Roadha Mihaaru
ލުއި ލޯނުތައް އެތައް ބިލިއަން، ވިސްނަން ވެއްޖެ!

ލުއި ލޯނުތައް އެތައް ބިލިއަނަށް، ވިސްނަން ވެއްޖެ!

11 ޑިސެމްބަރ 2023

ދިރާގުން އިންސްޓޯލްމަންޓަށް ފޯނެކެވެ. ޝީޝާ އިން ސައިކަލެކެވެ. ޗުއްޓީ ހޭދަކުރަން ބޭރަށް ދާން ހުސްކޮށްލަނީ ކްރެޑިޓް ކާޑު ލިމިޓެވެ. އަނެއްކޮޅުން، ގޭގެ ފަރުނީޗަރު އާ ކޮށްލަން ބޭންކަކުން ލުއި ލޯނެކެވެ. މިއީ ވަރަށް ގިނަ ދިވެހިންގެ ދިރިއުޅުމުގެ ހާލަތެވެ. ލޯނާއި އިންސްޓޯލްމަންޓް ފެސިލިޓީތަކަށް ދިވެހިން ވަރަށް ރައްޓެއްސެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދިރާގުން އިންސްޓޯލްމަންޓަށް ފޯނެކެވެ. ޝީޝާ އިން ސައިކަލެކެވެ. ޗުއްޓީ ހޭދަކުރަން ބޭރަށް ދާން ހުސްކޮށްލަނީ ކްރެޑިޓް ކާޑު ލިމިޓެވެ. އަނެއްކޮޅުން، ގޭގެ ފަރުނީޗަރު އާ ކޮށްލަން ބޭންކަކުން ލުއި ލޯނެކެވެ. މިއީ ވަރަށް ގިނަ ދިވެހިންގެ ދިރިއުޅުމުގެ ހާލަތެވެ. ލޯނާއި އިންސްޓޯލްމަންޓް ފެސިލިޓީތަކަށް ދިވެހިން ވަރަށް ރައްޓެއްސެވެ.

އެމްއެމްއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުން ވޭތުވެދިޔަ ހަތް އަހަރު އަމިއްލަ ފަރާތްތަކުން ނެގި ލޯނު ވަނީ 550 މިލިއަން ރުފިޔާ އިން 4.7 ބިލިއަން ރުފިޔާ އިތުރުވެފަ އެވެ. ވަކިވަކި ފަރުދުން ލޯނު ނެގުން އިތުރުވާން ޖެހޭ ސަބަބުތައް ވަރަށް ގިނަ އެވެ. އެއް ސަބަބަކީ ލޯނު ފަސޭހައިން ލިބޭ ގޮތް ބޭންކްތަކުން ފަހިކޮށްދީފައި ހުރުމެވެ. ވަޒީފާއެއްގައި އުޅޭ، ކޮންމެ މަހަކު މުސާރަ އެކައުންޓަށް ވަންނަ މީހަކަށް ބީއެމްއެލް އިން އަދި އެމްއައިބީ އިން ލޯނާއި ފައިނޭންސިން ހޯދުމަކީ ވަރަށް ފަސޭހަ ކަމެކެވެ.

މޯބައިލް ބޭންކް މެދުވެރިކޮށް ހިދުމަތް ހޯދަނީ --- ފޮޓޯ: ބީއެމްއެލް

މޯބައިލް ބޭންކް މެދުވެރިކޮށް ހިދުމަތް ހޯދަނީ --- ފޮޓޯ: ބީއެމްއެލް

އެމްއައިބީއިން މިދިޔަ އަހަރު "އުޖާލާދިރިއުޅުން" ފައިނޭންސިން ހިދުމަތުގެ ތެރެއިން އެއް ބިލިއަން ރުފިޔާ ހޭދަކުރި އެވެ. އަދި ބީއެމްއެލް އިން ވަނީ ވިޔަފާރިތަކާއި އަމިއްލަ ފަރާތްތަކަށް ލޯނުގެ ގޮތުގައި 4.3 ބިލިއަން ރުފިޔާ މިދިޔަ އަހަރު ދޫކޮށްފަ އެވެ.

