Roadha Mihaaru
ނަޝީދު "ވަރުބައްޔެއް ނުވާނެ، އެނބުރި އަންނާނެ"!

ނަޝީދު "ވަރުބައްޔެއް ނުވާނެ، އެނބުރި އަންނާނެ"!

13 ޑިސެމްބަރ 2023

ސިޔާސީ މަސައްކަތުގައި މޮޅުވާ ފަހަރާއި ބަލިވާ ފަހަރުތަކުގައި ސަޕޯޓަރުންނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްވާ ޔަގީންކަމެއް އޮވެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ސިޔާސީ މަސައްކަތުގައި މޮޅުވާ ފަހަރާއި ބަލިވާ ފަހަރުތަކުގައި ސަޕޯޓަރުންނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްވާ ޔަގީންކަމެއް އޮވެ އެވެ.

"މި މީހާ ވަރުބައްޔެއް ނުވާނެ އެވެ. ކުރިއަށް ބާރަށް، ކުރިއަށް ދާން އެނބުރި އަންނާނެ އެވެ!"

އެކަމަކު ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވުމާއި އެމްޑީޕީ ގެއްލުމާއި މަޖިލީހުގެ ރައީސްކަމުން އިސްތިއުފާ ދެއްވަން މަޖުބޫރުވެވަޑައިގެން މިފަހަރު ވީ ބައްޔާ އެކު އެމަނިކުފާނު ފަހަތަށް ފިޔަވަޅު އެޅުއްވީ މިވަގުތަށް ނަމަވެސް ސިޔާސީ މައިދާނުގައި ބަލި ގަބޫލުކުރައްވައި، ހިތްވަރު ވެސް ދޫކޮށްލައްވައިފަ އެވެ. މިއީ ސިޔާސީ ހަޔާތުގައި ހޭދަކުރެއްވި 24 އަހަރުގައި އެމަނިކުފާނުގެ ފަރާތްޕުޅުން ފެނުނު ސިފައެއް ނޫނެވެ.

ބަލިވާ ފަހަރުތަކުގައި ކުޅި ބައި އަލުން އަތުރާލައި ސަޕޯޓަރުންނާ އެކު މާ ފޯރިގަދަކޮށް ނުކުންނަވަން އެމަނިކުފާނަށް ވުރެން މޮޅު ސިޔާސީ ލީޑަރެއް ރާއްޖޭގައި މިހާތަނަށް ފެނިފައެއް ނެތެވެ.

އެ ހުރިހާ ކަމެއް އަހަރުތަކަކަށް ދޫކޮށްލެއްވި ކަން އެމަނިކުފާނު އިއްޔެ އިއުލާންކުރައްވައިފި އެވެ.

މި ނިންމެވުން މިއައީ ނަޝީދުގެ ފިކުރު، އެމްޑީޕީ ދޫކޮށްލައްވައި އެ ޕާޓީ އަނބުރާ ހޯއްދަވަން އުފެއްދި ޑިމޮކްރެޓްސްއާ އެކު މިސްރާބު ގެންދެވި ގޮތުން އެމަނިކުފާނަށް ސިޔާސީ މަސްރަހުގައި ކުރީގެ ވިދުމެއް ނުހޯދޭނެ ކަމަށް ސިޔާސީ ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދަވަނިކޮށެވެ. އެކަމަކު ދެގޮތެއް ނުވާ ސަޕޯޓަރުންގެ ގަބޫލުކުރާ ގޮތުގައި، އެ މަގްބޫލްކަން އެމަނިކުފާނު އަނބުރާ ހޯއްދަވާނެ އެވެ.

މިވަގުތަށް ނަމަވެސް ނަޝީދުގެ ސިޔާސީ މަސައްކަތުގެ ޗެޕްޓަރު ނިންމާލީ ސަޕޯޓަރުން މާޔޫސްކުރުވުމަށް ފަހު އެވެ.

