Roadha Mihaaru
"ހަލުއިދާ" އަށް ޖަމީލް ދީދީ ދެއްވި ބަހުގެ ރެސިޕީ

"ހަލުއިދާ" އަށް ޖަމީލް ދީދީ ދެއްވި ބަހުގެ ރެސިޕީ

25 ޖޫން 2021

ހުކުރު ދުވަސް ވީމާ މިއަދު ރެސިޕީތައް މުހިންމުވާނެ އެވެ. އެކަމަކު މީގެ 38 އަހަރު ކުރިން ދީނީ އިލްމުވެރިޔާ އަދި ދިވެހި ބަހުގެ އަދީބު މުހައްމަދު ޖަމީލް ދީދީ ދެއްވި "ހަލުއިދާ" ގެ މި ރެސިޕީ އަކީ ފާރިސީ ބަހާއި އަރަބި ބަހާއި ދިވެހި ބަހުގެ މައްސުންޏެކެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ހުކުރު ދުވަސް ވީމާ މިއަދު ރެސިޕީތައް މުހިންމުވާނެ އެވެ. އެކަމަކު މީގެ 38 އަހަރު ކުރިން ދީނީ އިލްމުވެރިޔާ އަދި ދިވެހި ބަހުގެ އަދީބު މުހައްމަދު ޖަމީލް ދީދީ ދެއްވި "ހަލުއިދާ" ގެ މި ރެސިޕީ އަކީ ފާރިސީ ބަހާއި އަރަބި ބަހާއި ދިވެހި ބަހުގެ މައްސުންޏެކެވެ.

އެކަމަކު ޖަމީލް ދީދީ ނަމަކާ ބެހޭ ގޮތުން މި ވާހަކަ ދެއްކެވިތާ އެތައް އަހަރެއް ފަހުން މިހާރު އަނެއްކާ މި އޮތީ ބަދަލުވެ ވެސް ވެފަ އެވެ. "ހަލުއިދާ" އަކީ މިހާރު "ހަލުވިދާ" އެވެ. ސީވީޑުން އުފައްދާ ޖެލަޓިންއެކެވެ.

ސެޕްޓެމްބަރު 1، 1982 ގައި ނެރުނު "ފަތްތޫރަ" އަށް ޖަމީލް ދީދީ ލިޔުއްވާފައިވާ ސަމާސާ ލިޔުއްވުންކޮޅެއްގައި ދައްކަވާފައި އޮތީ "ހަލުއިދާ" ދިވެހިބަހަށް އަދި ގޮތެއްގެ ވާހަކަ އެވެ. އެކަމަކު "ނަމަކާ މެދު" ސުރުހީގެ ދަށުން މި ލިޔުއްވުން ވަކި ހިސާބަކަށް ކުރިއަށް ގެންދަވާފައި އޮތީ ވެސް ބައެއް ބަސްތައް ބޭނުންކުރާ ގޮތާ މެދު ބަހެއްގެ ސިފައިގަ އެވެ.

"މީހެއްގެ ނަމެއް ނޫނެވެ. ރަށެއްގެ ނަމެއްވެސް ނޫނެވެ. ކަނިކުރެއްވި ތަކެތީގެ ތެރެއިން އެއްޗެއްގެ ނަމެވެ."

މިހެން ލިޔުއްވާފައި ވިދާޅުވަނީ އެ ދެންނެވި އެއްޗެއް އޮޅުވައިނުލުމަށެވެ.

"ކަނިކުރެއްވި ތަކެއްޗޭ ދެންނެވުނީ ކާއެއްޗިއްސޭ ދަންނަވަން ވެގެންނެވެ." ޖަމީލް ދީދީ ލިޔުއްވާފައިވެ އެވެ.

މީހެއްގެ ނަމެއް ނޫނެވެ. ރަށެއްގެ ނަމެއްވެސް ނޫނެވެ. ކަނިކުރެއްވި ތަކެތީގެ ތެރެއިން އެއްޗެއްގެ ނަމެވެ.

އަހަރެމެންގެ ދަރިރިކޮޅަށް ދެމިގެންދާނެ ފަދަ އިލްމީ ހަދިޔާތަކެއް ދޫކުރައްވާފައިވާ ޖަމީލް ދީދީގެ ސަމާސާ މި ލިޔުއްވުމުގެ އަސްލު މައުލޫއަށް ވަޑައިގަތުމުގެ ކުރިން، "ކަނިކުރެއްވި ތަކެތި" ކަމަށް ލިޔުއްވި ސަބަބަށް ބާރު ދެއްވަމުން އައްސަވާފައިވަނީ "ކާ އެއްޗިއްސަށް ކިޔާ ނަންތަކުގެ މައިދާނަކީ ތަނަވަސް މައިދާނެއް ނޫންތޯ އެވެ! ތަނަވަސް ބަގީޗާއެއް ނޫންތޯ އެވެ!"

