކޫލު ވެސް އެއް ދަންފަޅިއަށް ކިޔަވައިދޭ ތަނަކަށް ބަދަލުކުރުމުގެ ބޭނުމުގައި ދަރުމަވަންތައިގެ އާ އިމާރާތް އެހެން ތަނަކަށް ބަދަލުކުރީ އެވެ.

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް އަޅާ ބިން.-- މިހާރު ފޮޓޯ

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް އަޅާ ބިން.-- މިހާރު ފޮޓޯ

މިހާރު ދަރުމަވަންތަ ހިންގަނީ، މެދުޒިޔާރަތް ކައިރީގައި ވަގުތީ ގޮތުން ހެދި ތަނެއްގަ އެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ކުރިން ވިދާޅުވީ ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތް ކުރާނީ ވަށައި ޖެހޭ ތައުލީމެއް ދެވޭ ގޮތަށް އެއްދަންފަޅިއަށް ހިންގާނެ ފުރަތަމަ މޮޑެލް ސްކޫލުގެ ގޮތުގައި ކަމަށެވެ.