ރައްޔިތުންގެ މަޖިލީހަށް 1999ގައި އިންތިހާބުވެވަޑައިގެން މާލެ ދާއިރާ މެންބަރުކަމުން ސިޔާސީ މަސައްކަތް ފެއްޓެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ މަސައްކަތާ ދުރަށް ޖެހިވަޑައިގަންނަވަން ނިންމެވީ މަޖިލީހުގެ ރައީސްގެ މަގާމް އަދާ ކުރެއްވުމަށް ފަހު އެ މަގާމުން އެމަނިކުފާނު އިސްތިއުފާ ދެއްވިތާ މާ ގިނަ ދުވަހެއް ނުވެ އެވެ.

ވަރުބަލި ކަމެއް ނެތި ސިޔާސީ މަސައްކަތުގައި 24 އަހަރު ހޭދަ ކުރެއްވުމަށް ފަހު އެ މަސައްކަތުން ވަގުތީ ގޮތުން "ރިޓަޔާ" ކުރައްވާ ކަން އިއުލާން ކުރައްވައި އެމަނިކުފާނު ރޭ ނެރުއްވި ލިޔުމުގައިވާ އެ ތަޖުރިބާ ސިފަ ކޮށްދެއްވީ މަޅިފަތިތަކާއި މާފަތިތަކެއް އެޅިގެން ދިޔަ ދަތުރެއް ގޮތުގަ އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ސިޔާސީ މަސައްކަތުގައި އުޅުއްވުމުގެ ތެރޭގައި އެމަނިކުފާނަށް އަނިޔާތައް ލިބި އެކަނިވެރިވި އެވެ. އެތައް ފަހަރަކު ގޭ ބަންދު ކުރުމާއި ޖަލަށްލުމާއި އާއިލާ އާ ދުރުގައި އުޅެން ޖެހުނެވެ. ޒާތީ ހަޔާތް ބަރުބާދުވި އެވެ. ބޮމުގެ ހަމަލާއެއް ލިބި މަރުގެ ތުންފަތް މައްޗަށް ދިޔަ އެވެ.

ހަމައެއާއެކު ރާއްޖޭގައި ގިނަ ސިޔާސީ ޕާޓީތައް އެކުލެވޭ ނިޒާމެއް ފައްކާ ކުރުމާއި އިންސާނީ ހައްގުތަކާއި ދުލާއި ގަލަމުގެ މިނިވަންކަން ކަށަވަރު ކުރެވިފައިވާ ތަނަކަށް ރާއްޖެ ހެދުމުގެ މަސައްކަތް ވަރަށް ފުޅާ ދާއިރާއެއްގައި ކުރެވުނު ކަމަށް ނަޝީދު ވިދާޅުވި އެވެ. މިހާރު ރާއްޖެ އަށް އޮތީ އެ ބަދަލު ވަރަށް ބޮޑަށް އައިސްފައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ބޮލުގައި އެޅިދިޔަ ކޮންމެ މަޅިފައްޗެއް ވަނީ މާފައްޗަކަށް ބަދަލުވެފައި -- ނަޝީދު

"މި މަސައްކަތުގައި އަޅުގަނޑަށް ނުހަނު އުފާވެރިކަމާއި ހިތްހަމަ ޖެހުން ވެސް ލިބިފައިވޭ. ބޮލުގައި އެޅިދިޔަ ކޮންމެ މަޅިފައްޗެއް ވަނީ މާފައްޗަކަށް ބަދަލުވެފައި." ނަޝީދުގެ ވަދާއީ ބަޔާނުގައި ވިދާޅުވި އެވެ.

މުޅި ސިޔާސީ ހަޔާތުގައި މަޅިފައްޗާއި މާފަތި!

"ރާއްޖެ ޑިމޮކްރަސީ އަށް ކުރި ދަތުރު" ފޮތް ލިޔުއްވި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް "މިހާރު" އަށް ވިދާޅުވި ގޮތުގައި ނަޝީދުގެ އެންމެ ގިނަ މަސައްކަތްތައް ފެންނަން އޮތީ މާޒީގަ އެވެ. އެއީ މިހާރު މި އޮތް ހާލަތާ އަޅައި ކިޔާއިރު ވަރަށް ބިރުވެރި އަދި އުނދަގޫ ދުވަސްވަރެކެވެ.

