Roadha Mihaaru
"ބަންގްލަދޭޝް ލޭބަރުންނަށް ހުއްދަދިނީ ގާނޫނާ ހިލާފަށް"

ބަންގްލަދޭޝް ލޭބަރުން ގެންނަން ހުއްދަ ދިނީ ގާނޫނާ ހިލާފަށް: ފައްޔާޒު

17 ޑިސެމްބަރ 2023

ބަންގްލަދޭޝްގެ މަސައްކަތު މީހުން ރާއްޖެ ގެނައުމަށް ހުއްދަ ދޭން މި ސަރުކާރުން ނިންމާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ބަންގްލަދޭޝްގެ މަސައްކަތު މީހުން ރާއްޖެ ގެނައުމަށް ހުއްދަ ދޭން މި ސަރުކާރުން ނިންމާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ނޮވެމްބަރު 17 އާ ހަމައަށް ވެރިކަންކުރި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވާ ފައްޔާޒު އެހެން ވިދާޅުވީ، ބަންގްލަދޭޝް އިން ލޭބަރުން ރާއްޖެ ގެނައުން މަނާކޮށްފައި އޮންނަތާ ހަތަރު އަހަރު ފަހުން މިއަދުން ފެށިގެން އަލުން ހުއްދަ ދޭން ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.

އެކަމާ ގުޅޭ ގޮތުން، ފައްޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހަމައެކަނި ބަންގްލަދޭޝް މަސައްކަތްތެރިން ގެންނަން ސަރުކާރުން ނިންމީ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ކަމަށެވެ.

އެ ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުން ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމަށްޓަކައި އެއް ގައުމަކުން އެންމެ ގިނައިން ރާއްޖެ އަށް ގެނެވޭނެ އަދަދަކީ އެއްލައްކަ މީހުންނެވެ.

އެ ހުއްދަ ދިނުމުގެ ކުރިން ގާނޫނު އިސްލާހު ކުރަންޖެހޭ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

"2019 ގަ ކުރިން ބަންގަލަދޭޝްގެ ވަގުފާރި ވިޔަފާރި އަކީ އަހަރަކު އެތައް ބިލިއަން ރުފިޔާއެއްގެ މުޑުދާރު ވިޔަފާރިއެއް ބަޔަކު ކުރަމުން ދިޔަ. ފަސް އަހަރު ހުއްޓުވާފައި އޮވެ އަލުން ގާނޫނާ ހިލާފަށް މިކަން ހުޅުވާލުމަކީ ގައުމީ ސަލާމަތަށް އަދި ދިވެހި އިގްތިސޯދާއި އިޖުތިމާއީ ފޭރާމަށް ހުރި ނުރައްކަލެއް،" އޭނާ ވިދާޅުވި އެވެ.

ބަންގްލާދޭޝް ލޭބަރުން ރާއްޖެ ގެނައުން މަނާކުރީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ކުރީގެ ސަރުކާރުން 2019 ވަނަ އަހަރު ފެށި ޕްރޮގްރާމާ އެކުގަ އެވެ.

އެގޮތަށް ނިންމައި އޭރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ކޮންމެ ގައުމަކަށް 150،000 ގެ ކޯޓާއެއް ކަނޑައެޅުމުން ބަންގްލާދޭޝްގެ ކޯޓާ ހަމަވެފައިވާ ކަމަށާއި އެހެންވެ އިތުރަށް އެ ގައުމުން މީހުން ނުގެނެވޭނެ ކަމަށެވެ. އޭރު ބުނެފައިވާ ގޮތުގައި ވޯކް ވިސާގައި 144،607 މީހަކު ރާއްޖެ އެތެރެވެ އޭގެ ތެރެއިން 63،000 މީހުން އުޅެނީ ގަވާއިދާ ހިލާފަށެވެ.

ނަމަވެސް ބިދޭސީންގެ މައްސަލަ ހައްލު ކުރަން ފައްޔާޒު އިސްވެ މަސައްކަތްތަކެއް ކުރެއްވި ނަމަވެސް ފަސް އަހަރުގެ ވެރިކަމުގައި ހައްލެއް ނުގެނެވުނު ކަމަށް ބުނެ އޭނާ އަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. ހާއްސަކޮށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިންނަށް ފިޔަވަޅު ނޭޅުމާއި އެ މީހުން ހުއްޓުވުމުގެ ކަންކަމުގައި ފެއިލް ވި ކަމަށް ބުނެ ފާޑުކިޔުން ބޮޑެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ބޮޑު އޮޕަރޭޝަނެއް ފަށަން އިމިގްރޭޝަނުން މިހާރު ވަނީ ނިންމައިފަ އެވެ. އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ގަވައިދާ ހިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން އޮޕަރޭޝަންތަކެއް ފަށައި ގަވައިދާ ހިލާފަށް އުޅޭ ހުރިހާ ބިދޭސީން ރާއްޖެއިން ފޮނުވާލަން ނިންމާފައިވާ ކަމަށެވެ.