Roadha Mihaaru
ވޯކްޕާމިޓަށް ފައިސާ ދައްކަނީ 36 ޕަސެންޓް މީހުން

ވޯކްޕާމިޓަށް ބަރާބަރަށް ފައިސާ ދައްކަނީ 36 ޕަސެންޓް މީހުން: މިނިސްޓަރު

19 ޑިސެމްބަރ 2023

ރާއްޖޭގައި މަސައްކަތްކުރަން 139،000 ހުއްދަ މި ވަގުތަށް ދޫކޮށްފައިވާ ކަމަށް އެކްސްޕެޓް ސިސްޓަމުން ދެއްކިޔަސް އޭގެ ތެރެއިން ބަރާބަރަށް ފައިސާ ދައްކަނީ އެންމެ 36 ޕަސެންޓް މީހުން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި މަސައްކަތްކުރަން 139،000 ހުއްދަ މި ވަގުތަށް ދޫކޮށްފައިވާ ކަމަށް އެކްސްޕެޓް ސިސްޓަމުން ދެއްކިޔަސް އޭގެ ތެރެއިން ބަރާބަރަށް ފައިސާ ދައްކަނީ އެންމެ 36 ޕަސެންޓް މީހުން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ރޭ ވިދާޅުވެއްޖެ އެވެ.

ބަންގްލަދޭޝް އިން ރާއްޖެއަށް ލޭބަރުން ގެނައުން މަނާކޮށްފައި އޮންނަތާ ހަތަރު އަހަރު ފަހުން މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ސަރުކާރުން އެ ހުއްދަ ދޭން ފެށުމާ އެކު ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ދަނީ އަމާޒުވަމުންނެވެ.

މިދިޔަ ސަރުކާރުގައި ބިދޭސީންގެ ކަންކަން ބެލެހެއްޓި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެސް ވަނީ ކޮންމެ ގައުމަކުން ލޭބަރުން ގެނެވޭނެ އަދަދު ގާނޫނުގައި ކަނޑައަޅައި ބަންގްލަދޭޝްގެ ކޯޓާ ހަމަވެފައި ވަނިކޮށް އެ ގައުމުން މީހުން ގެންނަން ނިންމުން ގާނޫނާ ކަނޑައެޅިގެން ހިލާފު ކަމަށް ވިދާޅުވެފަ އެވެ.

އެއް ގައުމަކުން ރާއްޖެ އަށް އެންމެ ގިނަވެގެން އެއްހަރާ އެތެރެވެވޭނީ އެއްލައްކަ ބިދޭސީން ކަމަށް ގާނޫނުގައި ކަނޑައަޅާފައި އޮތަސް މި ސަރުކާރުގެ ހޯމް މިނިސްޓަރު އިހުސާން ވިދާޅުވީ، އެ އަދަދަށް ބަންގްލަދޭޝްގެ ލޭބަރުންގެ އަދަދު ނާރާ ކަމަށެވެ.

އެކަންކަމާ ގުޅިގެން ބޭއްވި ކުއްލި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ރޭ ވިދާޅުވީ ރާއްޖެ އެތެރެވި ބިދޭސީންނާއި ރާއްޖޭގައި މި ވަގުތު ތިބި ބިދޭސީންގެ އަދަދު އިމިގްރޭޝަންގެ ބޯޑަ ކޮންޓްރޯލް ސިސްޓަމުން އެނގޭ ކަމަށެވެ. އެ ސިސްޓަމުން ދައްކާ ގޮތުން ރާއްޖޭގައި މި ވަގުތު ބަންގްލަދޭޝްގެ 90،624 ބިދޭސީން އެބަތިއްބެވެ. އެހެންވެ، އެއީ ވަޒީފާއާ ބެހޭ ގާނޫނުގެ 65 ވަނަ މާއްދާއާ ހިލާފު ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފައްޔާޒު މަގާމު އަދާކުރެއްވި ސަރުކާރުގައި ބިދޭސީންގެ އަދަދު ގުނަމުން ދިޔައީ ބިދޭސީންގެ ވޯކްޕާމިޓް ރަޖިސްޓަރީ ކުރާ އެކްސްޕެޓް ސިސްޓަމަށް ކަމަށް ބަލައިގެން ކަމަށް ވިޔަސް މި ސަރުކާރުން ބަލަނީ އިމިގްރޭޝަންގެ ބޯޑަ ކޮންޓްރޯލް ސިސްޓަމަށެވެ. ރާއްޖެ އަށް އެތެރެވާ އެންމެންގެ މައުލޫމާތު ބަލަހައްޓާ ސަރުކާރުގެ މައި ނިޒާމަކީ އެއީ އެވެ.