ރާއްޖޭގައި 1989 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބު އޮޅުވާލި ކަމަށް ވިދާޅުވެ އޭރު ނެރެމުން ދިޔަ "ސަންގު" ގައި ނަޝީދު ލިޔުއްވި ލިޔުމަކާ ގުޅިގެން އެ ނޫސް ބަންދުކޮށް ނަޝީދު ވެސް ގޭބަންދު ކުރި އެވެ. އޭގެ ފަހުން ނަޝީދު ޖަލަށް ލައި 18 މަސް ދުވަހަށް ބަންދު ކުރި އެވެ.

ނަޝީދު ނޫސްވެރިކަން ކުރެއްވީއްސުރެ މިއަދާ ހަމައަށް ވެސް ހަޔާތުގައި އެ ނޫން ހާލަތެއް އޭނާ އަށް ޖެހިވަޑައިނުގަންނަވާ ކަމަށް މޯޑު ވިދާޅުވި އެވެ.

"އާދައިގެ ނޫސްވެރިއެއް ގޮތުގައި ހުންނެވި އިރު އަދި މަޖިލިސް މެންބަރަކަށް ވެވަޑައިގަތް އިރު އަދި ރާއްޖޭގެ ރައީސް އަށް ވަޑާއިގަތް އިރާއި އޭގެ ފަހުން މަޖިލިސް ރައީސަށް ވެވާޑައިގަތް އިރު މުޅި ހަޔާތުގައި އޮތީ ނާމާން ދުވަސްވަރު." މޯޑު ވިދާޅުވި އެވެ.

ރާއްޖޭގެ ގާނޫނުތަކުން އެއްވެސް ރައްކާތެރިކަމެއް ނޫސްވެރިންނަށް އަދި ސިޔާސީ މީހުންނަށް ނެތް އިރުގައި އަދި ގާނޫނީ ގޮތުން ރައްކާތެރިކަން ލިބިވަޑައިގަންނަވާ މަގާމުތަކުގައި ހުންނެވި އިރު ވެސް ނަޝީދަށް އަބަދުވެސް ނުރައްކާތެރި ހާދިސާތައް ކުރިމަތިވި ކަމަށް މޯޑު ވިދާޅުވި އެވެ.

"އެންމެ ފަހުން ބޮމުގެ ހަމަލާއެއް ދީ ފުރާނަ ދުއްވާލަން ވެސް އުޅުނީ މަޖިލިސް ރައީސްގެ މަގާމުގައި ހުންނަވަނިކޮށް،" އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް ނަޝީދަކީ ރާއްޖެ އަށް ގިނަ ޕާޓީތައް އެކުލެވޭ ޑިމޮކްރެޓިކް ނިޒާމެއް ގެނައުމުގެ އެއް މޭސްތިރި ކަމަށް ވެސް މޯޑު ވިދާޅުވި އެވެ.

އެމްޑީޕީގެ އެންމެ ފުރަތަމަ ރައީސް ޑރ. މުހައްމަދު މުނައްވަރު "މިހާރު" އަށް ވިދާޅުވި ގޮތުގައި ހަޔާތުގައި ކިތަންމެ ގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހިވަޑައިގަތް ނަމަވެސް ނަޝީދަކީ ރާއްޖޭގެ އިސްލާހީ މަސައްކަތުގައި އެންމެ ސާބިތުކަމާއެކު ހުންނެވި އެއް ބޭފުޅެކެވެ.

އޭނާ އާ ބައެއް ކަންކަމުގައި ހިޔާލު ތަފާތުވި ނަމަވެސް އިސްލާހީ މަސައްކަތުގައި ނަޝީދުގެ ހިއްސާ ވަރަށް ބޮޑު ކަން އަބަދުވެސް ގަބޫލު ކުރައްވާނެ ކަމަށް ޑރ. މުނައްވަރު ވިދާޅުވި އެވެ.

