Roadha Mihaaru
ދިވެހި ބަސް މަރުވާތީ ސައިކުރާ ނައީމް ލިޔެދެއްވި ބޭސް!

ދިވެހި ބަސް މަރުވާތީ ސައިކުރާ ނައީމް ލިޔެދެއްވި ބޭސް!

15 ޑިސެމްބަރ 2023

ދިވެހި ބަހަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ މަރުހޫމް ސައިކުރާ އިބްރާހިމް ނައީމް މީގެ 40 އަހަރަށް ވުރެ ވެސް ކުރިން ވިދާޅުވެފައިވާ ގޮތުން ނަމަ ދިވެހި ބަހަށް ވެފައި މި އޮތީ "ހަމަ ވާންވީ ގޮތެވެ." އޭރު އޭނާ ލިޔުއްވާފައިވާ ގޮތުގައި ދިވެހި ބަސް ރަނގަޅަށް އެނގޭ ކުއްޖަކު ނެތެވެ. ދިވެހި ބަހުން ސިޓީއެއް ލިޔާކަށް ނޭނގެ އެވެ. އަމުދުން، ދިވެހި ބަހުން ރަނގަޅަށް ވާހަކަ ދައްކަން ނޭނގޭތާ ލިޔުން ވެސް އެހާ ހުތުރީ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ދިވެހި ބަހަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ މަރުހޫމް ސައިކުރާ އިބްރާހިމް ނައީމް މީގެ 40 އަހަރަށް ވުރެ ވެސް ކުރިން ވިދާޅުވެފައިވާ ގޮތުން ނަމަ ދިވެހި ބަހަށް ވެފައި މި އޮތީ "ހަމަ ވާންވީ ގޮތެވެ." އޭރު އޭނާ ލިޔުއްވާފައިވާ ގޮތުގައި ދިވެހި ބަސް ރަނގަޅަށް އެނގޭ ކުއްޖަކު ނެތެވެ. ދިވެހި ބަހުން ސިޓީއެއް ލިޔާކަށް ނޭނގެ އެވެ. އަމުދުން، ދިވެހި ބަހުން ރަނގަޅަށް ވާހަކަ ދައްކަން ނޭނގޭތާ ލިޔުން ވެސް އެހާ ހުތުރީ އެވެ.

ސައިކުރާ ނައީމް މިއަދުގެ ހާލަތު ލަފާކުރައްވައި ލިޔުއްވާފައި ވަނީ އޯގަސްޓް 1982 ގައި ނެރުނު "ފަތްތޫރަ" ގެ 41 ވަނަ އަދަދުގަ އެވެ. ދިވެހި ބަހަށް ވަމުންދާ ގޮތް އެހާ ކުރިން ވެސް ތަސައްވުރުކުރައްވަމުން ލިޔުއްވާފައިވަނީ ދިވެހި ބަސް ނެތިދާ ސަބަބާ ބެހޭ ގޮތުން ކުރާ ސުވާލަކީ ސުވާލެއް ވެސް ނޫން ކަމަށެވެ.

"އަޅުގަނޑު ހިތުން އެ ވާގޮތް ހޯދާކަށް މާ ގިނަ އިރަކު ވިސްނާކަށް ނުޖެހެ އެވެ. އެ ވާގޮތް އޮތީ ދިމާއަށް ފެންނާށެވެ. އަޅުގަނޑު ދެކޭ ގޮތުގައި އެ ވަނީ ހަމަ ވާންވީ ގޮތެވެ. އަޅުގަނޑުމެންގެ ކިޔަވާ ކުދިންގެ ބެލެނިވެރިން އެކަމާ މެދު ނުވިސްނަވައި، ކުރައްވާންވީ ވަރަށް، ކުރައްވާންވީ ގޮތަށް މަސައްކަތް ނުކުރައްވާ ތިއްބަވައިފި ނަމަ 'އެވާގޮތް' އަދިވެސް ދާނީ ނުބައިން އެޔަށްވުރެ ބޮޑަށް ނުބައިވަމުންނެވެ."

"މިއަދުގެ ގިނަ ކިޔަވާކުދިން ދިވެހި ބަހަށް ކޮށިކަމާ މެދު މައިންބަފައިން ހިތާމަ ނުކުރައްވަމުތޯ؟" ގެ ސުރުހީގެ ދަށުން މީގެ 41 އަހަރު ކުރިން ދެން ކުރައްސަވާފައި އޮތީ މިހާރު މި ފެންނަ ހާލަތުގެ ކުޑަ މަންޒަރެކެވެ.

