Roadha Mihaaru
ކުރީގެ ސިވިލްސާވިސް މުވައްޒަފުންނަށް އަލުން ވަޒީފާ ދެނީ

ސިވިލް ސާވިސް ވަޒީފާ ދޫކޮށްލާފައިވާ މީހުން އަލުން ވަޒީފާ އަދާކުރަން ފުރުސަތު ދޭން ނިންމައިފި

29 އެޕްރީލް 2024

ސިވިލް ސާވިސް ވަޒީފާ އަދާކުރުމަށް ފަހު، އެކި ސަބަބުތަކާ ގުޅިގެން އެ ވަޒީފާ ދޫކޮށްލާފައިވާ މީހުންނަށް އަލުން އެ ވަޒީފާ އަށް ދިއުމަށް ފުރުސަތު ފަހިކޮށްދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ސިވިލް ސާވިސް ވަޒީފާ އަދާކުރުމަށް ފަހު، އެކި ސަބަބުތަކާ ގުޅިގެން އެ ވަޒީފާ ދޫކޮށްލާފައިވާ މީހުންނަށް އަލުން އެ ވަޒީފާ އަށް ދިއުމަށް ފުރުސަތު ފަހިކޮށްދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

މިގޮތަށް ރައީސް ނިންމެވީ އިއްުޔެ ބޭއްވި ކެބިނެޓު ބައްދަލުވުމުގައި ހުށަހެޅި ކަރުދާހަަކަށް މަޝްވަރާ ކުރުމަށް ފަހު ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ސިއްހީ ދާއިރާ އަށް ކުރިން ހިދުމަތްކޮށް، އެކި ސަބަބުތަކާ ހެދި ވަޒީފާ އިން ދުރުގައި ތިބި ތިބި ސިއްހީ ހިދުމަތްތެރިން އަލުން މަސައްކަތަށް ނުކުމެވޭނެ ގޮތް ހަމަޖައްސައިދިނުމަށް މީގެ ކުރިން އޮތީ ނިންމައިފަ އެވެ.

އޭގެ ފަހުން ރައީސް މުއިއްޒު ވަނީ ސިވިލް ސާވިސް ވަޒީފާ ދޫކޮށްލާފައިވާ އެހެން މީހުންނަށް ވެސް އެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެ ނިންމެވުމާ އެކު، ސިވިލް ސާވިސްގައި މީހުން ލިބުން ދަތި ދާއިރާތަކުގެ މަގާމުތަކާއި ވަގުތީ ގޮތުން މީހުން ބޭނުންވާ މަގާމުތަކުގައި ވަޒީފާ އަދާކުރުމަށް ޝައުގުވެރިކަން ހުރި، އެ ދާއިރާތަކުގައި ވަޒީފާއަދާކޮށް ވަޒީފާ އިން ވަކިވެފައިވާ މީހުންގެ ދަފުތަރެއް އެކުލަވައިލާނެ ކަމަށެވެ.

ރައީސް މުއިއްޒު އިއްޔެގެ ކެބިނެޓް ބައްދަލުވުން ކުރިއަށް ގެންދަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު އިއްޔެގެ ކެބިނެޓް ބައްދަލުވުން ކުރިއަށް ގެންދަވަނީ.---ފޮޓޯ: ރައީސް އޮފީސް

މިގޮތަށް މީހުން ބޭނުންވެއްޖެ ހިނދެއްގައި އެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ މީހުންގެ ތެރެއިން ވޭޖް އެމްޕްލޯއިމަންޓް އުސޫލުން މީހުން ހަމަޖައްސާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އެއީ ސިވިލް ސާވިސް އަށް މީހުން ރެކްރޫޓް ކުރުމުގެ އިޖުރާއަތްތައް ހުރި ގޮތުން މީހުން ލިބުން ދަތި ނޫން މަގާމުތަކަށް ވެސް މީހުން ހަމަޖެއްސުން ލަސްވެ، ބައެއް މުއައްސަސާތަކުގެ ހިދުމަތް ވެސް ލަސްވާތީ ރައީސް ނިންމެވި ނިންމެވުމެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ދާއިމީ މަގާމުތަކަށް މީހުން ހޯދުމުގެ އިތުރުން އެކި ސަބަބުތަކަށްޓަކައި ދިގު މުއްދަތުގެ ޗުއްޓީ ނަގާ މުވައްޒަފުންގެ ބަދަލުގައި ވަގުތީ ގޮތުން މަސައްކަތް ކުރާނެ މީހުން ރެކްރޫޓުކުރުމަށް ހުރި ދަތިކަން ވެސް އެ ނިންމެވުމާ އެކު ހައްލުވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.