މީގެ ކުރިން އެމްޑީޕީ އަށް ލިބުނު ބޮޑު މެޖޯރިޓީއަކީ ނަޝީދުގެ ކެމްޕެއިން ސްޓައިލް އާއި އޭނާ ކުރެއްވި ގިނަ މަސައްކަތުގެ ނަތީޖާ ކަމަށް ޑރ. މުނައްވަރު ވިދާޅުވި އެވެ. އަދި އޭގެ ފަހުން ވެރިކަމާ ހަވާލުވެވަޑައިގެން އާސަންދަ ތައާރަފް ކުރުމާއި މުސްކުޅިންނަށް އިނާޔަތް ދޭން ފެށުން ފަދަ ނިންމުންތަކަކީ އަދިވެސް ރައްޔިތުން ވަރަށް ބަލައިގަންނަ މަސައްކަތްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ކަންކަމުގެ ސަބަބުން ނަޝީދަށް އަދިވެސް ވަރަށް ތާއީދު ކުރާ ރައްޔިތުން ގިނަ ކަމަށް ޑރ. މުނައްވަރު ވިދާޅުވި އެވެ.

ތިން އިސްތިއުފާ، ދެން އިތުރު ގޮތެއް އޮތްތަ؟

ބޮޑެތި އުންމީދުތަކާއެކީ ވެރިކަމަށް ވަޑައިގަތް ނަމަވެސް ތިން އަހަރާއި ބައި ފަހުން އެމަނިކުފާނު ވަނީ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އޭގެ ހަތް އަަހަރު ފަހުން އަލުން އެމްޑީޕީގެ ވެރިކަމެއް އުފެދުން ނަމަވެސް ޖެހުނު މައްސަލަތަކާ ގުޅިގެން ނަޝީދަށް ޖެހިވަޑައިގަތީ އަމިއްލަ ޕާޓީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވައި ޕާޓީން ވަކިވެވަޑައިގަތުމަށެވެ.

އަދި މިދިޔަ ނޮވެމްބަރު 13, 2023 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ވެސް އިސްތިއުފާ ދެއްވި އެވެ.

މި ތިން އިސްތިއުފާ އާ ގުޅޭ ގޮތުން މީގެ ކުރިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވަނީ އެ ތިން އިސްތިއުފާ ސިޓީގައި ވެސް ބޭނުން ކުރެއްވި އެއް އިބާރާތެއްގެ ވާހަކަ ވިދާޅުވެފަ އެވެ.

އެއީ "ފެންނަ ފެނުމުގައި އިތުރަށް އެ މަގާމުގައި ދެމިހުރެއްޖެ ނަމަ ނުހަނު ބޮޑު ގެއްލުން ވާނެތީ" މި އިބާރާތެވެ.

އޭނާ ވިދާޅުވި ގޮތުގައި މުއައްސަސާތަކުގެ ބާރު ހުރިހާ ކަމެއް ހިފަހައްޓަވައިގެން ހުންނަވައިގެން މަގާމުގައި ދެމި ނުހުންނަވާނެ އެވެ. އޭނާ ދެއްވި ހުރިހާ އިސްތިއުފާއެއްގެ ސަބަބަކީ އެއީ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ "ލެގަސީ" އަކީ އިސްތިއުފާ ދެއްވި ރައީސް ކަމަށް ބައެއް މީހުން ބުނި ނަމަވެސް އޭނާ އާ ވަރަށް އަރިސްކޮށް މަސައްކަތް ކުރައްވާ ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް ވިދާޅުވި ގޮތުގައި ނަޝީދަކީ ރާއްޖޭގެ ސިޔާސީ މަސައްކަތްތައް މުޅިން ބަދަލު ކޮށްލައްވައި އެތައް ބަޔަކަށް ސިޔާސީ އެތައް ކަމެއް ދަސްކޮށްދެއްވި ބޭފުޅެކެވެ.

ވަރަށް ސާފުކޮށް ވާހަކަ ދައްކަވައި ތެދު ބަހުން އެއްޗެހި ބުނާ މީހެއް ސިޔާސީ މަސްރަހުގައި ވަރަށް މަދުވާނެ ކަމަށާއި ނަޝީދާ އެއްވަރަށް ސިޔާސީ މަސައްކަތް ކުރެއްވި ބޭފުޅެއް ވެސް ނުހުންނާނެ ކަމަށް ހަސަން ވިދާޅުވި އެވެ.