"އެ ބަގީޗާއަށް ވަދެ އެތަނުން މަލެއް ބިނދެލާހިތްވީ އެވެ. ނަމެއްގެ ފަހަތުން ދުއްވައިގަންނަހިތް ވީ އެވެ"

ދައްކަވާން އުޅުއްވަނީ ފޮނިކާއެއްޗަކަށް ކިޔާ ނަމެއްގެ ވާހަކަ ކަމަށް ވިދާޅުވެ ހަމަ އެއާ ވިއްދައި ލިޔުއްވާފައި ވަނީ "ހެދިޔާ ކިޔާހެން ފޮނިކާ ނުކިޔާންވީ ގޮތެއް" ނޭނގުނު ކަމަށެވެ.

ހަލުވިދާ ޕެކެޓެއް

ހަލުވިދާ ޕެކެޓެއް

"ހަލުއިދާ" ގެ ނަމުގެ ފަހަތުން ދުވެ އެއީ ކޮން އިރަކު އައި ނަމެއްތޯ ބަލައިލާހިތްވުމަކީ، ޖަމީލް ދީދީ ލިޔުއްވާފައިވާ ގޮތުގައި، ހައިރާންވާންވީ ކަމެއް ނޫނެވެ.

"އެއީ ބަހެއް މީހުންގައި ހުންނަ އުނި ސިފައެކެވެ. މިކަހަލަ ކަންތަކުގެ ފަހަތުން ދުވެ އެކޮޅާއި މިކޮޅު ހޯދައި އުޅޭހިތްވުމަކީ، ބައެއް މީހުންގައި ހުންނަ، އުނި ނުވަތަ ތުނި ސިފަޔެކޭ ދަންނަވައިލިޔަ ދެއްވާށެވެ."

"ހަލުއިދާ"ގެ އުފަން ދުވަސް ނޭނގުނަސް، އުފަން ރަށް އެނގޭ

ޖަމީލް ދީދީ ވިދާޅުވެފައިވާ ގޮތުގައި ހަލުއިދާ އަކީ ވެސް މިފަދަ އެހެން ނަންތައް ފަދައިން އުފަން ރަށަކާއި ދުވަހެއް އޮންނާނެ އެއްޗެކެވެ. އެކަމަކު މި ނަމުގެ އުފަން ދުވަސް ނޭނގުނަސް އުފަން ރަށެއް އެނގޭ ކަމަށް ވިދާޅުވެފައިވެ އެވެ.

"އެއީ ފާރިސްކަރަ އެވެ. އީރާނެވެ. އައްބާސީ ރަން ޒަމާނުގައި އުފަންވެގެން އައި ނަމެކެވެ."

ކައްކާފައި ހުރި ހަލުވިދާ

ކައްކާފައި ހުރި ހަލުވިދާ

ބަސް ފޮތްތަކުން މިކަން އެނގެން އޮންނަ ކަމަށާއި އެކަމަކު ފާރިސީ ބަހުން އެޔަށް ކިޔަނީ "ހަލުއިދާ" ނޫންކަމާއި އެއީ އެ ބަސް ފާރިސީ ބަހުން ލިޔެފައި އޮންނަ އިރު ދިވެހިން އެ ކިޔަން އުޅެގެން އުފެދުނު އާ ނަމެއްކަން ޖަމީލް ދީދީގެ ލިޔުއްވުމުން އެނގެ އެވެ.

އެ ބަސް ފާރިސީ ބަހުން ކިޔާ ގޮތާ އެންމެ ކައިރިކުރާ ގޮތަކަށް ވެސް ދިވެހި ބަހުން ލިޔެވޭ ގޮތް ކަމަށް ޖަމީލް ދީދީގެ ލިޔުއްވުމުގައި އޮތީ "ބާލޫޛާ" އެވެ. އެކަމަކު ފާރިސީ ބަހުން ލިޔެފައި އޮންނައިރު މި ބަހުގެ "ބ" އޮންނާނީ ފާފަކާ އެއްވެފައިކަން ފާހަގަކުރެއްވުމަށް ފަހު އަނެއްކާވެސް ކުރެއްވީ ސަމާސާއެކެވެ. ވިދާޅުވީ އެ ދެ އަކުރު އެއްވެފައި ވަނީ ހަލުއިދާ ކައްކާއިރު ހަކުރާއި ނަރާއި އެއްވާ ފަދައިން ކަމަށެވެ.

