Roadha Mihaaru
ތިކި ޖެހި ތާނަ އުވާލަން ތާއީދުތަ؟

ތިކި ޖެހި ތާނަ އުވާލަން ތާއީދުތަ؟

21 މާޗް 2021

"ދެން ގާޒީ އާއި ޣާޒީ ވަކިކުރާނީ ކިހިނެއް ހެއްޔެވެ؟" ތިކި ޖެހި ތާނައިގެ އުނދަގޫ ބޮޑުވެ، އެ އުވާލަން ކުރި ބަހުސެއްގައި ދިވެހި ބަސް ދެކެ ލޯބިވާ އެއް ބޭފުޅަކު އެއްސެވި އެވެ.

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

"ދެން ގާޒީ އާއި ޣާޒީ ވަކިކުރާނީ ކިހިނެއް ހެއްޔެވެ؟" ތިކި ޖެހި ތާނައިގެ އުނދަގޫ ބޮޑުވެ، އެ އުވާލަން ކުރި ބަހުސެއްގައި ދިވެހި ބަސް ދެކެ ލޯބިވާ އެއް ބޭފުޅަކު އެއްސެވި އެވެ.

އޭގެ ޖަވާބު އެބަ އޮތެވެ؛ އެކަމަކު އެ ޖަވާބަށް ފަހުން ދާނީ އެވެ.

ތިކި ޖެހި ތާނައިގެ މައްސަލައިގައި ދިވެހި ޓީޗަރުންނާއި ބަހުގެ އަދީބުންނާއި ބަހަށް ލޯބިކުރައްވާ ވަރަށް ގިނަ ބޭފުޅުންގެ ތެރޭގައި ދުވަސްވީ ބަހުސެއް ވަރަށް ފަހުން ހިނގައިފި އެވެ. ފޭސްބުކްގައި އޮންނަ ބަސް ޖަގަހައިގައި މި ބަހުސްގައި ބައިވެރިވި އެތައް ބަޔަކު އެކި ޕޯސްޓްތައް ކޮށް ހާހަކަށް ވުރެ ގިނަ ހިޔާލު ވަނީ ފާޅުކޮށްފަ އެވެ. އެ މީހުންގެ މައިގަނޑު ބަހުސަކަށް ވީ، ތިކި ޖެހި ތާނައިގެ ސަބަބުން ދިމާވާ އުނދަގޫތަކަށް ހައްލެއް ހޯދުމެވެ. ތިކި ޖަހަންވީ ނުވަތަ ނުޖަހަންވީ ތަނެއް އޮޅުމެވެ. އަދި ތިކި ޖެހި ތާނައިގެ ސަބަބުން ކިޔަވާ ކުދިންގެ ދިވެހި ބަހުގެ ފެންވަރަށް ބަދަލު އައިސް އޭގެ ސަބަބުން މާކްސް ކެނޑި މުޅިން އޮޅުންބޮޅުންގަނޑެއްގެ ތެރެއަށް ވެއްޓުމެވެ.

ތިކި ޖެހުން މައްސަލައަކަށް ވަނީ ކީއްވެ؟

މި ރިޕޯޓަށް އަމިއްލަ ހައިސިއްޔަތުން ހިޔާލު ދެއްވި ފަނޑިޔާރަކު، އޭނާ މިހާރު އެއްވެސް ހުކުމެއްގައި ތިކި ޖެހި ތާނައެއް ބޭނުމެއް ނުކުރައްވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އޭގެ ސަބަބުން ހުކުމް އޮޅިގެން ވެސް އެއްވެސް ބަޔަކު ނޫޅެ އެވެ. އަދި ގާނޫނީ ދާއިރާ އަށް އަމާޒުކޮށް އޭނާ ފޮތްތަކެއް ޝާއިއު ކުރެއްވިއިރު، ތިކި ނުޖަހައިގެން އެއިން އެއްވެސް ފޮތެއްގައި ހުރި އެއްޗެއްގައި ވާނުވާ ނޭނގިގެން ވެސް މީހަކު ނޫޅެ އެވެ.

"އަޅުގަނޑު ތިކި ނުޖަހަނީ ތިކި ޖަހައިގެން އޮޅޭ އޮޅުންތައް ގިނަކަމުން،" ފަނޑިޔާރު ވިދާޅުވި އެވެ.

