Roadha Mihaaru
މުހިއްމު ބައްދަލުވުމުގައި ރާއްޖެ އިން ބައިވެރިނުވޭ

އިންޑިއާ ކަނޑުގެ ރައްކާތެރިކަމާ ގުޅޭ މުހިންމު ބައްދަލުވުމެއްގައި ރާއްޖެއިން މި އަހަރު ބައިވެރިއެއް ނުވޭ

09 ޑިސެމްބަރ 2023

އިންޑިއާ ކަނޑުގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މުހިންމު ބައްދަލުވުމެއް ކަމަށްވާ "ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް"ގައި މި އަހަރު ރާއްޖެއިން ބައިވެރިނުވާ ކަން އާއްމުކުރި މައުލޫމާތުތަކުން އެނގިއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންޑިއާ ކަނޑުގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މުހިންމު ބައްދަލުވުމެއް ކަމަށްވާ "ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް"ގައި މި އަހަރު ރާއްޖެއިން ބައިވެރިނުވާ ކަން އާއްމުކުރި މައުލޫމާތުތަކުން އެނގިއްޖެ އެވެ.

"ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް" އަކީ ރާއްޖެ އާއި ސްރީލަންކާ އަދި އިންޑިއާ ގުޅިގެން 2011 ވަނަ އަހަރު ފެށި މަޝްވަރާ ބައްދަލުވުމެކެވެ. މިހާރު މި ބައްދަލުވުމުގެ މެމްބަރު ގައުމުތަކުގެ ތެރޭގައި ރާއްޖެ އާއި ލަންކާ އަދި އިންޑިއާގެ އިތުރުން މޮރިޝަސް ވެސް ހިމެނެ އެވެ.

މި އަހަރުގެ ބައްދަލުވުން ބޭއްވީ މޮރިޝަސްގަ އެވެ.

މޮރިޝަސްގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައިވާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި "ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް"ގެ ހަވަނަ ބައްދަލުވުމުގައި ބައިވެރިވީ ލަންކާ އާއި އިންޑިއާ އަދި މޮރިޝަސްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންނެވެ. އަދި ސީޝެލްސް އާއި ބަންގްލަދޭޝްގެ ވަފުދެއް ވެސް ބައިވެރިވި އެވެ. ރާއްޖޭގެ ނަމެއް ނެތެވެ.

މި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިނުވާތީ އިންޑިއާގެ ބައެއް ނޫސްތަކުން ވެސް ވަނީ އެކަން ރިޕޯޓްކޮށްފަ އެވެ. އަދި މި ބައްދަލުވުމުގައި ބައިވެރިނުވެ، ރާއްޖެއިން ޗައިނާގެ ބެއިޖިންގައި މިދިޔަ ހަފުތާގައި ބޭއްވި "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އެންޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގައި ބައިވެރިވުމުން އެކަމަށް ދަނީ ފާޑުކިޔަމުންނެވެ.

ރާއްޖޭގެ ފަރާތުން އެ ފޯރަމްގައި ބައިވެރިވެވަޑައިގަތީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައިވާ ގޮތުން މިދިޔަ އަހަރު އިންޑިއާގެ ކޮންޗިންގައި ބޭއްވި "ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް"ގެ ފަސްވަނަ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވި އެވެ.

މި ބައްދަލުވުމުގެ ބޭނުމަކީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ހަރުކަށި ފިކުރާއި ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތް ކުރުމާއި، ރާވައިގެން ހިންގާ ކުށްތަކާއި ވަގުވިޔަފާރި ހުއްޓުވުމާއި ސައިބަ ސެކިއުރިޓީ އާއި ޓެކްނޮލޮޖީގެ ނާޒުކު ވަސީލަތްތައް ހިމާޔަތްކުރުމެވެ. އަދި އިންސާނީ އެހީ ފޯރުކޮށްދިނުމާއި ކާރިސާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމުގައި އެހީވުން ވެސް ހިމެނެ އެވެ.