ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ހެލްތު މިނިސްޓްރީގައި އަދާކުރައްވަމުން ގެންދެވި ވަޒީފާގައި ދެމިހުންނަވަން ހެދި އުސޫލާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފި އެވެ.
07 ޑިސެމްބަރ 2023
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ހެލްތު މިނިސްޓްރީގައި އަދާކުރައްވަމުން ގެންދެވި ވަޒީފާގައި ދެމިހުންނަވަން ހެދި އުސޫލާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފި އެވެ.
މި ވެރިކަން ފެށުމުގެ މާ ކުރިން ވެސް ހެލްތު މިނިސްޓްރީގައި ސިވިލް ސާވިސްގެ ވަޒީފާއެއް އަދާކުރައްވަމުން ގެންދެވި ސާޖިދާ އަށް އެ މިނިސްޓްރީގައި ހިދުމަތް ކުރެއްވޭ ގޮތަށް ހެދި އުސޫލްގެ މައްސަލަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅުއްވީ ދާންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ޔައުގޫބް އަބްދުﷲ އެވެ.
އޭނާ ވިދާޅުވީ، ސާޖިދާއަށް އުސޫލެއް ކަނޑައަޅާފައި ވަނީ މީގެ ކުރިން ދުވަހަކު ވެސް ސިވިލް ސާވިސް ކޮމިޝަނުން އަމަލުކޮށްފައި ނުވާ ގޮތަކަށް ކަމަށެވެ. އެ މައްސަލާގައި ގިނަ އަދަދެއްގެ ސިވިލް ސާވަންޓުންނާއި އާންމު ރައްޔިތުންގެ ކަންބޮޑުވުން އެބަހުރި ކަމަށެވެ.
"ފަސްޓްލޭޑީއަށް ބޭނުންވާ ގޮތަށް، ފިޓުވާ ގޮތަށް، މިއިން ދުވަހަކު ވެސް ސިވިލް ސާވިސް ކޮމިޝަނުން އަމަލު ނުކުރާ ގޮތަކަށް މަގާމެއް އުފައްދައި އެ ވަޒީފާ އަދާކުރެވޭނެ ގޮތަށް އެ މާހައުލު ބައްޓަންކޮށް އެ މަސައްކަތް ސިވިލް ސާވިސް ކޮމިޝަނުން ކުރަމުން ދާތީ [މައްސަލަ ހުށަހެޅީ]،" ޔައުގޫބް ވިދާޅުވި އެވެ.
ޔައުގޫބްގެ މައްސަލައާ ގުޅިގެން ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ވިދާޅުވީ، އެ އުސޫލުގެ ސަބަބުން ގިނަ އަދަދެއްގެ ސިވިލް ސާވިސް މުވައްޒަފުންގެ ހައްގުތައް ގެއްލި، ނިކަމެތި ކަމެއް ލިބިފައިވާ ކަމަށެވެ.
ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް ވެސް ވިދާޅުވީ، އެ ކަމުގެ ޝަކުވާ ގިނަ އަދަދެއްގެ ރައްޔިތުންގެ ފަރާތުން ލިބިފައިވާ ކަމަށެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިއްޔެ ފާސްކުރީ އަންނަ ހޯމަ ދުވަހު، ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުން ކޮމިޓީއަށް ހާޒިރުކޮށް އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމަށެވެ.
ސާޖިދާ އަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ސީނިއާ ސައިންޓިފިކް އޮފިސަރެވެ. ޓެކްނިކަލް މުހިއްމު މަސައްކަތްތަކެއް އެތަނުގައި ކުރައްވަމުން ގެންދެވި ސާޖިދާއަކީ ރާއްޖޭގައި އެ ދާއިރާ އިން ކިޔަވާ ވިދާޅުވެ ހުންނެވި ބޭފުޅެކެވެ.
އެހެންވެ، އެ ދާއިރާއަށް ހިދުމަތް ކުރައްވަން އެކަމަނާ ބޭނުންފުޅުވާތީ، ފަސްޓްލޭޑީގެ ޒިންމާތަކާ އެކު އެމްއެފްޑީއޭގައި މަސައްކަތް ކުރެއްވުމަށް އެ ކޮމިޝަނަށް ހުށަހެޅުއްވި އެވެ. އެއާއެކު، ސީއެސްސީން ވަނީ އެ އޮތޯރިޓީގައި މަސައްކަތް ކުރުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށް އަންގައިފަ އެވެ.