އިހުސާން ތަކުރާރުކޮށް ވިދާޅުވީ، އެކްސްޕެޓް ސިސްޓަމުން ދައްކާނީ ރާއްޖޭގައި ބިދޭސީން ތިބި އަދަދު ނޫން ކަމަށާއި އެއީ ވޯކްޕާމިޓް ދޫކޮށްފައިވާ މީހުންގެ ޖުމުލަ އަދަދު ކަމަށެވެ.

"އެކްޓިވް ވޯކްޕާމިޓަކީ ވަޒީފާ އަށް މީހަކު އަންނަން ދެވޭ ހުއްދަ. އެ ހުއްދަ ވަޒީފާ ދޭ ފަރާތުން ބާތިލް ނުކުރާ ހިނދަކު މި އިންނަނީ އެކްޓިވް ވޯކްޕާމިޓެއްގެ ގޮތުގައި ސިސްޓަމްގައި. މާނައަކީ ކުންފުންޏަކުން މީހަކު މަސައްކަތެއް ކުރުމަށް ގެނައުމަށްޓަކައި ހުއްދައަށް އެދޭއިރު އަޅުގަނޑުމެން މި ދޫކުރާ ހުއްދައަށް މި ކިޔަނީ ވޯކްޕާމިޓެކޭ. މަސައްކަތުގެ ހުއްދައެކޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވޯކްޕާމިޓް ބާތިލް ކުރަނީ ބިދޭސީމީހާ ރާއްޖެ އިން ފުރައިގެން ދިއުމުން އޭނާގެ ވެރިފަރާތުން އަންގާ ހިސާބުންނެވެ. ނަމަވެސް ވޯކްޕާމިޓް ދޫކޮށްފައި ތިބި އެތައް ހާސް ބަޔަކު ރާއްޖެ އިން ބޭރުގައި ތިއްބަސް "އެކްޓިވް ވޯކްޕާމިޓް" އެކްސްޕެޓް ސިސްޓަމުން ފެންނަން ހުރެދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ބިދޭސީންނަށް 139،000 އެކްޓިވް ވޯކްޕާމިޓު ދޫކޮށްފައިވާކަން ބިދޭސީންގެ ކަންތައް އެކްސްޕެޓް ސިސްޓަމުން ދައްކާ ކަމަށެވެ. އޭގެ ތެރެއިން ފާއިތުވި އެއް އަހަރުގެ ތެރޭގައި ބަރާބަރަށް ފައިސާ ދައްކާފައިވަނީ އެންމެ 36 ޕަސެންޓް މީހުން ކަމަށް ވެސް އިސްކަންދަރު ކޮށީގައި ބޭއްވި ޕްރެސްގައި ވިދާޅުވި އެވެ.

