Roadha Mihaaru
ކޮމިޝަނަރު އައްޔަން ނުކުރި ސަބަބު ކޮމެޓީން ހޯދަނީ

ސިއްހީ ޚިދުމަތުގެ ފެންވަރު ބަލާ ކޮމިޝަނަރު އައްޔަން ނުކުރި ސަބަބު ކޮމެޓީން ހޯދަނީ

29 މެއި 2020

ސިއްހީ ޚިދުމަތް ދޭ ގޮތް ބެލުމަށް އައްޔަން ކުރަންޖެހޭ ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސްގެ މަގާމަށް ބޭފުޅަކު އައްޔަން ނުކޮށް އޮތް ސަބަބު ސިވިިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާއި ހެލްތް މިނިސްޓްރީގެ ކިބައިން ސާފުކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސިއްހީ ޚިދުމަތް ދޭ ގޮތް ބެލުމަށް އައްޔަން ކުރަންޖެހޭ ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސްގެ މަގާމަށް ބޭފުޅަކު އައްޔަން ނުކޮށް އޮތް ސަބަބު ސިވިިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާއި ހެލްތް މިނިސްޓްރީގެ ކިބައިން ސާފުކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ނިންމައިފި އެވެ.

ސިއްހީ ޚިދުމަތް ދިނުމުގެ ގާނޫނު ބުނާގޮތުން ސިއްހީ ޚިދުމަތުގެ ފެންވަރު ބަލައި، ކަށަވަރު ކުރުމަށާއި ސިއްހީ ޚިދުމަތް ދިނުމުގައި މީހަކާ މެދު އިހުމާލުވެއްޖެ ނަމަ، އެކަންކަން ބެލުމަށް ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ޖެހޭނެ އެވެ. އެކަމަކު 2016 ގައި އަމަލު ކުރަން ފެށި އެ ގާނޫނަށް ހަތަރު އަހަރުވީ އިރު ވެސް، އެ މަގާމަށް މިހާތަނަށް ބޭފުޅަކު އައްޔަން ނުކުރާތީ އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ރޭ ބޭއްވި ބައްދަލުވުމުގައި ގިނަ މެމްބަރުން ވިދާޅުވީ އެ މައްސަލާގައި ކުރިއަށް ދިއުމާ މެދު ގޮތެއް ނިންމޭނީ އެކަން ނުކުރެވި، ހަތަރު އަހަރު ހޭދަވި ސަބަބެއް ސާފުވެގެން ކަމަށެވެ. އެހެންވެ، އެކަން ސީއެސްސީ އާއި ހެލްތް މިނިސްޓްރީއަށް ސިޓީ ފޮނުވަން އެ ކޮމެޓީން ރޭ ނިންމި އެވެ.

ސިއްހީ ޚިދުމަތް ދިނުމުގެ ގާނޫނު ބުނާގޮތުން ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސަކީ ސިއްހީ ޚިދުމަތުގެ ފެންވަރު ކަށަވަރު ކުރުމުގައި ބޮޑެތި ބާރުތަކެއް ލިބޭ ބޭފުޅެކެވެ. އެގޮތުން ސިއްހީ ޚިދުމަތް ދޭ ތަންތަނަށް ވަދެ، ބަލައި ފާސް ކުރުމާއި އެތަނެއްގައި ބޭނުންކުރާ ތަކެތި ޓެސްޓް ކުރުމާއި މީހުން ހާޒިރުކޮށް، ހެކިބަސް ނެގުމުގެ ބާރު ކޮމިޝަނަރަށް ލިބޭނެ އެވެ. ސިވިލް ސާވިސްގެ ޑިރެކްޓާ ޖެނެރަލާ އެއް ފެންވަރުގެ އެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ޖެހޭނީ ސީއެސްސީން ކަމަށް އެ ގާނޫނުގައި ބުނެފައިވެ އެވެ.

ފަރުވާ ލިބުން ލަސްވެ، ތިން ކުއްޖަކު ދާދިފަހުން މަރުވި މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އެގޮތުން މާބަނޑު ދެ މީހަކު ފުރަން ހުއްދަ ލިބުން ލަސްވެ، ބަނޑަށް ދަރިފުޅު މަރުވި މައްސަލައެއްގެ އިތުރުން އޭޑީކޭއަށް ގެންދިޔަ ކުއްޖަކަށް ފަރުވާ ދިނުން ލަސްވެގެން އެ ކުއްޖާ މަރުވި ކަމަށް ބުނާ މައްސަލަ ވެސް ވަނީ ފެންމަތިވެފަ އެވެ.