އެމްއެމްއޭގެ ރިސާޗް ސްޓަޑީއަކުން ދައްކާ ގޮތުން ބޭންކުތަކުން ދޫކުރާ ލޯނުތަކުގެ ތެރެއިން އެންމެ ބޮޑަށް ފުޅާވި އެއް ދާއިރާއަކީ އަމިއްލަ ފަރާތްތަކަށް ދޫކުރާ ލޯނެވެ. އަމިއްލަ ފަރާތްތަކުން ނަގާ ލޯނުގެ އަދަދު ވަނީ އެވްރެޖުކޮށް އަހަރަކު 40 ޕަސެންޓަށް އިތުރުވެފަ އެވެ. ކޮވިޑާ ގުޅިގެން ލޯނު ނެގުން މަޑު ޖެހުމަށް ފަހު 2021 ވަނަ އަހަރުން ފެށިގެން އަނެއްކާ ވެސް ލޯނު ނެގުން އިތުރުވެ، ކޮވިޑުގެ ކުރިން ނެގި ލޯނުގެ އަދަދު ފަހަނައަޅާ ވަނީ ގޮސްފަ އެވެ.

އެހާ ގިނައިން ލޯނު ނަގަނީ ކީއްވެ؟

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ކޮވިޑަށް ފަހު ހެދި ދިރާސާއިން ދައްކާ ގޮތުން ރާއްޖޭގެ ވަޒީފާ އަދާ ކުރާ އާބާދީގެ 73 ޕަސެންޓް މީހުން އުޅެނީ ވަޒީފާތަކުގަ އެވެ. އަދި 77 ޕަސެންޓު ގޭބީސީތަކުގައި މަދުވެގެން އެކަކު ވަޒީފާއެއްގައި އުޅެ އެވެ. ވަޒީފާތަކުގައި މީހުން އުޅުނެއް ކަމަކު، އެމީހުންނަށް ލިބޭ މުސާރަ އާއި ކުރަން ޖެހޭ ހަރަދާ ނުބައްދަލެވެ.

ބޭންކިން ދާއިރާގެ ބޭފުޅަކު ވިދާޅުވީ، ހަރަދުތައް ހަމަޖައްސަން ލޯނު ނަގާ އެއް ސަބަބަކީ، ދިރިއުޅުމުގެ ހަރަދުތައް އިންތިހާއަށް ބޮޑުވުން ކަމަށެވެ. އޭނާ ވިދާޅުވީ، މާލޭގައި ބޮޑު އާބާދީއެއް ކުލީގައި ދިރިއުޅޭ އިރު ލިބޭ އާމްދަނީގެ 60-70 ޕަސެންޓް ހޭދަކުރަން ޖެހެނީ ކުއްޔަށް ކަމަށެވެ. މިއީ ރާއްޖެއަށް ވުރެ މާ ތަރައްގީ ގައުމުތަކުގައި ވެސް ކުއްޔަށް ހަރަދު ކުރަން ޖެހޭ ވަރަށް ވުރެ މާ ބޮޑު އަދަދެއް ކަމަށެވެ. އެހާ ބޮޑު އެއްޗެއް ކުއްޔަށް ދައްކަން ޖެހުމުން، އެހެން ކަންކަން ކުރުމަށް ލޯނު ނުގަނާ ހަމަޖައްސަން އޮންނަނީ އުނދަގޫވެފަ ކަމަށެވެ.

"މިސާލަކަށް މެލޭޝިއާ ކަހަލަ ގައުމުތަކުގައި ތިން ކޮޓަރީގެ އެޕާޓްމެންޓް، ފަނުރީޗަރާ އެކު ލިބޭނެ 3،000 ރިންގެޓްސްއަށް. އެއީ ރާއްޖޭގެ 10،000ރ. އެކަމަކު ރާއްޖޭގައި ފަރުނީޗަރު ނުލާ ތިން ކޮޓަރީގެ އެޕާޓްމެންޓްގެ އަގު އުޅެނީ 20،000-25،000ރ. ގައި،" އޭނާ ވިދާޅުވި އެވެ.