ތިކި ޖެހި ތާނައާ ޝަރުއީ ނިޒާމާ އޮންނަނީ ވަރަށް ބޮޑަށް ގުޅިފަ އެވެ. އެނގިފައިވާ ގޮތުގައި، ތިކި ނުޖަހާ ހުރެގެން ބައެއް ހުކުމްތައް ސައްހަ ނުވި ދުވަސްވަރެއް ވެސް ދިޔަ އެވެ. އެހެންވެ ފަނޑިޔާރުން އާންމުކޮށް މިހާރު ވެސް ހުކުމްތަކުގައި ތިކިޖެހި ތާނަ ގެންގުޅުއްވަ އެވެ. އޭގެ އެއް ސަބަބަކީ ސަރުކާރުން އެގޮތަށް އަންގާފައިވާ އެންގުމެއް އޮތުމެވެ.

ކުރީގެ އެޓާނީ ޖެނެރަލް ޑރ. ހަސަން ސައީދާއި މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދަކީ ވެސް ތިކި ޖެހި ތާނައާ ދެކޮޅު ދެ ބޭފުޅުންނެވެ. ހަމައެހެންމެ، ރާއްޖޭގެ ވަރަށް މަޝްހޫރު ބައެއް ގާނޫނީ ވަކީލުން ވެސް ތިކި ޖެހި ތާނައާ ދެކޮޅެވެ. ޑރ. ހަސަން ހައްދަވާފައިވާ ގާނޫނުޑޮޓްކޮމްގައި ހުރި ހުރިހާ ލިޔުންތަކުގައި ޝީނުގެ ބަދަލުގައި ބޭނުންކޮށްފައި ހުރީ ވެސް މުޅިންް ށަވިޔަންޏެވެ. މިއީ ތާނަ ލިޔުންތަކުން ވަރަށް ނުފެންނަ ގޮތެކެވެ. އަދި ފަނޑިޔާރު ސުއޫދުގެ ހުކުމްތަކުގައި ޝ އާއި ޚ ފިޔަވައި އެހެން އެއްވެސް ތިކިޖެހި އަކުރެއް މިހާރަކު ބޭނުމެއް ނުކުރައްވަ އެވެ.

ދިވެހި ބަހުގެ އަދަބިއްޔާތުގެ ތެރޭގައި އުޅުއްވާ ބައެއް މަޝްހޫރު ލިޔުންތެރިން ވެސް މިހާރު ތިކި ޖެހި ތާނަ ބޭނުމެއް ނުކުރައްވަ އެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ ބިންމާ އިބްރާހިމް ވަހީދެވެ. އޭނާ ވެސް ތާއީދު ކުރައްވަނީ ތިކި ޖެހި ތާނަ އުވާލުމަށެވެ. އެކަމަކު އޭނާ ވިދާޅުވަނީ ތިކި ޖެހި ތާނައިގައި އޮޅުންއަރާ އަކުރުތައް އުވާލުމަށެވެ. އޭގެ ބަދަލުގައި އުވާނުލެވިދާނެ އަކުރުތަކެއް، މިސާލަކަށް "ޝ" ކަހަލަ އަކުރު ހިމެނޭ ކަމަށް އޭނާ ވިދާޅުވެ އެވެ.

ބަސް ޖަގަހައިގައި މި ބަހުސްގައި ބައިވެރިވި ބައެއް މީހުން ބުނެފައިވާ ގޮތުގައި، ތިކި ޖެހި ތާނައިގެ ސަބަބުން ދިމާވާ މައްސަލަތަކަށް މިހާރު މިއޮތީ ހައްލު ހޯދަން ޖެހިފަ އެވެ. ޓެކްނޮލޮޖީ ފުޅާވެ، ދިވެހި ބަހާ މީހުން ދުރަށް ދާއިރު، ވީހާ ފަސޭހަ ގޮތަކަށް ލިޔެވޭނެ ގޮތްތައް އޮންނަން ޖެހެ އެވެ. ހަމަ އެހެންމެ، ވެބްސައިޓެއްގައި ބަހެއް ސާޗް ކުރަން ޖެހުނަސް އެކި މީހުން އެކި ގޮތަށް ލިޔާތީ އެ ބަހެއް ހޯދުން އޮންނަނީ މުސީބާތަކަށް ވެފަ އެވެ.