"އެހެން ގޮސް އަހަރުތަކެއް ވޭތުވާއިރު އެ ދުވަސްވަރު ބޮޑެތި މީހުން [މިއަދުގެ ކިޔަވާ ކުދިން] ނަށް ތާނައިން ލިޔެފައި ހުންނަ އެއްޗެތި އެއީ މިހާރު އަޅުގަނޑުމެންގެ ތެރެއިން މަދު މީހަކަށް ނޫނީ ކިޔަން ނޭނގިގެން މި އުޅޭ ލޯމާފާނުގައި ހުރި އެވޭލާ އަކުރެކޭ އެއްފަދައިން ކިޔަން ނޭނގޭ، ކިޔުނަސް ބުނާ އެއްޗެއް ނޭނގޭ އެއްޗަކަށް ވެދާނެ ކަމުގެ ބިރު އެބަ ހީވެ އެވެ."

ސައިކުރާ އިބްރާހިމް ނައީމް

ސައިކުރާ އިބްރާހިމް ނައީމް

ސައިކުރާ ނައީމް މިކަން ސިފަކުރައްވާފައި އޮތީ އަހަރެމެންގެ މި ޖީލަށް އޮތް ބޮޑު ބިރުވެރިކަމެއްގެ ގޮތުގަ އެވެ. މިހެން ވިދާޅުވެފައި އޮތީ "ކެރިހުރެގެން" ދަންނަވާ ވާހަކައެއްގެ ގޮތުގަ އެވެ. ކިހާ ބޮޑު ތެދެއްހެއްޔެވެ؟ ކިޔަވާ ކުދިންގެ ބެލެނިވެރިން އެ ދުވަހު އެކަމަށް ދޭންވީ ސަމާލުކަން ނުދިނުމުން ދިމާވާނެ ކަމަށް ލަފާކުރެއްވި ކަންކަން މިހާރު މި ހުރިހާ ފެންނާށެވެ،

ނައީމް ވިދާޅުވެފައިވާ ގޮތުގައި މިއީ މަޖުބޫރީ ހާލަތެއްގެ ސަބަބުން ވީ ގޮތެއްކަމާ މެދު ސުވާލެއް ވެސް ނެތެވެ. ދުނިޔެ ގަބޫލުކުރާ ތައުލީމެއް ދޭން ބޭނުން ނަމަ ކުދިންނަށް ކިޔަވައިދޭންޖެހޭ އާންމު ބަހަކީ އިނގިރޭސި ބަސް ކަމަށް ވުމެވެ. ހުރިހާ ކިޔެވެއްޔަކާއި އިމްތިހާނުތަކެއް ބޭރު ބަސްތަކުން އަދި ހާއްސަކޮށް އިނގިރޭސި ބަހުން ހުރުމުން ކުދިންގެ ދުލާއި ގަލަން އަބަދު ހަރަކާތްކުރަނީ އެ ބަހުންނެވެ. އެހެންވެ، ލިޔަން ކިޔަން ފަށައިގަންނަ އުމުރުގައި ދިވެހި ބަހުގެ ލިޔުންތައް ކިޔުއްވުމުގެ މުހިންމުކަން ވިދާޅުވެދެއްފައި އޮތީ މިހެންނެވެ؛

ފަރުވާއެއްގެ ގޮތުން ދޭން މަޖުބޫރު ބޭސް ކާން ނުދީ ވާކަށް ނެތެވެ. ތެދުވެ އުޅެވޭނީ، ވާހަކަ ދައްކައި އުޅެވޭނީ، އަތްފައި ހަލުވާލައި ކަމެއް ކޮށްލެވޭނީ އެ ބޭސް ރަނގަޅަށް ކާންދީގެންނެވެ. ނަމަވެސް އެ ބޭސް އެވަރަށް ކެއުމުން ލިބިދާނެ ގެއްލުން ފޫބައްދައިދޭ ބޭސް ނުކެވިއްޖެ ނަމަ ... ހިތާމަހުއްޓެވެ.

"އެ އުމުރުގެ ތެރޭގައި، ދިވެހި ބަހުން ހުންނަ ކުދި ވާހަކަތައް ނުކިއުއްވިއްޖެ ނަމަ ދެ ވަނަ ހަރުފަތުން ވެސް ކައްސާލީ އެވެ. ވަގުތު ގެއްލުނީ އެވެ."