އުމުރުފުޅުން 54 އަހަރު ވިޔަސް އެއަށް ވުރެ ދޮށީ އެތައް ބަޔަކަށް ވުރެ ގިނައިން ނަޝީދު ސިޔާސީ މަސައްކަތްތައް ކުރައްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ނަޝީދަކީ ވަރަށް ވޯކަލް ބޭފުޅެއް. ވިސްނުންފުޅު ހުރި ގޮތް ވަރަށް ސާފުކޮށް ކިޔާ ދެއްވާ ބޭފުޅެއް. އެކަން ސިޔާސީ މައިދާނުން ވަރަށް ބޮޑަށް އުނިވެގެން ދާނެ ދުވަސްތަކަކަށް. ރާއްޖޭގައި ހުންނަވައިގެން ކުރައްވާ މަސައްކަތް ކުރެއްވި ގޮތާއި އެ ހުރިހާ ކަމެއް ވަރަށް ބޮޑު ދައްޗަކަށް ވާނެ." ހަސަން ލަތީފް ވިދާޅުވި އެވެ.

"މުޅިން ދުރަކަށް ނުދާނެ، އެނބުރި އަންނާނެ"

ނަޝީދު އިސްތިއުފާ ދެއްވުމުގެ ސަބަބަކީ ޑރ. މުނައްވަރު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ތެރޭގައި ކަންކަން ހިނގި ގޮތާއި އެ ޕާޓީން ވަކިެ އާ ޕާޓީއެއް އުފައްދަން ޖެހުމާއި ރިޔާސީ އިންތިހާބުގައި އެ ޕާޓީ އަށް ލިބުނު ވޯޓާއި މަޖިލީހުގެ ރިޔާސަތު ދޫކޮށްލުމުގެ ކުރިން އުޅެން ޖެހުނު ގޮތެވެ.

މިފަހުން ނަޝީދަށް މުޅިން ވެސް ދިމާވީ ވަރަށް ދަތި އުނދަގޫ ދުވަސްތަކެއް ކަމަށް ޑރ. މުނައްވަރު ވިދާޅުވި އެވެ. މިހާ ގިނަ ދުވަހު ސިޔާސީ މަސައްކަތުގައި އުޅެ އެތައް ބައެއްގެ ލޯބި ހޯދި ބޭފުޅަކަށް މި ފަހުން އެތައް ބައެއްގެ ނުރުހުން ލިބިވަޑައިގަތުމަކީ އެއް ސަބަބަކަށް ވެދާނެ ކަމަށް ޑރ. މުނައްވަރު ވިދާޅުވި އެވެ.

އެހެން ނަމަވެސް ނަޝީދު ހަގީގަތުގައި ވެސް ދުރަށް ޖެހިވަޑައިގަތްތޯ ސުވާލު އުފެދޭ ކަމަށް ޑރ. މުނައްވަރު ވިދާޅުވި އެވެ.

"ނަޝީދުގެ ޕާޓީ އޮތީ ވަރަށް ޅަފަތުގައި. ވަރަށް ގާތް އެކުވެރިން އެ ޕާޓީ ހިންގަވަނީ. ނަޝީދަކީ އަދިވެސް މަޖިލިސް މެންބަރެއް އަދި ދެތިން މަހު އުޅުއްވާނީ މެންބަރެއްގެ ހައިސިއްޔަތުގައި. ނަޝީދު އެހެން ވިދާޅުވިޔަސް ހަމަ ހަގީގަތުގައި ވެސް އެއް ކައިރިއަށް ޖެހިވަޑާއިގަތީތޯ ހިތަށް އަރާ" މުނައްވަރު ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް ސިޔާސީ ކަންކަމުން ރަނގަޅަށް ރިޓަޔާ ކުރެއްވީ މަދު ބޭފުޅެއް ކަމަށް ޑރ. މުނައްވަރު ވިދާޅުވި އެވެ. އަދި ނަޝީދުގެ ސިޔާސީ ހަޔާތުގައި މަސައްކަތް ކުރައްވާފައި ހުރި ގޮތަށް ބަލާއިރު މިހާ އަވަހަށް ރިޓަޔާ ކުރައްވަފާނެ ކަމަކަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ ބަދަލުގައި ނަޝީދުގެ ވަރުގަދަ "ކަމް ބެކް" އަކަށް އަދި ފުރުސަތު އެބައޮތް ކަމަށާއި އަދިވެސް ގިނަ ރައްޔިތުންގެ ރުހުން އޮތް ބޭފުޅަކަަށް ވުމުން އެކަން ކުރެވިދާނެ ކަމަށް ޑރ. މުނައްވަރު ވިދާޅުވި އެވެ.

