Roadha Mihaaru

ލޯކަލް އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދޭން އެއްބާރުލުން ލިބޭނެ: ނަޝީދު

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބު ކޮށްދޭން ހުރިހާ އެއްބާރުލުން ދެއްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އިންތިހާބު ކާމިޔާބުކުރަން އެއްބާރުލުން ލިބޭނެ: ނަޝީދު

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބު ކޮށްދޭން ހުރިހާ އެއްބާރުލުން ދެއްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ރޭ އިންތިހާބު ކުރުމާ ގުޅިގެން އޭނާ އަށް މަރުހަބާ ދަންނަވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ "ޕާޓީގެ ޔުނިޓީ" އޮބަހައްޓަވާނެ ކަަމަށެވެ.

"... ކުރިއަށް މި އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކާމިޔާބަށް ވާސިލް ވާން ކުރަންޖެހޭ މަސައްކަތުގައި އަޅުގަނޑުގެ ހުރިހާ އެއްބާރުލުމެއް ލިބޭނެ،" އެމްޑީޕީގެ ކުރީގެ ޗެއާޕާސަންގެ މަގާމު ފުރުއްވި އަދި އެ ޕާޓީގެ ކާމިޔާބީގައި އެންމެ ބޮޑު ހިއްސާއެއް އޮތް ބޭފުޅުންގެ ލިސްޓުގައި އުޅުއްވާ ނަޝީދު ވިދާޅުވި އެވެ.

ދެ އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ މި އަހަރުގެ ޖޫން 23 ވަނަ ދުވަހު އެވެ. އެ މަނިކުފާނު އެ ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް ބޭއްވި ހާއްސަ ޖަލްސާގައި ވިދާޅުވެފައި ވަނީ އެމްޑީޕީން ލޯކަލް ކައުންސިލް އިންތިހާބު ނަގާނީ ބޮޑުކޮށް ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެ އިންތިހާބުގައި ނެންގެވޭނީ 20 ޕަސެންޓު ކަމަށެވެ.

އަންނަ އަހަރުގެ އޭޕްރީލް ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ނަޝީދުގެ ތާއީދު އެމްޑީޕީ އަށް އޮންނާނެ ކަމަށް ނަޝީދު ވިދާޅުވިއިރު އެ ޕާޓީގެ އެތެރޭގައި ދެ ފެކްޝަނެއް އުފެދި ސިޔާސީ ނުތަވަސްކަން އުފެދުނެވެ. ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގެ ކޯޅުމުގެ ކަންކަން އެންމެ ފަހުން ފެނުނީ އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރަން މިދިޔަ ދެ ހަފުތާއެއްހާ ދުވަހު ކުރި މަސައްކަތްތަކުގަ އެވެ.

ނަމަވެސް ވަގުތީ ޗެއާޕާސަނަކަށް އެމްޑީޕީގެ ގައުމީ މަޖިލިހުން ޣަފޫރު އިންތިހާބުކުރީ ހިޔާލު އެއްގޮތްކޮށް ދެ ފެކްޝަނުން އެއްގަލަކަށް އަރައިގެންނެވެ.