Roadha Mihaaru
ހުޅަނގު އައްސޭރީގައި ވެސް ހަނގުރާމަ ފަށަން ޖެހިދާނެ

ހުޅަނގު އައްސޭރީގައި ވެސް ހަނގުރާމަ ފަށަން ޖެހިދާނެ: ނަތަންޔާހޫ

13 ޑިސެމްބަރ 2023

ހުޅަނގު އައްސޭރީގައި މިހާރު ކަންތައް ހިނގަމުންދާ ގޮތަށް ބަލާއިރު، ހުޅަނގު އައްސޭރީގައި އޮންނަ ފަލަސްތީނު ސަރުކާރުގެ ހަތިޔާރު އެޅި ލަޝްކަރާ (ފަލަސްތީނު ފުލުހުންނާ) ދެކޮޅަށް ހަނގުރާމަ ފަށަން ޖެހިދާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ އިއްޔެ ވިދާޅުވެއްޖެ އެވެ.

ހުޅަނގު އައްސޭރީގައި މިހާރު ކަންތައް ހިނގަމުންދާ ގޮތަށް ބަލާއިރު، ހުޅަނގު އައްސޭރީގައި އޮންނަ ފަލަސްތީނު ސަރުކާރުގެ ހަތިޔާރު އެޅި ލަޝްކަރާ (ފަލަސްތީނު ފުލުހުންނާ) ދެކޮޅަށް ހަނގުރާމަ ފަށަން ޖެހިދާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ އިއްޔެ ވިދާޅުވެއްޖެ އެވެ.

އިޒްރޭލުގެ ގާނޫނު ހަދާ މަޖިލިސް ކަނީސަތުގެ، ޚާރިޖީ ގުޅުންތަކާއި ރައްކާތެރިކަމާ ބެހޭ ކޮމިޓީގެ ސިއްރު ބައްދަލުވުމެއްގައި މެމްބަރުން ކުރެއްވި ސުވާލުތަކުގެ ޖަވާބުގައި ނަތަންޔާހޫ ވިދާޅުވީ ފަލަސްތީނު ފުލުހުންނާ ދެކޮޅަށް ހަނގުރާމަ ފަށަން ޖެހިދާނެ ކަމަށް ބަލައި، އިޒްރޭލު އަންނަނީ އެކަމަށް ތައްޔާރުވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރުގެ ހާލަތަށް ބަލާއިރު ފަލަސްތީނު ފުލުހުންނާ ދެކޮޅަށް ހަތިޔާރުގެ ކުރިމަތިލުމެއް ފެށުމަކީ ވެސް ތާވަލުގައި ހިމަނާފައި އޮތް ކަމެކެވެ.

"އަހަރެމެން މިއަންނަނީ އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރަމުން. އެފަދަ ހަމަލާއެއް ދޭން ޖެހިއްޖެ ހިނދެއްގައި، މަދު މިނެޓްކޮޅެއްގެ ތެރޭގައި އިޒްރޭލުގެ ހެލިކޮޕްޓަރުތަކުން އެކަމަށް ރައްދު ދެވޭ ފަދަ ހާލަތަކަށް އަހަރެމެން މިއަންނަނީ ތައްޔާރުވަމުން،" ނަތަންޔާހޫއާ ހަވާލާދީ އިޒްރޭލުގެ ނޫސްތަކުގައިވެ އެވެ.

ނަތަންޔާހޫ ވިދާޅުވި ގޮތުގައި އިޒްރޭލާ މެދު ހަމާސް އާއި ފަލަސްތީނު ސަރުކާރުން ވެސް ގެންގުޅެނީ އެއް ވިސްނުމެކެވެ. އެކަމުގައި ތަފާތުވަނީ ދެ ފަރާތުން ކަން ކުރަން ބޭނުންވާ ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަމާސް އާއި ފަލަސްތީނު ސަރުކާރުގެ ތަފާތަކީ، ހަމާސް އިން ބޭނުންވަނީ މި ތަނުގައި ހަމަ މިވަގުތު އަހަރެމެން ނައްތައިލަން. ފަލަސްތީނު ސަރުކާރުން އެކަން ކުރަން ބޭނުންވަނީ ތަފާތު މަރުހަލާތަކެއްގައި. އަހަރެމެން މިއަންނަނީ، ފަލަސްތީނު ސަރުކާރުގެ މަސްލަހަތާއި އަހަރެމެންގެ އަމިއްލަ މަސްލަހަތަށްޓަކައި ވެސް، ހަމާސްއާ ދެކޮޅަށް ފަލަސްތީނު ސަރުކާރާ ބައިވެރިވެ އެއްބާރުލަމުން."

ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހަރަކާތްތެރިވާ ޖިހާދީ ޖަމާއަތްތަކާ ދެކޮޅަށް އިޒްރޭލުން ކުރާ މަސައްކަތްތަކުގައި، ފަލަސްތީނުގައި ވެރިކަން ކުރާ ފަތަހް ޖަމާއަތުން އަންނަނީ އިޒްރޭލަށް އެއްބާރުލުން ދެމުންނެވެ. އެ ގޮތުން އިޒްރޭލުން ބޭނުންވާ މީހުން ހައްޔަރުކޮށް ފަލަސްތީނުގެ ޖަލުތަކުގައި ބަންދުކޮށްފައި ބޭތިއްބުމަކީ ފަލަސްތީނު ސަރުކާރުން ކުރަމުން އަންނަ ކަމެކެވެ.

ނަމަވެސް އިޒްރޭލުން ބުނާ ގޮތުގައި މުޖާހިދުންގެ ޖަމާއަތްތައް ނައްތައިލުމުގައި ފަލަސްތީނު ސަރުކާރުން އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރެ އެވެ. އިޒްރޭލުގެ ސަލާމަތީ ބާރުތައް އިރުއިރުކޮޅުން ހުޅަނގު އައްސޭރީގެ ރަށްތަކަށް އަރައިގަނެ މުޖާހިދުން ހައްޔަރުކުރަންޖެހެނީ އެހެންވެގެން ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވި އެވެ.

އެ ގޮތުން މިއަހަރުގެ ތެރޭގައި އިޒްރޭލު ސިފައިން ހުޅަނގު އައްސޭރީގެ ރަށްތަކަށް އަރައިގަނެ ހިންގި އުދުވާނީ އަމަލުތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 200 އަށް ވުރެ މަތިވެފަ އެވެ.

ފަލަސްތީނުގެ ދައުލަތުގެ ނަމުގައި އޮންނަ އިދާރީ ހިންގުން މައިގަނޑު ދެ ސަރަހައްދެއްގައި އޮންނަ އިރު، ހުޅަނގު އައްސޭރީގައި އޮންނަނީ ފަތަހް ޖަމާއަތުގެ ވެރިކަމެކެވެ. ބައިނަލްއަގުވާމީ މުޖްތަމައުން ބަލައިގަންނަނީ ވެސް ހުޅަނގު އައްސޭރީގައި އޮންނަ، މުޅިން މިނިވަން ނޫން ޒާތީ ވެރިކަމެވެ.

އޭގެ އިތުރުން ޣައްޒާގައި އޮންނަނީ އިދިކޮޅު ހަމާސް ޖަމާއަތުގެ ވެރިކަމެކެވެ. ހަމާސްގެ ބާރުގެ ދަށަށް ޣައްޒާ ދިޔައީ 2007 ގައި ފަތަހް ޖަމާއަތާއި ހަމާސްއާ ދެމެދު ހިނގި ކުރުމަތިލުންތަކަށް ފަހު އެވެ. އޭގެ ފަހުން މިދިޔަ 16 އަހަރު ވެސް ޣައްޒާ އޮތީ އިޒްރޭލުން ހިސާރުކޮށްފަ އެވެ.

އިޒްރޭލު ސިފައިން ޣައްޒާއާ ދެކޮޅަށް މިހާރު ކުރަމުން ދާ ހަނގުރާމަ ފެށީ، އޮކްޓޫބަރު 7، 2023 ގައި ހަމާސް ޖަމާއަތުން އިޒްރޭލުގެ ޔަހޫދީ އާބާދީތަކަށް އަރައިގަނެ ދިން ހަމަލާތަކުގައި 1147 މީހުން މަރާލައި 240 އަށް ވުރެ ގިނަ މީހުން ރަހީނުކުރުމާ ވިދިގެން ބަދަލު ހިފުމުގެ ގޮތުންނެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލު ސިފައިން ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމަ އަށް މިއަދަށް 68 ދުވަސް ވީއިރު، އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު ވަނީ 18500 އަށް ވުރެ މަތިވެފަ އެވެ. އޭގެ ތެރޭގައި 8000 އަށް ވުރެ ގިނަ ކުޑަކުދިންނާއި 5600 އަށް ވުރެ ގިނަ އަންހެނުން ހިމެނެ އެވެ.

އަދި ޒަޚަމްވި މީހުންގެ އަދަދު 50100 އަށް ވުރެ މަތިވެފައިވާ އިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެ ނުވަތަ ހަމަލާތަކުގައި ހަށިގަނޑު ކުދިކުދިވުމުގެ ސަބަބުން، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު ވެސް މިހާރު ވަނީ 8900 އަށް ވުރެ މަތިވެފަ އެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލުގެ ޔަހޫދީ އާބާދީތަކަށް އަރައިގަނެ ދިން ހަމަލާތަކުގައި ރަހީނުކުރި 240 އަށް ވުރެ ގިނަ މީހުންގެ ތެރޭގައި ހިމެނޭ އިޒްރޭލު ސިފައިންނާއި ސިފައިންގެ ތެރޭގައި ޚިދުމަތް ކުރުމަށް ފަހު ރިޒާވް ލަޝްކަރާ ގުޅިފައިވާ 137 މީހުން އަދިވެސް ތިބީ ހަމާސްގެ ބެލުމުގެ ދަށުގަ އެވެ.