Roadha Mihaaru
ކޮމިއުނިޓީ ސާވިސްގެ އަދަބުގައި އިސްކަންދޭނީ އުޅޭ ރަށަށް

ކޮމިއުނިޓީ ސާވިސްގެ އަދަބު ތަންފީޒުކުރާއިރު އިސްކަންދޭނީ އެ މީހަކު ދިރިއުޅޭ ރަށަށް

18 ޖެނުއަރީ 2022

ކުށުގެ އަދަބަކަށް ކޮމިއުނިޓީ ސާވިސް ނުވަތަ މުޖުތަމައުއަށް ޚިދުމަތްކުރުމުގެ އަދަބު ދޭއިރު އެ ހުކުމް އިސްކަންދޭން ޖެހޭނީ އެ މީހަކު ދިރިއުޅޭ ރަށެއްގައި އެ ހުކުމެއް ތަންފީޒުކުރަން ކަމަށް ކަނޑައަޅައި، ޖަލު ބަންދު ފިޔަވައި އިތުރު އަދަބުތައް ދިނުމުގައި އަމަލުކުރަން ޖެހޭނެ ގޮތުގެ ގަވާއިދުގައި ކަނޑައަޅައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކުށުގެ އަދަބަކަށް ކޮމިއުނިޓީ ސާވިސް ނުވަތަ މުޖުތަމައުއަށް ޚިދުމަތްކުރުމުގެ އަދަބު ދޭއިރު އެ ހުކުމް އިސްކަންދޭން ޖެހޭނީ އެ މީހަކު ދިރިއުޅޭ ރަށެއްގައި އެ ހުކުމެއް ތަންފީޒުކުރަން ކަމަށް ކަނޑައަޅައި، ޖަލު ބަންދު ފިޔަވައި އިތުރު އަދަބުތައް ދިނުމުގައި އަމަލުކުރަން ޖެހޭނެ ގޮތުގެ ގަވާއިދުގައި ކަނޑައަޅައިފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހަދަންޖެހޭ މި ގަވައިދު، މިދިޔަ އާދިއްތަ ދުވަހު ވަނީ ގެޒެޓްކޮށްފަ އެވެ.

މުޖުތަމައު އަށް ޚިދުމަތްކުރުމުގެ އަދަބު ދެވޭނެ ތިން ގޮތެއް މި ގަވާއިދުގައި ކަނޑައަޅާފައިވެ އެވެ. އެއީ؛

• ހަމައެކަނި މުޖުތަމައު އަށް ޚިދުމަތްކުރުމުގެ އަދަބު

• ޖަލު އަދަބާ އެކު މުޖުތަމައު އަށް ޚިދުމަތްކުރުމުގެ އަދަބު

• ގޭބަންދުގެ އަދަބާ އެކު މުޖުތަމައު އަށް ޚިދުމަތްކުރުމުގެ އަދަބު

މި ގަވާއިދުގައި ބުނެފައިވާ ގޮތުން، މުޖުތަމައުއަށް ޚިދުމަތްކުރުމުގެ އަދަބު ދޭން ޖެހެނީ، ކުށްވެރިޔާ އަށް އުޖޫރައެއް ނުލިބޭ ގޮތަށެވެ.

ގައިދީން، މާލެ-ހުޅުލޭ ބްރިޖާ ގުޅޭ މާލޭގެ މަގުތައް (މާލޭ ރިންގް ރޯޑް) ހެދުމުގެ މަސައްކަތްތައް ކުރަނީ.-- ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު

ގައިދީން، މާލެ-ހުޅުލޭ ބްރިޖާ ގުޅޭ މާލޭގެ މަގުތައް (މާލޭ ރިންގް ރޯޑް) ހެދުމުގެ މަސައްކަތްތައް ކުރަނީ.-- ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު

ޖަލު ނުވަތަ ގޭބަންދުގެ އަދަބާ އެކު މުޖުތަމައުއަށް ހިދުމަތްކުރުމުގެ އަދަބު ދޭ ނަމަ، އަދަބު ތަންފީޒު ކުރުމަށް އެ ކުށްވެރިޔަކު ބޭނުންވާ ގޮތާއި އޭނާގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ހުރި މިންވަރާއި ޖަލުގެ ހާލަތާއި އޭނާގެ ދިރިއުޅުމާއި އާއިލީ އަދި މާލީ ހާލަތަށް ވެސް ރިއާޔަތްކުރަން ޖެހެ އެވެ. އަދި ކަރެކްޝަންސް އިން މި ހުރިހާ ކަމަކަށް ބެލުމަށް ފަހު، އޭނާގެ ކިބައިގައި ހުރި ހުނަރުތައް ދެނެގަންނަން އެސެސްމަންޓެއް ހަދައި، އަދަބު ދިނުމުގައި އޭގައި ހުރި ހޯދުންތަކަށް ވެސް ރިއާޔަތްކުރަން ޖެހޭނެ އެވެ.

