Roadha Mihaaru

ލަންކާއަށް ފޮނުވި ޕާކިސްތާނުގެ އެހީގެ ފްލައިޓަށް އިންޑިއާގެ ވައިގެ ސަރަހައްދު ހުޅުވައިފި

ތޫފާން ދީތުވާގެ ސަބަބުން ގެއްލުން ވެފައިވާ ސްރީ ލަންކާއަށް އެހީވާން ޕާކިސްތާނުން ފޮނުވި ތަކެއްޗާ އެކު ދަތުރުކުރި ފްލައިޓަށް އިންޑިއާއިން ހުއްދަ ދީފައިވާ ކަމަށް އިންޑިއާއިން ބުނެފި އެވެ.

ޕާކިސްތާނުގެ އެހީގެ ފްލައިޓަށް އިންޑިއާއިން ހުއްދަ ދީފި

ތޫފާން ދީތުވާގެ ސަބަބުން ގެއްލުން ވެފައިވާ ސްރީ ލަންކާއަށް އެހީވާން ޕާކިސްތާނުން ފޮނުވި ތަކެއްޗާ އެކު ދަތުރުކުރި ފްލައިޓަށް އިންޑިއާއިން ހުއްދަ ދީފައިވާ ކަމަށް އިންޑިއާއިން ބުނެފި އެވެ.

އިންޑިއާ އާއި ޕާކިސްތާނުން އެއް ގައުމުން އަނެއް ގައުމުގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ނުދީ ހިފަހައްޓާފައި އޮތް ނަމަވެސް އިންޑިއާއިން ބުނީ ޕާކިސްތާނުން އިއްޔެ މެންދުރު ފަހު 1:00 ހާއިރު ހުއްދައަށް އެދުމާ އެކު ކުޑަ އިރުކޮޅެއްގެ ތެރޭގައި ހުއްދަ ދީފައިވާ ކަމަށެވެ.

އިންޑިއާގެ އޮފިޝަލުންނާ ހަވާލާދީ އެ ގައުމުގެ މީޑިއާގައި ބުނެފައިވާ ގޮތުގައި ޕާކިސްތާނުގެ ވައިގެ ސަރަހައްދު އިންޑިއާގެ ފްލައިޓްތަކަށް މަނާކޮށްފައި އޮތެއް ކަމަކު ޕާކިސްތާނުގެ ފްލައިޓަކަށް އިންޑިއާއިން ހުއްދަ ދިނީ އިންސާނިއްޔަތުކަމުގެ ގޮތުން ކަމަށެވެ.

އޮފިޝަލުން ވިދާޅުވެފައިވަނީ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ އަކީ ކުރީއާލައި ހޯދަންޖެހޭ ހުއްދައެއް ނަމަވެސް ޕާކިސްތާނުން ހުއްދައަށް އެދުމާ އެކު ހަތަރު ވަރަކަށް ގަޑިއިރު ތެރޭ ހުއްދައިގެ ކަންކަން ހަމަޖައްސައި ހަވީރު 5:30 ގައި ޕާކިސްތާނަށް އެންގި ކަމަށެވެ.

ތޫފާނުގައި ވެހުނު ބޯ ވާރޭގެ ސަބަބުން ލަންކާގެ ބޮޑު ސަރަހައްދެއް ފެނު އަޑީގައި އޮތް އިރު އެތައް ހާސް ބަޔަކު ވަނީ ގެދޮރު ގެއްލި ހާލުގައިޖެހިފަ އެވެ. އާންމުންގެ ގެދޮރާއި މުދަލަށް ބޮޑެތި ގެއްލުންތައް ވެފައި ވާއިރު ބްރިޖްތަކާއި މަގުތައް ވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.

އިންޑިއާ އަކީ ލަންކާއަށް އެހީވާން އެންމެ ފުރަތަމަ ދިޔަ ގައުމެވެ. އަދި ފަހުން ޕާކިސްތާނުން ވެސް ސިފައިން ވެސް ހެލިކޮޕްޓަރުތަކާ އެކު ލަންކާއަށް ގޮސް މީހުން ސަލާމަތްކުރުމާއި އެހީ ފޯރުކޮށްދިނުމުގެ މަސައްކަތުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.