ފަސްޓް ލޭޑީ ސާޖިދާ: ވަޒީފާގައި ދެމިހުންވަން އެދިވަޑައިގަތީ މުސާރަ ވެސް ނުނަންގަވާ ގޮތަށް. އެކަމަކު ސިވިލް ސާވިސްގެ ވަޒީފާގައި މުސާރަ ނުލިބޭ ގޮތަށް އެގްރިމެންޓެއް ނުހެދޭ. -- ފޮޓޯ: ރައީސް އޮފީސް
އެކަމަކު ސިވިލް ސާވިސްގެ ގަވައިދުގައިވާ ގޮތުން، އެއްފަހަރާ ރަސްމީ ދެ ޒިންމާ ނެގުމަކީ ފަސޭހަކަމެއް ނޫނެވެ. އެގޮތުން، ރަސްމީކޮށް ހަ ގަޑިއިރު ފުރިހަމަކުރަންޖެހޭއިރު، ބްރޭކްގެ ގޮތުގައި ލިބެނީ ކުޑަ ވަގުތުކޮޅެކެވެ. ނަމަވެސް، ފަސްޓްލޭޑީގެ ހައިސިއްޔަތުން، އެކަމަނާ ބޭރުގެ އެކި ޖަމިއްޔާ ޖަމާއަތްތަކުގެ ބޭފުޅުންނާ ބައްދަލުކުރެއްވުމުގެ އިތުރުން ރަސްމީ ދަތުރުފުޅުތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވަންޖެހޭތީ، އެ ގަވައިދުތައް އޮތްގޮތުން އެ ޒިންމާތައް އަދާކުރައްވަން ދަތިތަކެއް ކުރިމަތިވެވަޑައިގަންނަވާނެ އެވެ.
ސިވިލް ސާވިސް ކޮމިޝަނުން ނިންމީ، މި ފަސް އަހަރު ނޯ ޕޭ ގައި ހުންނަވައިގެން ކޮންސަލްޓެންސީ ދެއްވޭ ގޮތަށް ވަޒީފާގައި ދެމިހުންނޭވެނެ ކަމަށެވެ. މަހެއްގެ ތެރޭގައި 40 ގަޑިއިރުގެ ކޮންޓްރިބިއުޝަނެއް ދެއްވަން ފަސްޓް ލޭޑީ އެދިވަޑައިގަންނަވާއިރު، އެ ކަމަށް މުސާރައެއް އެކަމަނާ ބޭނުންފުޅެއް ނުވެ އެވެ.
އެކަމަކު، މުސާރަ ނުލިބޭ ގޮތަށް އެފަދަ އެގްރިމެންޓެއް ނުހެދޭނެތީ ސިވިލް ސާވިސް ކޮމިޝަނުން ނިންމާފައިވަނީ މަސައްކަތަށް ނުކުންނަ ދުވަސްތަކަށް މުސާރަ ދިނުމަށެވެ.
ކުއްލި މައްސަލައެއް ނޫން، ފުރައްސާރަކުރުމެއް!
ސާޖިދާއާ "ޒާތީވުމުން" އެމްޑީޕީ އަށް ނުރުހުން
ސާޖިދާގެ ކޮންޓްރެކްޓް ބާތިލުކުރަން ކުއްލި މައްސަލައެއް
ފަސްޓްލޭޑީއަށް ހެދީ ހާއްސަ އުސޫލެއް ނޫން: ސީއެސްސީ
ފަސްޓްލޭޑީ ސިވިލްސާވިސް ވަޒީފާގައި ހުންނަވާނީ ނޯ-ޕޭގައި
ކޮމިޝަނަރު އައްޔަން ނުކުރި ސަބަބު ކޮމެޓީން ހޯދަނީ
ސީއެސްސީ ނައިބު ރައީސް އިބްރާހިމް ރަޝީދު ވަކިކުރަނީ
ބޭހުގެ ބިލަށް އެސްޓީއޯއަށް 1 ބިލިއަން ނުލިބި އެބަހުރި
ތުހުމަތު ސާބިތުނުވާތީ ސީއެސްސީގެ ރައީސް ވަތްކެއް ނުކުރި
މެންބަރުން ވަކިކުރަނީ ނުފޫޒަށް ލެނބުމުން