Roadha Mihaaru
އައްޑުއަށް ސަޕްލައި ފެން ނުލިބޭތާ 3 ދުވަސް ވެއްޖެ

އައްޑުއަށް ސަޕްލައި ފެން ނުލިބި ތިން ދުވަސް: ސްޕެއާ ޕާޓް ދިމާނުވުމުން އާ އެއްޗެއް ފޮނުވަނީ

09 ޑިސެމްބަރ 2023

އައްޑޫގެ ގުޅިފައިވާ ހުރިހާ ރަށްތަކަކުން ސަޕްލައި ފެނުގެ ހިދުމަތް މެދުކެނޑުނުތާ މިއަދަށް ތިން ދުވަސް ވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އައްޑޫގެ ގުޅިފައިވާ ހުރިހާ ރަށްތަކަކުން ސަޕްލައި ފެނުގެ ހިދުމަތް މެދުކެނޑުނުތާ މިއަދަށް ތިން ދުވަސް ވެއްޖެ އެވެ.

އެ ރަށްތަކަށް ސްޕްލައި ފެނުގެ ހިދުމަތް ދޭ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު މިއަދު "މިހާރު" އަށް ވިދާޅުވީ މި މައްސަލަ ހައްލުކުރުމަށް އިއްޔެ އައްޑު އަށް ގެންދިޔަ ސްޕެއާ ޕާޓް ނުވަތަ ވީއެފްޑީ ޑްރައިވް އިންސްޓޯލް ކުރި ނަމަވެސް، އެއަށް މައްސަލަތަކެއް ދިމާވެފައިވާ ކަމަށެވެ.

އެމްޑަބްލިއުއެސްސީއާ ވާހަކަދައްކައިގެން އިތުރު ވީއެފްޑީ ޑްރައިވެއް އައްޑު އަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އާ ވީއެފްޑީ ޑްރައިވެއް އެމްޑަބްލިއުއެސްސީން ހަމަޖައްސައިދޭނެ ކަމުގެ ކޮންފޮމޭޝަން ވަނީ ލިބިފައި. އެއާއެކު އެ ކުންފުނީގެ އިންޖީނިއަރެއް ވެސް އައްޑު އަށް ދާނެ،" މުއާޒް ވިދާޅުވި އެވެ.

އައްޑޫގެ ގުޅިފައިވާ ހުރިހާ ރަށްތަކުން ސަޕްލައި ފެނުގެ ހިދުމަތް މެދުކެނޑުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނެވެ. ފެނުގެ ހިދުމަތް މެދުކެނޑުނީ ފެން ޕަމްޕަށް ކަރަންޓް ދިނުމުގައި ކުއްލި ގޮތަކަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ.

އައްޑޫގެ މޭޔަރު އަލީ ނިޒާރު އިއްޔެ "މިހާރު" އަށް ވިދާޅުވީ ސްޕްލައި ފެނުގެ ހިދުމަތް މެދުކެނޑުމުގެ ސަބަބުން އައްޑޫގެ ގިނަ ގެތަކަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. މިހާރު ބޭނުން ކުރަމުން އަންނަނީ ވެސް ރިޒާވްގައި ހުރި ފެން ޕަންޕު ކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައެއް ގެތަކުގައި އުޅޭނެ ހަމައެކަނި ފެނަކަ އިން ދޫކުރާ ފެން ބޭނުންކޮށްގެން އުޅޭ މީހުން. ބައެއް ގެތަކުގައި ބޭނުންކުރޭ ވަޅުފެން ވެސް. އެކަމަކު މީގެ ސަބަބުން ދަތިތަކާ ކުރިމަތިވާނެ،" އޭނާ ވިދާޅުވި އެވެ.