Roadha Mihaaru
ގޯތި/ފްލެޓް ލިބުނު މީހުން މަގުމަތިވިޔަނުދޭނަން: އާޒިމް

ގޯއްޗާއި ފްލެޓް ލިބުނު މީހުން މަގުމަތިވިޔަކަ ނުދޭނަން: އާޒިމް

10 ޑިސެމްބަރ 2023

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓް ލިބުނު މީހުން މަގުމަތިވިޔަ ނުދެއްވާނެ ކަމަށް، މާލޭގެ މޭޔަރު ކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އާދަމް އާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓް ލިބުނު މީހުން މަގުމަތިވިޔަ ނުދެއްވާނެ ކަމަށް، މާލޭގެ މޭޔަރު ކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އާދަމް އާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.

މާލޭގެ އާ މޭޔަރު ހޮވުމަށް އަންނަ މަހު ބާއްވާ ބައި-އިލެކްޝަނަށް، އެމްޓީސީސީގެ ކުރީގެ ސީއީއޯ އާޒިމްގެ ކެމްޕެއިން ލޯންޗުކުރުމަށް މިރޭ އެމްޑީޕީގެ ސޯސަން ޖަގަހަ ކުރިމަތީގައި ހާއްސަ ޖަލްސާއެއް ބޭއްވި އެވެ. މި ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ސަރުކާރުގެ އިސް ބައެއް ވެރިން އަދި އެމްޑީޕީގެ އިސްވެރިން ވެސް ބައިވެރިވެޑައިގެންނެވި އެވެ.

މި ޖަލްސާގައި އާޒިމް ވިދާޅުވީ ގާނޫނީ އިމުގެ ތެރެއިން ގޯއްޗާއި ފްލެޓް ޔަގީންކުރަން ކުރެވެން ހުރި ހުރިހާ ކަމެއް އޭނާ ކުރައްވާނެ ކަމަށެވެ.

އާޒިމް ވިދާޅުވީ މޭޔަރުގެ ކެމްޕެއިނަށް މާލޭގެ ގޭގެއަށް ޒިޔާރަތް ކުރެއްވި އިރު، މާލޭ މީހުން ދިރިއުޅެމުންދާ ދަތި ހާލު ފެނިވަޑައިގެންނެވި ކަމަށެވެ. އެހެންވެ، މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެއް ގެނައުމަށް ކުރީގެ ސަރުކާރުން ފަށާފައި އޮތް މަސައްކަތް ހުއްޓުވިޔަ ނުދިނުމަށް ކުރަން ޖެހުނު ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭގެ މޭޔަރު ކަމަށް އެމްޑީޕީން ވާދަކުރައްވާ އާދަމް އާޒިމްގެ ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްއާ އެކު.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އާޒިމް އެގޮތަށް ވިދާޅުވީ ކުރީގެ ސަރުކާރުން އިއުލާންކުރި ފުރަތަމަ 4،000 ފްލެޓް ލިސްޓަށް ފެލްޓް ދިނުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވައިފައި ވަނިކޮށެވެ. އަދި މިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކުރިން ދޫކުރި އެއްވެސް ފްލެޓަކަށް "އިހުތިރާމް ނުކުރާނެ" ކަމަށް އާ ސަރުކާރުން ވަނީ ބުނެފަ އެވެ.

އޭނާ ވިދާޅުވީ އާ ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއެއްގެ ގޮތުގައި ޕްލޭންކޮށްފައިވާ ކ. ފުށިދިއްގަރުފަޅު ހިއްކުމަކީ "މިވަގުތަށް އޮޕްޝަނެއް ނޫން" ކަމަށެވެ. މި ވަގުތު އިސްކަން ދޭންވީ މިހާރު ހިއްކާފައި އަދި ހިއްކަމުން އަންނަ ތަންތަން ތަރައްގީކުރުމަށް ކަމަށް އާޒިމް ވިދާޅުވި އެވެ.

"މި ވަގުތު އަޅުގަނޑުމެން ކަންތައް ކުރަންވީ ގޮތަކީ ހިއްކާފައި ހުރި ބިންތަކުގައި ފެނާއި ނަރުދަމާ އާއި ކަރަންޓާއި މަގުތަކާއި ހޮސްޕިޓަލާއި މިސްކިތާއި ސްކޫލާ އަޅާފައި އެތަނަށް މީހުންނަށް ދެވޭ ގޮތް ހަދައިދޭންވީ. އެއީ ކުރަންވީ ކަމަކީ. އެއްގޮތަށް ވެސް އަނެއްކާ އަނެެއް 30 އަހަރު މިތަނުގައި މީހުން ގަނަތަޅުވަން ބައިތިއްބަން ވީ ކީ ނޫން،" އާޒިމް ވިދާޅުވި އެވެ.

"ސީދާ ގަނަތަޅުވާ ސިޔާސަތެއްގެ ދަށުން އެ ބޭފުޅުން [ސަރުކާރުން] ކަންތައް ކުރަން އެ އުޅެނީ."

