ސިނަމާލެ އާއި މާލޭ ހިޔާގެ ފްލެޓްތަކުގެ މައްސަލަ ހައްލުކުރުމަކީ މާލޭ ސިޓީ ކައުންސިލުގެ ޒިންމާއަކަށް ވިޔަސް އެކަމަށް ހައްލެއް އަދިވެސް ގެނެސްދެވިފައި ނުވާތީ، އެ މައްސަލައަށް ސަރުކާރުން "އިންޓަވީންކޮށް" އެކަން ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
17 ޑިސެމްބަރ 2025
ސިނަމާލެ އާއި މާލޭ ހިޔާގެ ފްލެޓްތަކުގެ މައްސަލަ ހައްލުކުރުމަކީ މާލޭ ސިޓީ ކައުންސިލުގެ ޒިންމާއަކަށް ވިޔަސް އެކަމަށް ހައްލެއް އަދިވެސް ގެނެސްދެވިފައި ނުވާތީ، އެ މައްސަލައަށް ސަރުކާރުން "އިންޓަވީންކޮށް" އެކަން ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އިމާދުއްދީން ސްކޫލް ހޯލުގައި ރޭ ބޭއްވި ޖަލްސާގައި ސިނަމާލެ އާއި މާލޭ ހިޔާގެ ފްލެޓްތަކުގައި ދިރިއުޅޭ މީހުން ވަނީ، ވަރަށް ބޮޑަށް ބާވެފައި ހުރި އެ އިމާރާތްތަކުގެ ހާލަތާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ރައީސްއާ ހިއްސާކޮށްފަ އެވެ. އަދި އެ ފްލެޓުތަކުގެ ޖޫރިމަނާ މާފުކޮށްފައި ވަނިކޮށް، ޖޫރިމަނާގެ ފައިސާ ދައްކަން މާލޭ ސިޓީ ކައުންސިލުން ސިޓީ ފޮނުވާ ކަމަށް ބުނެ ވެސް މީހަކު ކަންބޮޑުވުން ފާޅުކުރި އެވެ.
އެ ކަންކަމާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ އެމަނިކުފާނު މާލޭގެ މޭޔަރަކަށް ހުންނެވި އިރު، ސިނަމާލެ އާއި މާލޭ ހިޔާ ފްލެޓްތަކުގެ ހުރިހާ ޖޫރިމަނާއެއް މާފުކޮށްދެއްވާފައިވާ ކަމަށެވެ.
އެއީ، ސިނަމާލެ ހަތަރު ފްލެޓާއި މާލޭ ހިޔާގެ ދެ ފްލެޓަށް ކުލި ނުދައްކައިގެން ކޮށްފައިވާ ޖޫރިމަނާ އެވެ. އެ ޖޫރިމަނާ މާފުކޮށްދިނީ ނޮވެމްބަރު 2022 ގަ އެވެ.
އެ މައްސަލައާ ގުޅިގެން ރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ ޖޫރިމަނާ މާފުކޮށްދީފައި ވަނިކޮށް ސިޓީ ކައުންސިލުން އެގޮތަށް ކަންތައް ކޮށްގެން ނުވާނެ ކަމަށެވެ. އަދި އެކަން ހިނގާފައި އޮތް ގޮތެއް ބަލަން، ރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މާލޭގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝްގެ އަރިހުގައި ރައީސް އެދިވަޑައިގަތެވެ.
ރައީސް ވިދާޅުވީ ސިނަމާލެ އާއި މާލޭ ހިޔާގެ މައްސަލަ ހައްލުކުރުމުގެ ކަންކަން ސިޓީ ކައުންސިލަށް ނުވާ ކަމަށެވެ.
"އެތަނުގެ ހާލަތާއި އެތަނުގައި މި ހުރި ހުރިހާ ކަމެއް، ލިފްޓުގެ މައްސަލަ، ފާހާނަތަކުން ފެން ފޭބުން ވިޔަސް، މިވެސް ސީދާ ކައުންސިލުން ބަލަހައްޓަން ޖެހޭ ތަނެއް، މެއިންޓެނަންސަކީ ކައުންސިލްގެ ޒިންމާއެއް، އެކަން އެ އޮތީ ނުކުރެވި. އެތަނަށް ދައްކަން ހުރި ފައިސާގެ ކަންތައް ވެސް، މިއީ ހަމަ ސީރިއަސް އިޝޫސްތައް،" ރައީސް ވިދާޅުވި އެވެ.
