Roadha Mihaaru
ކުއްޖަކަށް ހަމަލާދިންކަމުގެ ރިޕޯޓެއް ނެތް: ޕޮލިސް

ކުއްޖަކަށް ވަޅިން ހަމަލާދިން ކަމަށް ބުނާ ވާހަކައަކީ ތެދެއްތޯ ބަލަނީ

10 ޑިސެމްބަރ 2023

ފުރާވަރު ކުދިންތަކެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި 14 އަހަރު ކުއްޖަކަށް ތޫނު ހަތިޔާރަކުން ހަމަލާ ދިން ކަމުގެ އަޑުތަކެއް ފެތުރިފައި ވިޔަސް އެފަދަ ރިޕޯޓެއް ލިބިފައި ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ފުރާވަރު ކުދިންތަކެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި 14 އަހަރު ކުއްޖަކަށް ތޫނު ހަތިޔާރަކުން ހަމަލާ ދިން ކަމުގެ އަޑުތަކެއް ފެތުރިފައި ވިޔަސް އެފަދަ ރިޕޯޓެއް ލިބިފައި ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

ސޯޝަލް މީޑިއާގައި ރޭ ދައުރުވި ގޮތުގައި 14 އަހަރުގެ ކުއްޖާއަށް ހަމަލާ ދިނީ ހުޅުމާލޭ ސެންޓްރަލް މޯލްގެ ލިފްޓްތެރޭގަ އެވެ.

އެ މައްސަލައިގައި ފުލުހުން މިއަދު ބުނީ، އެފަދަ ވާހަކައެއް ފެތުރިފައި ވާތީ އެކަން ހިނގާފައިވޭތޯ ބެލުމަށް، އެކަން ހިނގި ކަމަށް ބުނާ ތަނާއި ސަރަހައްދު ބަލައި އެކި މީހުންނާ ސުވާލު ވެސް ކޮށްފައިވާ ކަމަށެވެ.

އަދި، އެ އުމުރުގެ ކުއްޖަކު ފަރުވާ ހޯދަން ހޮސްޕިޓަލްތަކާއި ކްލިނިކުތައް ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ސަރަހައްދުން ލިބެން ހުރި ސީސީޓީވީ ފުޓޭޖް ބެލުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. މިފަދަ ހަމަލާއެއްގައި ޒަހަމްވި ކުއްޖަކަށް ހުޅުމާލޭ ހޮސްޕިޓަލްގައި ވެސް ފަރުވާ ދީފައި ނެތް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ނަންބަރު 3322111 އަށް ގުޅައި ހިއްސާކުރުމަށް އެދިފަ އެވެ.

މި ދުވަސްވަރު މާލެ އާއި އައްޑޫގައި ސިލްސިލާ ގުރޫޕް މާރާމާރީތަކެއް އަންނަނީ ހިންގަމުންނެވެ. އެކަމާ ގުޅިގެން ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.