މިދިޔަ ހަތް އަހަރު އަމިއްލަ ފަރާތްތަކުން ނެގި ލޯނުގެ އަދަދު. މިދިޔަ އަހަރު ވަނީ 4.7 ބިލިއަން ރުފިޔާގެ ލޯނު ނަގާފައި -- ފޮޓޯ: މިހާރު

މިދިޔަ ހަތް އަހަރު އަމިއްލަ ފަރާތްތަކުން ނެގި ލޯނުގެ އަދަދު. މިދިޔަ އަހަރު ވަނީ 4.7 ބިލިއަން ރުފިޔާގެ ލޯނު ނަގާފައި -- ފޮޓޯ: މިހާރު

ކުއްޔަށް އެހާ ބޮޑު އަދަދެއް ހޭދަކުރަން ޖެހޭ އިރު، މިއީ ސިވިލް ސާވިސްގެ އާދައިގެ ވަޒީފާއެއްގައި އުޅޭ މީހަކަށް އެކަނި ހަމަޖެއްސޭ ހަރަދަކަށް ނުވެ އެވެ. އެހެންވެ އަބަދުވެސް ޖެހެނީ ކޮންމެވެސް އެހެން ބަޔަކާ އެކީ، އެ ހަރަދުތައް ހަމަޖައްސާށެވެ. ވޯލްޑް ބޭންކުން މިދިޔަ އަހަރު ނެރުނު "ޕަބްލިކް އެކްސްޕެންޑިޗާ ރިވިއު"ގައި ވާ ގޮތުން މާލޭގައި ދިރިއުޅުމަށް 46،000ރ. ގެ އާމްދަނީއެއް ލިބެން ޖެހެ އެވެ. އެވަރު ސިވިލް ސާވިސްގެ ދެ މުވައްޒަފުންގެ މުސާރަ އެއްކޮށްލުމުން ވެސް ނުވެ އެވެ. އެހެންވެ، ދިރިއުޅުން ހަމަޖައްސަން އެކި ގޮތްގޮތުން ފައިސާ ހޯދަން ޖެހެ އެވެ.

އޭނާ ވިދާޅުވި އަނެއް ސަބަބަކީ، ރާއްޖޭގެ ދިރިއުޅުމުގެ ހަރަދުތަކާއި ލިބޭ އާމްދަނީއާ ނުބައްދަލުވުމެވެ. ރާއްޖޭގައި މިނިމަމް ވޭޖެއް ކަނޑައެޅި އިރު އެއީ ވެސް ކުރަން ޖެހޭ ހަރަދުތަކާ ބަލާ އިރު އެކަށީގެންވާ އަދަދެއް ނޫނެވެ. މިސާލަކަށް މަހަކު 8،000ރ. ލިބޭ މީހެއްގެ ގަޑި އިރަކަށް ލިބޭނީ 38ރ. އެވެ. އެ އަދަދުން އެ މީހާއަށް ރެސްޓޯރެންޓަކުން "މީލް" އެއް ވެސް ނުނެގޭނެ އެވެ. އެންމެ އާދައިގެ "ފްރައިޑް ރައިސް" އެއްގެ އަގު ވެސް މިހާރު އެވްރެޖުކޮށް އުޅެނީ 65ރ-90ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.

އިނގިރޭސިވިލާތް ފަދަ ގައުމުތަކުގައި މިނިމަމް ވޭޖުގެ ގޮތުގައި ގަޑިއިރަކަށް 11 ޕައުންޑް ޖެހޭ އިރު އެއީ އެގައުމުގެ މީހަކަށް ދެ އިރު ކައިގެން ހުރެވޭނެ ވަރެކެވެ.

