Roadha Mihaaru
ޑްރަގު މައްސަލާގައި ހިމެނޭ އެތައްބަޔަކު ޖަލުން ދޫކޮށްލި

ޑްރަގު މައްސަލަތަކުގައި ހިމެނޭ ވަރަށް ގިނަ ބަޔަކު ކުރީގެ ސަރުކާރުން ޖަލުން ދޫކޮށްލި

11 ޑިސެމްބަރ 2023

މަސްތުވާތަކެތި ޓްރެފިކްކުރުމާއި ކުޑަކުދިންނާ ބެހުމާއި ނުރައްކާތެރި މާރާމާރީތަކުގެ މައްސަލަތަކުގައި ޖަލަށް ލާފައިވާ އެތައް ބަޔަކު ހިމެނޭހެން ކްލެމެންސީ އާއި ޕެރޯލްގެ ދަށުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މި އަހަރުގެ ތެރޭގައި އެކަނި 434 މީހަކު ޖަލުން ދޫކޮށްލާފައިވާކަން ހާމަވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

މަސްތުވާތަކެތި ޓްރެފިކްކުރުމާއި ކުޑަކުދިންނާ ބެހުމާއި ނުރައްކާތެރި މާރާމާރީތަކުގެ މައްސަލަތަކުގައި ޖަލަށް ލާފައިވާ އެތައް ބަޔަކު ހިމެނޭހެން ކްލެމެންސީ އާއި ޕެރޯލްގެ ދަށުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މި އަހަރުގެ ތެރޭގައި އެކަނި 434 މީހަކު ޖަލުން ދޫކޮށްލާފައިވާކަން ހާމަވެއްޖެ އެވެ.

"މިހާރު" އިން އެދިގެން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ދިން ހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން މިދިޔަ ނޮވެމްބަރު 16 އާ ހަމައަށް ޕެރޯލް އަދި ކްލެމެންސީގެ ދަށުން ދޫކޮށްލި 434 މީހުންގެ ތެރެއިން ޕެރޯލްގެ ދަށުން 53 މީހަކު ދޫކޮށްލި އެވެ.

އޭގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތީގެ ކުށްތަކުގައި ޖަލުގައި ތިބި މީހުންނެވެ.

● ކެނެބިސް ބޭނުން ކުރުން: 6 މީހުން

● ޑައިމޯފިން ބޭނުން ކުރުން: 23 މީހުން

● މަސްތުވާތަކެތި ބޭނުން ކުރުން: 14 މީހުން

● މަސްތުވާތަކެތި ވިޔަފާރިކުރުން: 1 މީހަކު

● މަސްތުވާތަކެތި ޓްރެފިކް ކުރުން: 2 މީހުން

މީގެ އިތުރުން ޖިންސީ ކުށުގައި ތިބި ދެ މީހަކާއި ތޫނު އެއްޗަކުން ހަމަލާދިން މީހަކާއި ވައްކަން ކުރުމުގެ ކުށުގައި ޖަލުގައި ތިބި ދެ މީހަކަށް ޕެރޯލް ދީފައިވެ އެވެ. ޓެރަރިޒަމްގެ ކުށުގެ ދައުވާ އޮތް ދެ މީހަކު ވެސް ވަނީ ދޫކޮށްލައިފަ އެވެ.

ކްލެމެންސީ އާއި އަފޫއާމްގެ ދަށުން ޖުމްލަ 290 މީހަކު ވަނީ ދޫކޮށްލައިފަ އެވެ. އޭގެ ތެެރޭގައި ވެސް އެންމެ ގިނައީ މަސްތުވާތަކެތީގެ ކުށްތަކުގައި ތިބި މީހުންނެވެ. އެއީ ޖުމްލަ 249 މީހުންނެވެ.