އާ ސަރުކާރުން މާލެ ސަރަހައްދުގެ ބޯހިޔާވަހިކަން ހައްލުކުރުމަށް ބަޖެޓްގައި ހިމެނި ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ބަޖެޓް ކޮމިޓީގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީން ބޭނުންވެގެން ބަޖެޓުން މިދިޔަ ހަފުތާގައި ވަނީ އުނިކޮށްފަ އެވެ. އެ މަޝްރޫއު ބަޖެޓުން އުނިކުރީ ކުރީގެ ސަރުކާރުން ގުޅިފަޅާއި ގިރާވަރުފަޅުން ބޯހިޔާވަހިކަން ދޭން ފަށާފައިވާ މަޝްރޫއުގެ އިތުރުން އަތޮޅު ތެރޭގެ ޕީއެސްއައިޕީ އަށް އިސްކަން ދިނުމަށް ކަމަށް އެ ޕާޓީން މިއަދު ބުންޏެވެ.

މާލޭގެ މޭޔަރު ކަމަށް އެމްޑީޕީން ވާދަކުރައްވާ އާދަމް އާޒިމްގެ ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްއާ އެކު ސިޓީ ކައުންސިލުގެ ހުސްވެފައިވާ އެހެން ގޮނޑިތަކަށް ވާދަކުރަައްވާ ބޭފުޅުން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އާޒިމް ވަނީ އޭނާގެ މޭޔަރުކަމުގެ ދަށުން މާލެ އަށް އޭނާ ގެންގުޅުއްވާ ތަސައްވުރާ ގުޅޭ ގިނަ ކަންކަން މިރޭގެ ޖަލްސާގައި ހިއްސާކުރައްވައިފަ އެވެ.

އާޒިމް ވިދާޅުވީ އޭނާ ތަނެއް ހިންގަން ހަވާލުމަށް ފަހު އެންމެ އިސްކަމެއް ދެނީ އެތަނެއް ޓްރާންސްޕޭރެންޓް ކުރުމަށް ކަމަށާއި އެކަމަގެ ސަބަބުން ތަން ކުރިއަރައިގެން ދާނެ ކަމަށެވެ. މާލޭ ސިޓީ ކައުންސިލް ހިންގަނީ ދައުލަތުން ބަޖެޓުން ދީގެން ކަމަށާއި އެތަނުގައި ހުރީ ދިވެހި ރައްޔިތުންގެ ފައިސާ ކަމަށް ވާތީ، ދެފުށްފެންނަ ގޮތަށް ކަންކަން ކުރަން ޖެހޭނެ ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.

އާޒިމްގެ ބައެއް ވައުދުތައް

• މަދުވެގެން އަހަރަކު ހަތަރު ފަހަރު އަވަށު ބައްދަލުވުން ބާއްވާއި ރައްޔިތުންގެ ބައިވެރިވުމާ އެކު ކަންކަން ނިންމުން.

• ހިދުމަތްތައް ހޯދަން އާދޭސްކުރަން ޖެހުން ހުއްޓުވުމާއި ނުފޫޒު ބޭނުންކޮށްގެން ހިދުމަތް ހޯދުން ހުއްޓުވުން.

• މާލޭގެ ބިމުގެ އޮޑިޓެއް ހަދައި ބިން ބޭނުންކުރަނީ އެންމެ ރަނގަޅަށްތޯ ބެލުމާއި ޕާކިން ޖާގަ އަށާއި ޕާކުތަކަށް ބިން ބޭނުންކުރުން.

• ކުނީގެ މައްސަލަ ހަމައަކަށް އެޅުވުން.

• އަސާސީ ހިދުމަތް ދޭ ކުންފުނިތަކާ ގުޅިގެން ސިޓީ ކައުންސިލްގެ ހިދުމަތުގެ ފެންވަރު މަތިކުރުން.

• ޕާކިން އާއި ޓްރެފިކްގެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރުން.

މާލޭގެ މޭޔަރު ކަމަށް އެމްޑީޕީން ވާދަކުރައްވާ އާދަމް އާޒިމްގެ ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްއާ އެކު ސިޓީ ކައުންސިލުގެ ހުސްވެފައިވާ އެހެން ގޮނޑިތަކަށް ވާދަކުރަައްވާ ބޭފުޅުން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މާލޭގެ މޭޔަރު ކަމަށް އެމްޑީޕީން ވާދަކުރައްވާ އާދަމް އާޒިމްގެ ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްއާ އެކު ސިޓީ ކައުންސިލުގެ ހުސްވެފައިވާ އެހެން ގޮނޑިތަކަށް ވާދަކުރަައްވާ ބޭފުޅުން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"އަޅުގަނޑަކީ ވިސްނައިގެން ޕްލޭންކޮށްގެން ދެމެހެއްޓެނިވި ގޮތަކަށް މަސައްކަތްކުރާ މީހެއް. އަޅުގަނޑުގެ ޓްރެކް ރެކޯޑަށް ރައްޔިތުންގެ އިތުބާރު އެބައޮތް. އެންމެން ވެސް އަޅުގަނޑަށް ކަންތައްތައް ކުރެވޭނެ ކަމަށް އިއްތިފާގުވޭ،" ކުރީ ސަރުކާރުގައި އެމްޓީސީސީގެ ސީއީއޯ ކަން ކުރެއްވި އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ މާލެ އަކީ ގޮންޖެހުންތައް ގިނަ، އެތައް ޒަމާނެއް ވަންދެން އަޅާނުލެވި އޮތް ސިޓީއެއް ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ކަމެއް ނުކުރަން 1،000 އުޒުރު ދެއްކޭ ނަމަ، ކަމެއް ކުރަން ވެސް 1،000 ގޮތް ދެއްކޭނެ. އަޅުގަނޑު ގޮތް ދައްކައިދޭނަން،" އޭނާ ވިދާޅުވި އެވެ.