ހަރަދުތައް މެނޭޖްކުރަން ދަސްކުރަންވީ

ވަރަށް ގިނަ ދިވެހިންނަކީ އެއް މަހުގެ މުސާރައިން އަނެއް މަހުގެ މުސާރައަށް ދިރިއުޅޭ މީހުންނެވެ. އެހެން ދިރިއުޅުން ހަމަޖެއްސުމުން ފަހަށް ރައްކާ ކުރާކަށް އެއްވެސް ފައިސާއެއް ނޯވެ އެވެ. އަދި ބޮޑު ކަމެއް ދިމާވާ ހާލަތްތަކުގައި ބޭންކެއް ނޫނީ ރައްޓެއްސެއްގެ އަތުން ޖެހެނީ ލޯނެއް ނަގާށެވެ.

ބޭންކިން ދާއިރާގެ ތަޖުރިބާކާރެއް ވިދާޅުވީ، ލިބޭ އާމްދަނީ މެނޭޖް ކުރުމުގައި 50 ޕަސެންޓް ހޭދަކުރަން ޖެހޭނީ، އާންމުކޮށް ކޮންމެ މަހަކު ކުރަން ޖެހޭ ހަރަދަށެވެ. އަދި 20 ޕަސެންޓް ރައްކާ ކުރުމަށް ފަހު އަނެއް 30 ޕަސެންޓަކީ އެމީހެއްގެ ހިތްހަމަޖެހުމަށް ކުރާ ހަރަދަށް ހެދިދާނެ ކަމަށް ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވީ، މިހެން ހަރަދުތައް ހަމަޖައްސާނަމަ، ހަމައެއް ލަމައެއް ނެތި ހަރަދު ކުރުމުން ދުރުވާނެ ކަމަށެވެ. އަދި މާލީ ގޮތުން ޒިންމާދާރު މީހަކަށްވެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ލިބޭ އެއްޗެއްގެ ބޮޑު ބައި ކުއްޔާއި އަސާސީ ބޭނުންތަކަށް ކުރުމަށް ފަހު، ފައިސާ މެނޭޖު ކުރަން ގިނަ ބަޔަކަށް ނޭންގޭ ކަމަށެވެ. އޭނާ ވިދާޅުވީ، ފައިސާ ގެންގުޅެން ނޭންގުމުން، އަބަދުވެސް ވިސްނަނީ ކުރު މުއްދަތުގެ ހަރަދުތަކާ މެދު އެކަނި ކަމަށެވެ.

"މިވެސް ކޮންމެހެން މުހިއްމު ނޫން ކަންކަމުގައި ކުދި ކުދި ލޯނު ނަގަން ޖެހޭ ކަމެއް. ދިވެހިންގެ ވަރަށް ގިނަ މީހުން ވިސްނާނީ ކޮންމެ މަހެއްގެ ހަރަދަށް އެކަނި. ފަހަށް ރައްކާކޮށް، އާމްދަނީ ބޮޑު ކުރުމުގެ ވިސްނުން ގެންގުޅެނީ އަދިވެސް މަދު ބައެއް،" އޭނާ ވިދާޅުވި އެވެ.

ބޭންކް މުވައްޒަފެއް ފައިސާ ގުނަނީ. މިދިޔަ އަހަރު އެކަނި އަމިއްލަ ފަރާތްތަކަށް ދޫކުރި ލޯނުގެ އަދަދު 4.7 ބިލިއަން ރުފިޔާއަށް ވަނީ އަރާފައި--ފޮޓޯ:މިހާރު

ބޭންކް މުވައްޒަފެއް ފައިސާ ގުނަނީ. މިދިޔަ އަހަރު އެކަނި އަމިއްލަ ފަރާތްތަކަށް ދޫކުރި ލޯނުގެ އަދަދު 4.7 ބިލިއަން ރުފިޔާއަށް ވަނީ އަރާފައި--ފޮޓޯ:މިހާރު

އޭނާ ވިދާޅުވީ، ދަރަނި ނެގުމަކީ ކޮންމެހެން މައްސަލައެއް ވެސް ނޫން ކަމަށާއި، މައްސަލައަކީ، ހަރަދުތައް ހަމަޖައްސާނެ ގޮތެއް ނޭންގުން ކަމަށެވެ.