އެ އެސެސްމަންޓް ނިމޭތާ 72 ގަޑިއިރުގެ ތެރޭ ޚިދުމަތެއް ކުރުމަށް ކަނޑައަޅައިފައިވާ ރަށެއްގައި ހުރި، އެ ޚިދުމަތަކާ ގުޅޭ އޮފީހެއް ނުވަތަ ކުންފުންޏަކާ އެކު މަޝްވަރާކޮށް، އެ ޚިދުމަތެއް ކުށްވެރިޔާ ލައްވައި ކުރިޔަށް ގެންދާނޭ ގޮތާ ގުޅޭ ގޮތުން އޭނާއާ އެކު ކަރެކްޝަންސް އިން އެއްބަސްވުމެއްގައި ސޮއިކުރަން ވެސް ޖެހެ އެވެ. އެ އެއްބަސްވުމެއްގައި ސޮއިކުރާތާ 48 ގަޑިއިރުގެ ތެރޭގައި އެ މީހެއްގެ އަދަބު ތަންފީޒު ކުރަން ފަށަން ޖެހެ އެވެ.

މި ގަވައިދުގައި ވަނީ އަދަބު ތަންފީޒުކުރާނެ ތަނެއް ކަނޑައެޅުމުގައި އެންމެ ފުރަތަމަ ބަލަން ވާނީ، ކުށްވެރިޔާ ދިރިއުޅޭ ރަށަކަށް ކަމަށާއި އަދި ދިރިއުޅޭ ރަށުގައި އެފަދަ ހާލަތެއް ނެތް ނަމަ، މާލޭ ސަރަހައްދުގައި ނުވަތަ އަދަބު ތަންފީޒު ކުރެވޭނެ ފަދަ އެ ނޫން ތަނަކަށް ކަމަށެވެ.

އަދަބު ތަންފީޒު ކުރުމަށް، މަސައްކަތް ކުރުމަށް ކަނޑައެޅޭ އޮފީހަކީ ނުވަތަ ކުންފުންޏަކީ އެ ކުށްވެރިޔާގެ މަސްލަހަތު އޮތް ކުންފުންޏެއް ނުވަތަ އޮފީހަކަށް ވެގެން ނުވާނެ އެވެ.

ކުށްވެރިން މޮނީޓާކުރާނެ ގޮތް

ޖަލު އަދަބާ އެކު މުޖުތަމައު އަށް ޚިދުމަތްކުރުމުގެ އަދަބު ދިނުމުގައި ޖަލުތަކުން އަމަލުކުރަން ޖެހޭނެ އުސޫލެއް މި ގަވާއިދަށް އަމަލުކުރާތާ އެއް މަސް ދުވަހުގެ ތެރޭގައި އެކުލަވާލަން ޖެހެ އެވެ. ޖަލު ނުވަތަ ގޭބަންދުގެ އަދަބާ އެކު މުޖުތަމައު އަށް ޚިދުމަތްކުރުމުގެ އަދަބު ދޭއިރު، ކަރެކްޝަންސް އިން އަމަލުކުރަން ޖެހޭ އުސޫލާއި ކުށްވެރިޔާ މޮނީޓާކުރާނެ ގޮތާއި ހިދުމަތް ދޭނެ ރަށް ކަނޑައަޅާނެ ގޮތާއި ޕްރޮބޭޝަނާއި އަދި ޕޭރޯލްގެ އުސޫލުން ކުށްވެރިން ދޫކުރާނެ އުސޫލު ވަރަށް ތަފްސީލުކޮށް މި ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.

މާލެ-ހުޅުލޭ ބްރިޖާ ގުޅޭ މާލޭގެ މަގުތައް (މާލޭ ރިންގް ރޯޑް) ހެދުމުގެ މަސައްކަތްތައް ގައިދީންތަކެއް ކުރަނީ.-- ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު

މާލެ-ހުޅުލޭ ބްރިޖާ ގުޅޭ މާލޭގެ މަގުތައް (މާލޭ ރިންގް ރޯޑް) ހެދުމުގެ މަސައްކަތްތައް ގައިދީންތަކެއް ކުރަނީ.-- ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު

މުޖުތަމައު އަށް ޚިދުމަތްކުރުމަށް ނެރޭ ކުށްވެރިން އެ އަދަބު ތަންފީޒުކުރާ ރަށަކީ ކަރެންޝަންސްގެ ގޮތްޕެއް ނެތް ރަށެއްގައި ނަމަ، އެ ރަށެއްގެ ކައުންސިލާ ގުޅިގެން ކުށްވެރިން މޮނިޓާ ކުރުމަށް މޮނިޓަރިން އޮފިސަރެއް ކަނޑައެޅޭނެ އެވެ؛

• މޮނިޓަރިން އޮފިސަރަކީ ކުށްވެރިޔާގެ މަސްލަހަތު ފުށުއަރާ ފަދަ ފަރާތެއް ނޫންތޯ ކައުންސިލްތަކުންނާއި ކަރެކްޝަންސް އިން ކަށަވަރު ކުރަން ޖެހޭނެ.