● ކެނެބިސް ބޭނުންކުރުން: 26 މީހުން

● ޑައިމޯފިން ބޭނުންކުރުން: 60 މީހުން

● މަސްތުވާތަކެތި ބޭނުންކުރުން: 84 މީހުން

● ޑައިމޯފިން ޓްރެފިކްކުރުން: 42 މީހުން

● ކެނެބިސް ޓްރެފިކްކުރުން: 21 މީހުން

● މަސްތުވާތަކެތި ވިޔަފާރިކުރުން: 1 މީހަކު

● މަސްތުވާތަކެތި ޓްރެފިކްކުރުން: 11 މީހުން

● ޑައިމޯފިން ޕެޑެލްކުރުން: 1 މީހަކު

މީގެ އިތުރުން ޖިންސީ ކުށްތަކުގައި ޖަލުގައި ތިބި ތިން މީހަކާއި މުދަލާއި ފައިނޭންޝަލް ކުށްތަކުގައި ތިބި 21 މީހަކު ދޫކޮށްލާފައިވެ އެވެ. އަދި ނުރައްކާތެރި ކުށްތަކުގައި ޖަލުގައި ތިބި 16 މީހަކަށް ކްލެމެންސީގެ ފުރުސަތު ދީފައިވެ އެވެ.

އޭގެ ތެރޭގައި މާރާމާރީ ހިންގައިގެން ޖަލުގައި ތިބި 10 މީހަކާއި ޓެރަރިޒަމްގެ ދައުވާ ލިބޭ މީހަކާއި ތޫނު ހަތިޔާރު ގެންގުޅުނު މީހަކާއި އެހެން މީހެއްގެ ނަފުސަށް ގެއްލުން ދިން ދެ މީހަކާއި ބިރު ދެއްކުމުގެ ކުށުގައި ޖަލުގައި ހުރި މީހަކާއި މޭންސްލޯޓާގެ ކުށުގައި ހުރި މީހަކު ވެސް ހިމެނެ އެވެ.

ގޭބަންދަށް 91 މީހަކު ބަދަލުކުރި

މިނިސްޓްރީން ހާމަކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މި އަހަރު ތެރޭ 91 މީހަކު ވަނީ ޖަލުން ގޭބަންދަށް ބަދަލުކޮށްފަ އެވެ. އޭގެ ތެރޭގައި ވެސް އެންމެ ގިނައީ މަސްތުވާތަކެތީގެ ކުށްތަކުގައި ޖަލުގައި ތިބި މީހުންނެވެ.

● ކެނެބިސް ބޭނުންކުރުން: 1 މީހަކު

● ޑައިމޯފިން ބޭނުންކުރުން: 4 މީހުން

● މަސްތުވާތަކެތި ބޭނުންކުރުން: 19 މީހުން

● ޑައިމޯފިންގެ ވިޔަފާރިކުރުން: 6 މީހުން

● މަސްތުވާތަކެތި ވިޔަފާރިކުރުން: 2 މީހުން

● ކެނެބިސް ޓްރެފިކްކުރުން: 4 މީހުން

މީގެއިތުރުން ޖިންސީ ކުށްތަކުގައި ޖަލުގައި ތިބި 22 މީހަކު ވަނީ ގޭބަންދަށް ބަދަލުކޮށްފަ އެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށުގައި ޖަލުގައި ތިބި 18 މީހަކު ހިމެނެ އެވެ.

ނުރައްކާތެރި ކުށްތަކުގައި ޖަލުގައި ތިބި ހަތް މީހަކު ގޭބަންދަށް ބަދަލުކޮށްފައިވާއިރު މީހަކު މެރުމުގެ މައްސަލައެއްގައި ހިމެނޭ މީހަކު ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. ދެން ހިމެނެނީ މާރާމާރީ ހިންގި މީހަކާއި ބިރުދެއްކި މީހަކާއި މީހަކަށް އަނިޔާއެއް ދިން މީހަކާއި ޓެރަރިޒަމްގެ ކުށްތަކުގައި ޖަލުގައި ތިބި ތިން މީހެކެވެ.