"ކިތަންމެ ކުޑަ އާމްދަނީއެއް ވެސް ނުވަތަ ބޮޑު އާމްދަނީއެއް ލިބުނަސް، އެމީހަކަށް ހަރަދު ހަމަޖައްސަން އެނގިއްޖެ ނަމަ، އެކަންވާނެ. މިހެން ބުންޏަސް އެބަ ހުރި، ނުބައްދަލު ބޮޑެތި ހަރަދުތައް ވެސް. އެކަމަކު ފައިސާ ގެންގުޅުމުގައި ދިވެހިން ޑިސިޕްލީނު ނޫން ކަން ވެސް އެބަ ފާހަގަކުރެވޭ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ހަރަދުތައް ހަމަޖެއްސުމަށް މުސާރައަށް އެކަނި ބަރޯސާ ނުވެ، އިތުުރު ގޮތްތައް ވެސް ހޯދަން ޖެހޭ ކަމަށެވެ.

މިކަމާ ގުޅޭ ސީދާ ދިރާސާއެއް ނެތް ނަމަވެސް، ސިވިލް ކޯޓުގައި ކޮންމެ ދުވަހަކު ތާވަލް ކުރާ މައްސަލަތަކުން ވެސް ދިވެހިން ހަރަދުތައް ހަމަޖެއްސުމުގައި ޒިންމާދާރުކަން ކުޑަކަން ކޮންމެވެސް ވަރަކަށް ސާފުވާނެ އެވެ. ކޮންމެ ދުވަހެއްގެ ތިން ހަތަރު މައްސަލަ އޮންނާނީ ކޮންމެވެސް ބޭންކެއްގެ ލޯނެއްގެ މައްސަލައަކާ ގުޅިގެންނެވެ. އެ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރު އެކަނި 1.4 ބިލިއަން ރުފިޔާ ދަރަނީގެ ގޮތުގައި ސާބިތުވެފައިވެ އެވެ. އޭގެ ތެރޭގައި ވިޔަފާރިތަކުގެ ދަރަނީގެ މައްސަލަތަކާއި ބޭންކްތަކުން ހުށަހަޅާފައިވާ ލޯނާއި ކްރެޑިޓް ކާޑުތަކުގެ މައްސަލަތައް ވެސް ހިމެނެ އެވެ.

ހަރަދު ބޮޑު ދިރިއުޅެއް އުޅުމުގެ ގޮންޖެހުމުގެ ތެރެއިން ހަރަދުތައް މެނޭޖްކުރަން އެބަ ދަސްކުރަން ޖެހެ އެވެ. ކިރިޔާ ކަމެއްވާ އިރަށް ކުދި ލޯނުތައް ނެގުމުގެ ބަދަލުގައި ދުރު ރާސްތާ ޕްލޭނެއްގެ ތެރެއިން ފަހަށް ރައްކާ ކުރަން އެބަ ދަސްކުރަން ޖެހެ އެވެ.

ދައުލަތުގެ ދަރަނި މިވަގުތު 100 ބިލިއަން ރުފިޔާގައި ހުރި އިރު މިވަގުތު ވަކި ވަކި ފަރުދުންގެ ދަރަނި ވެސް އޮތީ ފަސް ބިލިއަނަށް އަރައިފަ އެވެ. މިކަން ހައްލުކުރުމަށް ސިޔާސަތު އެކުލަވައިލުމުގައި އެޅޭނެ ފިޔަވަޅުތައް އެބަހުއްޓެވެ. އެކަމަކު މި ހާލަތުން އަރައިގަތުމަށް ފަރުދީ ޒިންމާ ވެސް އެބަ އޮތެވެ. ހަރަދު ބޮޑު ދިރިއުޅެއް އުޅުމުގެ ގޮންޖެހުމުގެ ތެރެއިން ހަރަދުތައް މެނޭޖްކުރަން އެބަ ދަސްކުރަން ޖެހެ އެވެ. ކިރިޔާ ކަމެއްވާ އިރަށް ކުދި ލޯނުތައް ނެގުމުގެ ބަދަލުގައި ދުރު ރާސްތާ ޕްލޭނެއްގެ ތެރެއިން ފަހަށް ރައްކާކުރަން އިސްކަންދިނުން މުހިއްމެވެ.