• އުޅޭނޫޅޭ ގޮތް ގާތުން ބެލުމަށް ޓެކްނޮލޮޖީގެ ވަސީލަތެއް ބޭނުން ކުރެވިދާނެ އަދި މިފަދަ ވަސީލަތެއް ބޭނުންކުރާ ނަމަ، އެ ބޭނުންކުރާނެ ގޮތުގެ އުސޫލެއް ހަދަން ޖެހޭނެ.

ގަވާއިދު ނުހެދެނީސް، ކޮމިއުނިޓީ ސާވިސްގެ އަދަބު ދޭން ފެށި

ގާނޫނުލް އުގޫބާތު ބުނާ ގޮތުން ކުށްވެރިން ޖަލަށް ލުމުގެ ބަދަލުގައި މުޖުތަމައު އަށް ޚިދުމަތްކުރުވަން ލާޒިމް ކުރުން ފަދަ އަދަބުތައް ދެވިދާނެ އެވެ. މުޖުތަމައު އަށް ޚިދުމަތްކުރުމުގެ އަދަބު ކޯޓުތަކުން ކަނޑައެޅޭނެ އުސޫލުތައް މިދިޔަ އަހަރު ޖުލައި މަހު ސުޕްރީމް ކޯޓުން ކަނޑައެޅުމަށް ފަހު، އެފަދަ އަދަބުތައް ތަންފީޒުކުރުމާ ބެހޭ ގަވާއިދު 60 ދުވަސް ތެރޭގައި ހަދަން ސުޕްރީމް ކޯޓުގެ އުސޫލުގައި ލާޒިމްކުރި އެވެ. އެކަމަކު އެ މުއްދަތު މިދިޔަ އަހަރު ސެޕްޓެމްބަރު މަހަށް ހަމަވިއިރު ވެސް އެފަދަ އުސޫލެއް ކަރެކްޝަންސް އިން ހަދާފައެއް ނުވެ އެވެ.

ކަރެކްޝަންސް އިން ގަވާއިދު ނުހެދިޔަސް، ކްރިމިނަލް ކޯޓުން މިދިޔަ އަހަރު އޮކްޓޯބަރު މަހުގައި ވަނީ މުޖުތަމައު އަށް ޚިދުމަތްކުރުމުގެ އަދަބު ދޭން ފަށައިފަ އެވެ. މިގޮތަށް ފުރަތަމަ އަދަބު ދިނީ ހުއްދަ ނެތި ގެއަކަށް ވަދެ ވައްކަންކުރި ބިދޭސީއަކަށެވެ. އެ މީހާ އެއް މަހަށް ޖަލަށްލުމާ އެކު، 137 ގަޑިއިރަށް މުޖުތަމައު އަށް ޚިދުމަތް ކުރަން ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ.

މުޖުތަމައު އަށް ޚިދުމަތްކުރުމުގެ އަދަބު ތަންފީޒު ކުރުމުގެ ގަވާއިދު ކަރެކްޝަންސް އިން ހަދާފައި ނުވާތީ އޭނާ އަށް އެފަދަ އަދަބެއް ދޭން ދައުލަތުން ދެކޮޅު ވެސް ހެދި އެވެ. އެކަމަކު އެ މައްސަލަ ބެއްލެވި ގާޒީ އިއްވެވި ހުކުމުގައި ވަނީ ކަރެެކްޝަންސް އިން ހަދަން ޖެހޭ އުސޫލެއް ހަދާފައި ނެތުމަކީ ދައުވާ ލިބޭ މީހާ އަށް ލިބެން ޖެހޭ ހައްގެއް ގެއްލެންޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި ކަރެކްޝަންސް އަށް މިވަގުތު މޮނީޓާ ކުރެވޭނެ ފަދަ މަސައްކަތެއް އެ މީހާއާ ހަވާލުކުރަން އެ ހުކުމުގައި އަންގާފައިވެ އެވެ.

ސުޕްރީމް ކޯޓުން ހަމަޖައްސާފައި ވަނީ ކުނި އުކުމާއި ފާހާނާ އާއި މިސްކިތްތަކާއި އާންމު ތަންތަން ސާފުކުރުން ފަދަ މަސައްކަތް ވެސް ކުށްވެރިން ލައްވައި ކުރެވިދާނެ ކަމަށެވެ. އެކަމަކު އަދަބު ދެވޭނީ ދައުލަތުގެ މުއައްސަސާތަކާއި ކުންފުނިތައް މެދުވެރިކޮށް ކަރެކްޝަންސް އިން ހަމަޖައްސާ އުސޫލެއްގެ ތެރެއިންނެވެ.