މުދަލާއި ފައިނޭންޝަލް ކުށްތަކުގައި ޖަލުގައި ތިބި 19 މީހަކު ވެސް ގޭބަންދަށް ބަދަލުކޮށްފައިވާކަން ތަފާސްހިސާބުތަކުން ދައްކަ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (މ) އޭރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ (ވ) އަދި ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅާ އެކު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (މ) އޭރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ (ވ) އަދި ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅާ އެކު

ކުރީގެ ސަރުކާރުން މި އަހަރު އެކަނި ވެސް 500 އާ ގާތްކުރާ އަދަދަކަށް ގައިދީން ދޫކޮށްލިއިރު، މާރާމާރީ އާއި ކުށްތައް އިތުރުވުމުގެ މައްސަލަ މިހާރު ވަނީ އެންމެންގެ ސަމާލުކަމަށް އައިސްފަ އެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންގެ ތެރެއިން ހުކުމުގެ މުއްދަތުގައި ކަނޑައެޅިފައިވާ ވަކި ވަރެއް ތަންފީޒުވެ ނިމިފައިވާ މީހުން، މުޖުތަމައުގެ ރައްކާތެރިކަން ނުގެއްލޭނެ ގޮތެއްގެ މަތިން މުޖުތަމައަށް އަލުން އަހުލުވެރިކުރުވުމަށްޓަކައި، ކަނޑައެޅޭ ވަކި ޝަރުތުތަކަކާ އެކު ޕެރޯލްގެ ދަށުން ދޫކުރުމުގެ ފުރުސަތު ލިބެ އެވެ.

ޕެރޯލްގެ ދަށުން މީހުން ދޫކުރަން ނިންމަނީ އެކަމަށް އެދި ޕެރޯލް ބޯޑަށް ހުށަހެޅުމުން، އެ ބޯޑުން ދޭ ލަފާގެ މަތިން ރައިސުލްޖުމްހޫރިއްޔާ އެވެ. ޕެރޯލްގެ ދަށުން މީހުން ދޫކުރާއިރު، އޭނާގެ ސަބަބުން މުޖުތަމައަށް ކުރާނެ ނުރައްކާ އާއި ކުށުގެ ރެކޯޑް ފަދަ ކަންކަމަށް ރިއާޔަތް ކުރަން ޖެހެ އެވެ.

ޕެރޯލްގައި ދޫކޮށްފައިވާ މީހާގެ މައްޗަށް ކަނޑައަޅާފައިވާ ޝަރުތުތަކާ އޭނާ ހިލާފުނުވާހާ ހިނދަކު، މުޖުތަމައުގެ އެހެން މީހުންނެކޭ ވެސް އެއްފަދައިން އުޅުމުގެ މިނިވަންކަން އޭނާއަށް ލިބެ އެވެ.

މާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން އަފުއާމް ހޯދުމަށް ކްލެމެންސީއަށް ބޯޑަށް ހުށަހެޅުމުގެ ފުރުސަތު އޮވެ އެވެ. އެ ބޯޑުގެ ލަފާގެ މަތިން ކުށްވެރިންނަށް މާފުދިނުމާއި އަދަބު ލުއިކުރުމަށް ނިންމަވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ. ޖަލު އަދަބު މާފުކޮށްދިނުމާއި ފަސްކޮށްދިނުމާއި ވަކި މުއްދަތަކަށް ކުރުކުރުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާ އަށް އޮވެ އެވެ.

މީހަކު ކުރި ކުށަކާ ގުޅިގެން، އޭނާގެ މައްޗަށް ކަނޑައަޅާފައިވާ ހުކުމަކީ، ވަކި އަދަދެއްގެ ފައިސާ ދެއްކުން ކަމުގައިވާ ހާލަތް ފިޔަވައި، އެހެން ހާލަތްތަކުގައިވާ މީހާ، އަދަބު މައާފުކޮށްދިނުން އެދި ނުވަތަ އަދަބު ލުއިކޮށްދިނުން އެދި ހުށަހެޅޭނީ އެ މީހެއްގެ މައްޗަށް ސާބިތުވި ކުށުގެ އަދަބަށް ކަނޑައަޅާފައިވާ މުއްދަތުގެ ހަތަރުބައިކުޅައެއްބައި ތަންފީޒުކޮށް ނިމުމުންނެވެ.