"އިލެކްޝަންސް ކޮމިޝަންގެ ޑޭޓާ ބޭސްގައި ހަސަން ޖަހާފައި އެބަ އޮވޭ އެކި ގޮތަށް. މުހަންމަދު އެކި ގޮތަށް. އެއްބައި ފަހަރު ހާ މަތީގައި، އަނެއް ބައިފަހަރު ހާ ތިރީގައި އަނެއް ބައި ފަހަރު ހާގައި ތިއްކެއް ވެސް ނުޖަހާ. މިކަހަލަ ނަމެއް ހޯދާނެ ގޮތެއް އަޅުގަނޑަކަށް ނުވިސްނޭ،" އެއް ބޭފުޅަކު ވިދާޅުވި އެވެ.

ހަސަން ޖަހާފައި އެބަ އޮވޭ އެކި ގޮތަށް. މުހަންމަދު އެކި ގޮތަށް. އެއްބައި ފަހަރު ހާ މަތީގައި، އަނެއް ބައިފަހަރު ހާ ތިރީގައި އަނެއް ބައި ފަހަރު ހާގައި ތިއްކެއް ވެސް ނުޖަހާ. މިކަހަލަ ނަމެއް ހޯދާނެ ގޮތެއް އަޅުގަނޑަކަށް ނުވިސްނޭ.

އަނެއް ކަމަކީ ކިޔަވާ ކުދިންނަށް ދިމާވާ މައްސަލަތަކެވެ. ފަނޑިޔާރު ވިދާޅުވި ގޮތުގައި ތިކި ޖެހި ތާނަ އައިސްފައި އޮތީ އަރަބި ބަހުގެ ތެރެއިން ކަމަށް ވާތީ، އަރަބި ބަސް ނޭނގި ތިކި ޖަހާކަށް ނޭނގޭނެ އެވެ. އެހެންވެ، ދިވެހިން ލިޔަން ދަސްކުރާ އިރު އެހެން ބަހެއް ދަސްކުރަން ޖެހުމަކީ އެކަން އޮންނަން ޖެހޭ ގޮތް ނޫން ކަމަށް އޭނަ ދެކެވަޑައިގަންނަވަ އެވެ.

"މިހެން ވާން ވެއްޖިއްޔާ ކުރިމަގުގައި ރާއްޖޭގެ ޑޭޓާ ބޭސް އަށް ވަރަށް ބޮޑެތި މައްސަލަތައް ދިމާވާނެ. ބަސްތައް ހޯދަން އުނދަގޫވާނެ،" ފަނޑިޔާރު ވިދާޅުވި އެވެ.

ބަސް ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު މި ރިޕޯޓަށް ވާހަކަ ދައްކަވަމުން ވިދާޅުވީ މީގެ ހައްލަކީ ތިކި ޖެހި ތާނަ އެއްކޮށް އުވާލުމެވެ. އޭނާ ވިދާޅުވި ގޮތުގައި، ދިވެހި ބަހަކީ އަރަބި ބަހުގެ ބައެއް ކަމަށް ދެކިގެން އުޅުނު ޒަމާން މިހާރު ފާއިތުވެގެން ހިނގައްޖެ އެވެ.

"ދިވެހި ބަހަށް ހަމަ ވަރަށް މޮޅު ކުދިން ވެސް މިހާރު މި ތިކި ޖެހި ތާނައެއްގެ ސަބަބުން ފާސްނުވާ ހިސާބަށް ހިނގައްޖެ. އެކަމަކު މި މައްސަލައިގައި ބަސް ކޮމެޓީން އެއް ހިޔާލަކަށް ނާދޭ،" އޭނާ ވިދާޅުވި އެވެ.

ތިކި ޖެހި ތާނަ މިހާރު އާންމު ލިޔުންތަކުގައި ހަގީގަތުގައި ބޭނުމެއް ނުވެސް ކުރެ އެވެ. ނޫސްތަކުގައި ވެސް އަދި އެހެން ލިޔުންތަކުން ވެސް ވަރަށް ނުފެނެ އެވެ. އެކަމަކު ދިވެހި ބަހުގެ ގަވައިދުގެ ތެރޭގައި ތިކި ޖެހި ތާނަ އޮތުމުންް، ސަރުކާރާއި ތައުލީމީ ނިޒާމުގެ ތެރޭގައި ވެސް ޕްރެކްޓިސް ކުރަމުން އަންނަނީ ތިކި ޖެހި ތާނަ އެއީ މަޖުބޫރު އެއްޗެއްގެ ގޮތުގަ އެވެ.

މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރަނީ: --.ފޮޓޯ: ނިޝާން އަލީ/މިހާރު

މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރަނީ: --.ފޮޓޯ: ނިޝާން އަލީ/މިހާރު

"ތިކި ޖަހަންވީ ކޮން ތަނެއްގައި ކަމެއް، ނުޖަހަންވީ ކޮން ތަނެއްގައި ކަމެއް ގިނަ ކުދިންނަކަށް ނޭނގޭނެ. މިހާ ބޮޑު އުނދަގުލެއް ކުދިންނަށް ޖެއްސުމުގެ ބޭނުމެއް އަޅުގަނޑަކަށް ނުވިސްނޭ،" ޓީޗަރަކު ވިދާޅުވި އެވެ.

މި މައްސަލާގައި ހިޔާލުފާޅުކުރެއްވި އަޝްރަފު އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ތިކި ޖެހި ތާނަ އުވާލައިފި ނަމަ، އެތައް ސަތޭކަ ލަފުޒެއް ދިވެހި އަޑުތަކަށް ފެތި، ދިވެހި ވެގެން އަންނާނެ ކަން ކަށަވަރެވެ. އޭނާ އަށް ތާއީދު ކުރައްވަމުން ދިވެހި އަދަބިއްޔާތުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ އަހުމަދު ޒާހިރު ވިދާޅުވީ "ނުއުފަންނަ ތިކިތަކެއް އުފަންކުރުމާއި ނެތް މައްސަލައަކަށް ބަހުސް އުފެއްދުމާއި ނެތިދާން ޖެހޭ އެއްޗެއް އުވެމުންދާއިރު ކޮނޑުވިއްދުމަކީ ބޭކާރު ކަމެއް" ކަމަށެވެ. އަދި "ކަންކަން އޮލަނބުވެފައި ވަނީ ތިކި ނުޖެހުމަށް" ކަމަށް އޭނާ ވިދާޅުވެ އެވެ.

ހުރިހާ ބޭފުޅުން ހެން ވެސް ސުވާލު ކުރައްވަނީ، ތިކި ޖަހައިގެން ވާނެ ފައިދާއެއް އެބަ އޮތްތޯ އެވެ؟ އަދި ތިކި ނުޖަހައިގެން ވާނެ ގެއްލުމެއް އެބަ އޮތްތޯ އެވެ؟

"އަޅުގަނޑުގެ ތަޖުރިބާ އަކީ އުވާލިޔަސް ވާނެ ގެއްލުމެއް ނެތް ކަން. އަދި ތިކި ޖަހަންވީމަ އޭގެ ސަބަބުން މާ ގިނަ އޮޅުންތައް އަރާކަން. ހަގީގަތުގައި ތިކި ޖެހިޔަސް ކިޔާ އިރު ހަމަ އެ ތިކި ނުލާ މި ކިޔަނީ ވެސް. އެހެންވީމަ އަޑު ނީވޭ އަކުރުތަކުގައި ތިކި ޖެހުމުގެ ބޭނުމެއް ނެތް،" ފަނޑިޔާރު ވިދާޅުވި އެވެ.

އަޅުގަނޑުގެ ތަޖުރިބާ އަކީ އުވާލިޔަސް ވާނެ ގެއްލުމެއް ނެތް ކަން. އަދި ތިކި ޖަހަންވީމަ އޭގެ ސަބަބުން މާ ގިނަ އޮޅުންތައް އަރާކަން. ހަގީގަތުގައި ތިކި ޖެހިޔަސް ކިޔާ އިރު ހަމަ އެ ތިކި ނުލާ މި ކިޔަނީ ވެސް.

ތިކި ޖެހި ތާނަ އުވާލުމަކީ ހައްލެއް ނޫން؟

ދިވެހި އަދަބިއްޔާތުގެ ވަރަށް ފުންނާބު އުސް ބޭފުޅެއް ކަމަށްވާ ރަމްލާ އަބްދުލްޣަނީގެ ޚިޔާލު ތަފާތެވެ. ތިކި ޖެހި ތާނަ އުނދަގުލަކަށް ވެފައިވާ މީހުންނަށް އޭނާ ދެއްވީ ނަސޭހަތެކެވެ.

