Roadha Mihaaru
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ފެން ކެނޑިއްޖެ

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ހިދުމަތް އަނެއްކާވެސް ކެނޑިއްޖެ

23 މާޗް 2024

އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ސަޕްލައި ފެނުގެ ހިދުމަތް އަނެއްކާވެސް ކެނޑިއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ސަޕްލައި ފެނުގެ ހިދުމަތް އަނެއްކާވެސް ކެނޑިއްޖެ އެވެ.

އައްޑޫގެ މޭޔަރު އަލީ ނިޒާރު "މިހާރު" އަށް މިރޭ ވިދާޅުވީ މިއަދު މެންދުރު ފަހު ފެނުގެ ހިދުމަތް ކެނޑުނީ އާރްއޯ ޕްލާންޓަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.

ނިޒާރު ވަނީ އައްޑޫގައި ފެނުގެ ރިޒާވެއް ގާއިމް ކޮށްފައި ނުވާތީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

"މި ފަހުން ވެސް ދިމާވިތާ މައްސަލަ. ރިޒާވެއް ނެތީމާ ކިރިޔާ ވެސް މައްސަލަ ޖެހޭއިރު ފެނުގެ ހިދުމަތް އެއްކޮށް މި ކެނޑެނީ،" ނިޒާރު ވިދާޅުވި އެވެ.

ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު "މިހާރު" އަށް ވިދާޅުވީ އާރްއޯ ޕްލާންޓަށް ދިމާވި މައްސަލަ ހައްލުކުރުމަށް ޕަމްޕެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޕަމްޕެއް ހޯދައި، ވީ އެންމެ އަވަހަކަށް މައްސަލަ ހައްލުކޮށް، އައްޑު އަށް އަލުން ފެނުގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ވެސް ގަވާއިދުން ކުރަންޖެހޭ މަރާމާތުތައް ނުކޮށް ހުރުމުގެ ސަބަބުން ދިމާވި މައްސަލައަކާ ގުޅިގެން ހަތަރު ދުވަހަށް އައްޑޫން ސަޕްލައި ފެނުގެ ހިދުމަތް ކެނޑިފައިވެ އެވެ.