"ނަޝީދުގެ ސްޓްރެންތު އެބަހުރި. ރުހުނަސް ނުރުހުނަސް ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ނަޝީދަކީ ވަރަށް ވަރުގަދަ އަށް ކެމްޕެއިން ކުރައްވާ ބޭފުޅެއް. އެ ސްޓައިލަށް ކެމްޕެއިން ކުރައްވާނީ މަދު ބަޔަކު. ހަގީގަތުގައި އެމްޑީޕީ އަށް އިންތިހާބުތަކުގައި އެހާ ބޮޑު މެޖޯރިޓީ އެއް ލިބެނީ ވެސް ނަޝީދުގެ މި ސްޓައިލްގެ ސަބަބުން." ޑރ. މުނައްވަރު ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން މޯޑު ވެސް ވިދާޅުވި ގޮތުގައި މިވަގުތު ސިޔާސީ މަސްރަހު އޮތް ގޮތުންނާއި އެހެން ރޮނގަކުން ފުރުސަތު ލިބިވަޑައިގަތުމުން މިވަގުތަށް ދުރަށް ޖެހިވަޑައިގަންނަވަން ނިންމެވި ނަމަވެސް އެއީ އެއްކޮށް އެ މަސައްކަތާ ދުރުވުމެއް ނޫނެވެ.

މިވަގުތަށް ނަޝީދަށް އޮތް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް އެމަނިކުފާނަށް ވިސްނިވަޑައިގަތަސް ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް ރާއްޖޭގެ ސިޔާސީ ކަންކަމާ ބަސް ވިދާޅުވެ ކޮންމެވެސް ވަރަކަށް އުޅުއްވާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނަޝީދު ތިއްބެވީ ފަހަތަށް ފިޔަވަޅު އަޅަން ޖެހިވަޑައިގަންނަވާ ބޭނުންވާ ފަހަރު ފަހަތަށް ފިޔަވަޅު އަޅުއްވާ ބޭފުޅެއް. ދެން ވެސް ޕާޓީއެއް އަދި ސިޔާސީ އެއްވެސް މަގާމެއްގައި ނެތަސް ރާއްޖޭގައި ހިނގާ ކަންކަމަށް ބަސް ވިދާޅުވާނެ." އޭނާ ވިދާޅުވި އެވެ.

ސިޔާސީ ހަޔާތުގައި ހޭދަ ކުރެއްވި 24 އަހަރުގެ ތެރޭގައި އެތައް ފަހަރަށް ސިޔާސީ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލަން ޖެހުނު ހާލަތުތައް ދިމާވި އެވެ. އެހެން ނަމަވެސް އެއީ މުޅިން ވެސް ގޭބަންދު ކުރުން ނުވަތަ ޖަލަށްލުން ފަދަ ކަންކަމުގަ އެވެ.

މިއީ ނަޝީދު އަމިއްލަފުޅަށް ސިޔާސީ މަސައްކަތާ ދުރަށް ޖެހިވަޑައިގަންނަން ނިންމެވި ފުރަތަމަ ފަހަރެވެ. އެހެން ނަމަވެސް ސިޔާސީ އޮއެވަރު ބަދަލުވާ ގޮތުން އެންމެ ފުރަތަމަ އެނބުރި ވަޑައިގަންނަވާނީ ވެސް ނަޝީދެވެ. ސަޕޯޓަރުން ކައްކުވާލަން އަޑުހަރުކޮށް ވިދާޅުވެފައިވާ ބަސްތަކާ އެއްގޮތަށް އަމަލުކުރެއްވުމަކީ އެމަނިކުފާނުގެ ސިޔާސީ ހަޔާތުގެ ސޮފްހާތައް ހުޅުވާލާއިރު ދުރުގައި އޮތް ކަމެއް ނޫނެވެ. "ވަރުބައްޔެއް ނުވާނެ އެވެ. އެނބުރި އަންނާނެ އެވެ."