"ތިކިޖެހި ތާނަ ރަސްމީ ގޮތުން ބަލައިގެން އެއަށް ޢަމަލު ކުރައްވަން ސަރުކާރުން ފެއްޓެވުމުން އެއްވެސް ދެކޮޅު ހެދުމެއް ނެތި ދިވެހި ރައްޔިތުން ކިޔަމަންތެރިކަމާ އެކު ދަސްކޮށް އެ ގޮތަށް ލިޔަން ފެށި އެވެ،" ބަސް ޖަގަހައިގައި އޭނާ ވިދާޅުވި އެވެ.

"އެކަން ބަލައިގަތީ ތަހުޒީބީ ކަމެއްގެ ގޮތުގައި އުފަލާ އެކުގަ އެވެ. އޭރު އެ ދަސްކުރި ގޮތަށް އަދި އަދަށް ވެސް އަޅުގަނޑަކަށް އެގޮތުން ލިޔުމަކީ ދަތިކަމަކަށް ވެސް ނުވެ އެވެ. ތިކި ޖަހަންވީ އަކުރުގެ ތިރީގައިތޯ މަތީގައިތޯ ނޭނގިގެން އުޅޭކަށް ނުޖެހެ އެވެ."

އޭނާ ވިދާޅުވި ގޮތުގައި އަކުރު ދަސްކޮށްދޭ ހިސާބުން ފެށިގެން އެގޮތަށް އަކުރު ދަސްކޮށްދިނުމުން ނޭނގިގެން، ނުވަތަ އޮޅުން ނުފިލައިގެން އުޅެން ޖެހޭނެ ކަމަކަށް ވެސް ގަބޫލެއް ނުކުރެއްވެ އެވެ.

ސްކޫލު ކުދިންތަކެއް ހަފުލާއެއްގައި: ދިވެހި ބަސް ފަސޭހަ ކޮށްދޭން ޖެހޭ-- ފައިލް ފޮޓޯ

ސްކޫލު ކުދިންތަކެއް ހަފުލާއެއްގައި: ދިވެހި ބަސް ފަސޭހަ ކޮށްދޭން ޖެހޭ-- ފައިލް ފޮޓޯ

"އެހެން ވެސް އެއްޗެހި ދަސްކުރާ އުޞޫލުން ތިކި ޖެހި ތާނަ ނުވަތަ ލެޓިން އަކުރުން ތާނަ ލިޔަން ދަސްކޮށް، އެއީ މާ ބޮޑު އުނދަގުލަކަށް ނުހަދައި މިކަން ހެޔޮހިތުން ބަލައިގަތުމަކީ އެންމެ އެދެވޭ ރަނގަޅު، ލުއިފަސޭހަ ގޮތް ކަމުގައި ޤަބޫލުކުރުމުން އޭގެ ފައިދާ ލިބެމުން ދިއުމަކީ އެންމެ އެދޭ ގޮތެވެ،" ރަމްލާ ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު، އަދި ކުރިން ޓީޗަރު ކަން ކުރައްވާފައިވާ ޝަރުމާ ނަސީރު ވިދާޅުވި ގޮތުގައި ތިކިޖެހި ތާނައަކީ ފަހުރެއް، އަދި ތަރިކައެކެވެ.

"އެ އުވާލުމަކަށް ތާއީދެއް ނޫން. ތިކިޖެހި ތާނައިން ދަމަހައްޓަނީ ދިވެހި ބަހުގައި ބޭނުންކުރެވެމުން އަންނަ ރިވެތި މަޚުރަޖުތައް. ބޭރު ބަސްބަހުން، ޚާއްޞަކޮށް ޢަރަބި އުރްދޫ ބަހުން ދިވެހި ބަހަށް އައިސްފައި ހުރި އަޑުތަކާއި މަޚުރަޖުތަކަކީ މުއްސަނދި އެއްޗެއް. ދިވެހި ބަހުގެ ކަންކަމުގައި އެހައި ވަރިހަމަ ކުރުން ރަނގަޅެއް ނޫން. ތިކިޖެހި ތާނައަކީ ދަސް ނުކުރެވޭވަރުގެ އަރަތެއް ނޫން. އެހެން ބަސްބަސް ވެސް 'ދަސްކުރަނީ'. އަމިއްލަ ބަހުގެ މަޚުރަޖެެއް ޤަވާޢިދެއް ދަސްކުރަންވީމާ ކުދިކިޔެނީ؟ ބަހަނާ ދެއްކެނީ. މި ޖީލު ނުވާނެ މިވަރަށް ފަސޭހަކޮށްލައިފައި ވަރިހަމަ ކުރާކަށް،" އޭނާ ލިޔުއްވި އެވެ.