"ވޯކްޕާމިޓްތަކުގެ ތެރެއިން، ފާއިތުވި އަހަރެއްހާ ދުވަސް ތެރޭގައި ވެސް ގަވައިދުން ފައިސާ ދައްކާފައި އިން ވޯކްޕާމިޓުތަކުގެ އަދަދަކީ މީގެ 50 ޕަސެންޓް. ބަންގްލަދޭޝް ވޯކްޕާމިޓްތަކުގެ އަދަދަކީ 50 ޕަސެންޓް. ގަވައިދުން ބަރާބަރަށް ފައިސާ ދައްކަމުން އަންނަ އަދަދަކީ 36 ޕަސެންޓް،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އެކްޓިވް ވޯކްޕާމިޓުގައި މި ވަގުތު ތިއްބަސް އޭގެ ތެރެއިން ބައެއް މީހުން ރާއްޖޭގައި ނެތް ކަމަށެވެ. އެހެންވެ، މިނިސްޓްރީގެ އެކްސްޕެޓް ސިސްޓަމްގައި ތިބި މީހުންގެ އަދަދު ދިމާކުރަން ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށާއި ސީދާ ފިންގަޕްރިންޓް ދިމާވެ، ރާއްޖޭގައި ތިބި ބިދޭސީންގެ އަދަދާއި އެއީ ކޮން ބައެއްކަން އެނގޭވަރު ކުރާނެކަން އޭނާ ފާހަގަކުރެއްވި އެވެ. އެ ކަން ކޮށް ނިންމަން ކަނޑައަޅާފައި ވަނީ ކުރިއަށް އޮތް އެއް އަހަރުގެ މުއްދަތެވެ.

އިހުސާން ވިދާޅުވީ ވޯކްޕާމިޓް ނެގުމަށްފަހު، ވަޒީފާ ދޭ ފަރާތުން އެ ހުއްދަ ބާތިލް ނުކުރާހާ ހިނދަކު އިންނަނީ އެކްޓިވް ވޯކްޕާމިޓްގެ ގޮތުގައި ކަމަށެވެ. އެ ހުއްދަ ބާތިލްވާނީ، އެ ބިދޭސީ މީހާ ފިލައިގެން ދިއުމުން ނުވަތަ ރާއްޖެއިން ދިއުމުން، ވަޒީފާ ދިން ފަރާތުން އެކަމަށް ހުށަހެޅުމުން އަދި ބޯޑަ ކޮންޓްރޯލްގެ މައުލޫމާތަށް ބަލައި އެކަން ކަށަވަރު ކުރެވުމުންނެވެ.

ރާއްޖޭގައި މި ވަގުތު 90،624 ބިދޭސީން ތިބި ކަމަށް އާ ސަރުކާރުން ބުންޏަސް، އޭގެ ތެރެއިން ގާނޫނާ ހިލާފަށް ތިބި މީހުންގެ އަދަދެއް ސާފެއް ނުވެ އެވެ. މިނިސްޓަރު ވިދާޅުވީ ބިދޭސީއަކު ރާއްޖޭގައި ގަވައިދާ ހިލާފުވުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށެވެ. އަދި ނޭޝަނަލް ސެކިއުރިޓީ މިންގަނޑުން ބަލާ ނަމަ ގަވައިދާ ހިލާފަށް އުޅޭ މީހުންގެ މައުލޫމާތު ނެތުމަކީ ކަންބޮޑުވުމެއް ކަމަށް ވިދާޅުވި އެވެ.

ބިދޭސީންނާ ގުޅޭގޮތުން ކުރީގެ ސަރުކާރުން އާއްމުކުރި ރިޕޯޓުތަކެއް، އިކޮނޮމިކް މިނިސްޓްރީން ޑިލީޓްކުރި މައްސަލައެއް ވެސް ވަނީ ބޮޑުވެފަ އެވެ. އިހުސާން ވިދާޅުވީ އެއްވެސް މައުލޫމާތެއް ގެއްލިގެން އުޅޭ ކަމަށް މައުލޫމާތު ނުލިބޭ ކަމަށާއި އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުން ޑިލީޓްކުރި ރިޕޯޓު، ހޯމްލޭންޑު ސެކިއުރިޓީގެ ވެބްސައިޓުން ފެންނާނެ ގޮތް ހަދާނެ ކަމަށެވެ.