މުހައްމަދު ޖަމީލް ދީދީ

މުހައްމަދު ޖަމީލް ދީދީ

ހަލުއިދާ، ހަލުވިދާ އަށް ވެސް ބަދަލުވާ ހިސާބަށް އައި އިރު އޭރު ހަމައެކަނި ނަރުތަކެއްހެން ހުންނަ ހަލުވިދާ މިހާރު ފުށް ޕެކެޓެއްހެން ވެސް ހުރެ އެވެ. ހަލުވިދާނެ ނަރުތައް ހަކުރާ އެކު ކައްކާލުމުން ފަސޭހަކަމާ އެކު ވިރި އެކުވެގެންދެ އެވެ.

ޖަމީލް ދީދީ ލިޔުއްވާފައިވާ ގޮތުގައި، ފާރިސީ ބަހުގައި "ބ" އާއި "ފ" އެއްވުމުން އެ އުފެދޭ އަކުރުގެ އަޑު ނެރުމަކީ ދިވެހި ބަހުގެ މީހުންނަށް ފަސޭހަކަމެއް ނޫނެވެ. ދެން އަނެއްކާވެސް ފާހަގަކުރެއްވީ އަކުރު ކިޔުމުގައި ދިވެހިންނަށް އެންމެ އާންމުކޮށް ދިމާވާ މައްސަލައެކެވެ.

"ދިވެހި ނޫން މީހުންނަށް ށަވިޔަނި ކިޔުން ފަސޭހަނުވާ ފަދައިންނެވެ. އާދޭހެވެ! އަރަބި އަލިފުބާގެ ޝީނު އަޑުން އަކުރު ކިޔުނަސް، ދިވެހިން ކިޔަނީ ދިވެހި ށަވިޔަނި، އޭގެ ރީތި އަޑުން ކިޔުމަކީ، ދިވެހި ނޫން މީހަކަށް ފަސޭހަކަމެއް ނޫނެވެ."

ފާރިސީން އަރަބި ބަހަށް، ގާދޫކޮޅުން ދިވެހި ބަހަށް

މީރު ފޮނިކާ ހެދިކާގެ ނަން ފާރިސީ ބަހުން އަރަބި ބަހަށް ދިޔައިރު، އަނެއްކާ ބަދަލުވީ ކަމަށް ޖަމީލް ލިޔުއްވާފައިވެ އެވެ. އަރަބިން މިއަށް "ފާލޫޛާ" އަދި "ބަލޫޡާ" ވެސް ކިޔާ ކަމަށްވެ އެވެ.

"ކަނޑުތައް ހުރަސްކޮށް އައިސް ގާދޫކޮލުން ވަދެ ދިވެހި މި ބިމަށް ފުންމާލިއިރު ހަލުއިދާއަށް ވެފަ އެވެ."

- އެހެންވީމާ، ބުއިމެއްގެ ގޮތުގައި މަޝްހޫރު "ފަލޫދާ" ވެސް ގުޅެނީ ސީދާ މި ނަމަށެވެ. ފަލޫދާގެ މައިގަނޑު އެއްޗަކީ އެޔަށް އަޅާ "ޖެލީ" އެވެ. ޖެލީއޭ ކިޔަސް، ހަލުވިދާއޭ ކިޔަސް އެއްޗަކީ ޖެލަޓިން އެވެ. -

ދެން އަނެއްކާވެސް ސަމާސާ ބަސްކޮޅެވެ.

"ރީތި ނަމެކެވެ. މީހަކަށް ކިޔާން ވެސް ރީތި ނަމެކެވެ. މީރު އެއްޗެކެވެ. ދިރުވައިލުމުން ހަލުއިކަމާ އެކު ކަރުތެރެއިން ބަނޑަށް ފައިބައިގެންދާ އެއްޗެކެވެ."

ހަލުވިދާގެ ވާހަކަ ނިންމާލެއްވި ޅެންބައިތަކުންނެވެ.

"ނަންތަކުގެ ފަހަތުން ދުވާއިރު ކަންތަކޭ މީ ފެންނަހާ،

އަންތަރީހަށް ދެން ނުގޮސް އިއްވާނަމޭ ނަން ދަންނަހައި"