ތިކި ޖެހި ތާނަ އުވާލަން ވިސްނާއިރު ބައެއް ބޭފުޅުންގެ ކަންބޮޑުވުމަކީ އާންމުކޮށް މި ބޭނުންްކުރާ އަދި އަޑު އިވޭ އަކުރުތައް އުވާލާނެ ގޮތަކާ ދޭތެރެ އެވެ. ހަމައެހެންމެ، ތިކި ޖެހުމުންް ދެ މާނައެއް ދޭހަވާ ބަސް ބަހަށް ހަދާނެ ގޮތެއްގެ މައްސަލަ އެވެ.

"ދެން ޣާޒީ ސްކޫލު ކިޔާނީ ކިހިނެއް؟" އެއް ބޭފުޅަކު ވިދާޅުވި އެވެ.

"ޚަބަރާއި ހަބަރު ދެނެގަންނާނީ ކިހިނެއް؟" އެހެން ބޭފުޅަކު އެއްސެވި އެވެ.

"ސަޒާ އާއި ޝަޒާ... މިއީ ދެ މާނައެއް،" އެހެން ބޭފުޅަކު ވިދާޅުވި އެވެ.

"ޣާޒީ އާއި ގާޒީ ވަކިކުރާނީ ކިހިނެއް؟" އެހެން ބޭފުޅަކު ސުވާލު ކުރެއްވި އެވެ.

އެ ސުވާލުތަކަށް ބައެއް ބޭފުޅުން އެ ފޯރަމްތަކުގައި ޖަވާބު ދެއްވި އެވެ. ބައެއް ބޭފުޅުން ވިދާޅުވީ، މައްސަލައަކީ ނެތް އަކުރުތަކެއް ތާނައިގެ ތެރެއަށް ލައިގެން ބަސް އުފަން ކުރުވުން ކަމަށެވެ.

"ޒަމާނުއްސުރެ ޤާޟީ އަށް ކިޔަނީ ގާޒީ. ގާޒީ އާއި އާޒީ ނުއެއް އޮޅޭނެ،" ދިވެހި ބަހުގެ ތެރޭގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ، ކުރިން ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ރައީސް ސަރީރާ އަލީ ޝަރީފު ވިދާޅުވި އެވެ.

"އެހެން ނޫނަސް އެއް ލަފްޒަކުން އެތައް މާނައެއް ނެރެވޭ ކިތަންމެ ލަފްޒެއް ކޮންމެ ބަހެއްގައި ވެސް ހުރޭ. ތިޔަ ދެ ލަފްޒަށް މެ ގާޒީއޭ ކިޔަސް ޖެހޭނެ މައްސަލައެއް ނުފެނޭ."

ބަހުގެ ވަރަށް ގިނަ އުސްތާޒުން ވިދާޅުވަނީ ތިކި ޖެހި ތާނައިގެ މައްސަލައަކީ މިއަދު ލުއި ގޮތަކަށް ވާހަކަ ދެއްކިޔަސް، ކުރިމަގުގައި ނުކުންނާނެ ބޮޑު މައްސަލައެއް ކަމަށެވެ. ސަބަބަކީ ތިކި ނުޖަހާ ލިޔާ މީހުން ގިނަވެފައި އޮތުމާއި ޓެކްނޮލޮޖީ މީގެ ތެރެއަށް ވަނުމެވެ. އެހެންވެ، ބައެއް މީހުން ގަބޫލުކުރަނީ ތިކި ޖެހި ތާނަ އުވާލުމަކީ ވެސް އެއީ ބަހަށް ލިބޭ ތަރައްގީއެއް ކަމަށެވެ.