"ކައުންސިލުން ކުރަން ޖެހޭ ކަމެއް ކައުންސިލަކަށް ނުކުރެވުނު. އެހެންވީމާ، ސަރުކާރުން މިކަމުގެ ތެރެއަށް ސްޓެޕްއިން ކޮށްގެން ވާނީ."
ރައީސް ޑރ. މުހައްމަދު މުއިއްޒު ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ރައީސް ވިދާޅުވީ ސިޓީ ކައުންސިލުގެ މައްޗަށް މި މައްސަލަ ދޫކޮށްލާފައި ބޭއްވުމަށް ވުރެ މިހާރު މައްސަލަ މާ ސީރިއަސް ވެއްޖެ ކަމަށެވެ. އެހެންވީމަ، ސަރުކާރުން މި މައްސަލައަށް ހައްލެއް ހޯދަން މަސައްކަތްކުރާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި ވަނީ ސިނަމާލެ އާއި މާލޭ ހިޔާގެ ފްލެޓްތައް ތަޅާލައި، އެ މީހުން ދިރިއުޅެން އެހެން ފްލެޓްތަކެއް އަޅަން ނިންމައިފަ އެވެ. އަދި އެ އިމާރާތް ޑިޒައިންކުރުމުގެ އެއްބަސްވުމެއްގައި ހޮންކޮންގުގެ އެސްއެފް ޕްރޮޖެކްޓް ކޮންސަލްޓެންސީއާ އެކު އޮގަސްޓް 17، 2023 ގައި ސޮއިކުރި އެވެ.
ސިޓީ ކައުންސިލުން އޭރު ހެދި އެއްބަސްވުމުގެ ދަށުން 1،500 ހައުސިން ޔުނިޓް އަޅަން ވަނީ ހަމަޖެހިފަ އެވެ. އެއީ މާލެ ހިޔާ އަދި ސިނަމާލެ ފްލެޓުތައް ހިމެނޭ 23،476 އަކަ މީޓަރުގެ ބިމެއްގަ އެވެ. ނަމަވެސް، އެ ސަރަހައްދުގައި ހޭންޑްބޯޅަ ކޯޓު އޮތުމުން 3،310 އަކަ މީޓަރު ވަނީ އުނިކޮށްފަ އެވެ. އެހެންވެ، ފްލެޓުގެ އަދަދު 1،360 އަށް ވަނީ މަދުކޮށްފަ އެވެ.
ސިޓީ ކައުންސިލުން މި އަހަރު ކުރީކޮޅުގައި ބުނެފައިވާ ގޮތުގައި ސިނަމާލެ އާއި މާލެ ހިޔާގެ ބާ އިމާރާތްތައް ތަޅާލާނީ މިހާރު އެ ތަންތަނުގައި ދިރިއުޅޭ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖެހުމުންނެވެ.
ފަހި ފްލެޓުގެ ޑައުންޕޭމަންޓަށް ލުއިގޮތެއް ހޯދަނީ
އެއްކޮޓަރީގެ ފްލެޓް ދޫކޮށްލުމުން ތިން ކޮޓަރި ފްލެޓްދެނީ
1 ކޮޓަރި ދޫކޮށް، އެހެން ސްކީމަކުން ފުރުސަތު ދެނީ
ބޮޑު ޑްރެޖަރާ އެކު ރަސްމާލެ ހިއްކުން ހަލުވިކޮށްފި
ހިޔާ/ވިނަރެސް އަށް ދޫކުރި ލޯނު އިންޓްރެސްޓް ކުޑަކުރަނީ
އައްޑޫގެ ރަށްތަކުގައި 200 ހައުސިން ޔުނިޓް އަޅަނީ
އަގުހެޔޮ ބޯހިޔާވަހިކަން ތަންފީޒު ކުރަން ލުއިތަކެއް!
"ރާއްޖޭގެ އިގުތިސާދީ ދުވެލި ހުރީ ރަނގަޅު ސްޕީޑުގައި"
އިންޑިއާގެ އެހީގައި ހެދި 4،000 ފްލެޓް ހަވާލުކޮށްފި
18 އަހަރުން މައްޗަށް ގެދޮރު ދޭން މިއަހަރު ހުޅުވާލަނީ