މި ހިސާބުން ދިވެހި ބަހަށް ފަރިތަނުވެއްޖެ ނަމަ ފަރިތަވެ ފަށައިގަންނާނީ އިނގިރޭސި ބަހުން ލިޔުމާއި ކިޔުން ކަމަށާއި އެ އުމުރުގައި އެހެން ބަހަކުން ކަމެއް ކޮށްލެވޭނެ ވަގުތެއް ނުވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

"އަދި ވަގުތު ލިބުނަސް ކުއްޖާގެ ހިތުގައި ޝައުގުވެރިކަމެއް ވެސް ނުހުންނާނެ އެވެ. އާދެ! ހާލަކުން ކުއްޖަކު ފަހަރެއްގައި ހުރެދާނެ އެވެ. ނަމަވެސް އާންމު ގިނަ ކުދިން ވާނީ ހަމަ މި ދެންނެވި ގޮތެވެ."

މި ހާލަތަށް ދިވެހި ބަސް ދިއުމުގެ އެހެން ސަބަބެއް ވެސް ވިދާޅުވެފައި އޮތީ ވަރަށް ސީދަލަށެވެ. މަދަރުސާތަކުގެ މުދައްރިސުންނާއި ނާޒިރުންގެ ކުރިމަތީ އޮތް މަޖުބޫރު ކަމެއްގެ ވާހަކަ އެވެ. އެއީ ދަރިވަރުން އެއް އަހަރުން އަނެއް އަހަރަށް ފާސްވެ، ދުވަސްތައް ނުގެއްލި އިމްތިހާނާ ހަމަޔަށް ގެންދަންޖެހުމެވެ.

"އެހެންކަމުން އެ ކުދިންގެ އަތާއި ދޫ ހޭނިފައި ހުންނާނީ އެ ކިޔަވާ ބޭރު ބަހަށެވެ. ކަންފަތް ހޭނިފައި ހުންނާނީ އެ ބަހުން ކިޔާ ލަވަތަކަށެވެ. ނޭފަތް ހޭނިފައި ހުންނާނީ އެ ބަހެއްގެ އެސެންސުގެ ވަހަށެވެ."

މިއީ އޭނާ ވިދާޅުވެފައިވާ ގޮތުން މާ ގިނަ ފަރުވާއެއް އޮތް ބައްޔެއް ނޫނެވެ. މިއީ މި ބައްޔަށް ބޭނުންވާ ބޭސް ފިޔަވައި، އަގު ހެޔޮ ބޭހެއް ބޭނުންކޮށްގެން ރަނގަޅުވާން އޮތް ކަމެއް ވެސް ނޫނެވެ. ބައްޔަށް ބޭސް ދޭއިރު އެ ބޭހާ އެކު، އެ ބޭހުން ލިބިދާނެ ގެއްލުން ކުޑަކުރަން ވެސް ބޭސް ދޭކަން ލިޔުން ފެށުމުގައި ފާހަގަކުރައްވަމުން ދިވެހި ބަހަށް ޖެހިފައިވާ ބަލީގެ ފަރުވާ ވެސް ލިޔުއްވާފައިވެ އެވެ.

"ފަރުވާއެއްގެ ގޮތުން ދޭން މަޖުބޫރު ބޭސް ކާން ނުދީ ވާކަށް ނެތެވެ. ތެދުވެ އުޅެވޭނީ، ވާހަކަ ދައްކައި އުޅެވޭނީ، އަތްފައި ހަލުވާލައި ކަމެއް ކޮށްލެވޭނީ އެ ބޭސް ރަނގަޅަށް ކާންދީގެންނެވެ. ނަމަވެސް އެ ބޭސް އެވަރަށް ކެއުމުން ލިބިދާނެ ގެއްލުން ފޫބައްދައިދޭ ބޭސް ނުކެވިއްޖެ ނަމަ ... ހިތާމަހުއްޓެވެ."

ދޭން މަޖުބޫރު ބޭހަކީ ޒަމާނީ ތައުލީމު އުނގަންނައިދޭން އިނގިރޭސި ނުވަތަ ބޭރުގެ އެހެން ބަސްތަކުން ކިޔަވައިދޭން ޖެހުމެވެ. އެކަމަކު އެ ބޭހުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް ދޭން ޖެހޭ ބޭހަކީ ދިވެހި ބަހުގެ ފަރިތަކަން ގެއްލި ހިނގައިދާނެތީ އެ ބަހުގެ ބިންގާ އަޅައިދިނުމެވެ.

ލިޔުއްވި ބޭހަކީ ޅައިރު އަކުރު އުނގަންނައިދީ، އޭގެ ފަހުން ކުދިކުދި ބަސްތައް ކިޔުއްވުނެވެ. ދެން ފަތްތޫރަ ފަދަ ނުވަތަ ދިވެހި ބަސް ކިޔަވައިދޭ ފޮތް ފަދަ ތަކެތި ވީހާ ގިނައެއްކޮށް ކިޔުއްވުމެވެ. އަދި ވީވަރަކުން ތާނަ ލިޔުއްވުމެވެ.