Roadha Mihaaru
ބޮޑުފިނޮޅުގައި ތިބި ބިދޭސީން ގެންދިޔައީ ހުޅުމާލެ އަށް

ބޮޑުފިނޮޅުގައި ތިބި ބިދޭސީން ގެންދިޔައީ ހުޅުމާލެ އަށް، ހަރަދުކުރަނީ ރިޒް އިން: މިނިސްޓަރު

02 އޯގަސްޓް 2020

ބ. ބޮޑުފިނޮޅުގައި ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ރިޒް ކުންފުނީގެ ބިދޭސީން ގެންދިޔައީ ހުޅުމާލެ އަށް ކަމަށާއި މުސާރައިގެ މައްސަލަތައް ހައްލުވަންދެން އެ މީހުން ތިބޭނީ އެ ފެސިލިޓީގައި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބ. ބޮޑުފިނޮޅުގައި ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ރިޒް ކުންފުނީގެ ބިދޭސީން ގެންދިޔައީ ހުޅުމާލެ އަށް ކަމަށާއި މުސާރައިގެ މައްސަލަތައް ހައްލުވަންދެން އެ މީހުން ތިބޭނީ އެ ފެސިލިޓީގައި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު "މިހާރު" އަށް ވިދާޅުވީ، ބޮޑުފިނޮޅުން ބިދޭސީން ގެންދިޔައީ ކާބޯތަކެއްޗާއި ބޯހިޔާވަހިކަން ލިބޭނެކަން ކަށަވަރުކޮށްދިނުމަށް ކަމަށެވެ. އެމީހުން ޑީޕޯޓުނުކުރާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

މިލަންދޫ ދާއިރާގެ އެމްޑީޕީ މަޖިލިސް މެމްބަރު، އަލީ ރިޒާގެ ކުންފުނީގައި މަސައްކަތް ކުރި ބިދޭސީން ހުޅުމާލޭގައި ބައިތިއްބާފައިވަނީ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ވިޔަފާރި އުސޫލުން ބިދޭސީން ބައިތިއްބުމަށް ހިންގާ ފެސިލިޓީއެއްގަ އެވެ.

އެ މީހުންގެ ކެއުމާއި ހުރުމަށް ރިޒް ކުންފުނިން ފައިސާ ދައްކާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ބޮޑުފިނޮޅުގައި ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ރިޒް ކުންފުނީގެ ބިދޭސީން ގެންދިޔަ ތަނެއް ސާފުކޮށްދިނުމަށް، އެ މީހުންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭ ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން ވެސް ވަނީ އެދިފަ އެވެ.

ފުލުހުންނަށާއި އިމިގްރޭޝަން އަދި އިކޮނޮމިކް މިނިސްޓްރީ އަށް ފޮނުވި ސިޓީގައި ޕީއައިއެލްސީން ބުނެފައި ވަނީ، މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކާއި ގެއްލުމުގެ ބަދަލު ހޯދަން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައިވަނިކޮށް، އެ ބިދޭސީންނަށް ވީނުވީއެއް ނޭނގުމަކީ މައްސަލައަށް އަސަރުކުރާނެ ކަމެއް ކަމަށެވެ. އެހެންވެ އެ މީހުންނާ މެދު އެއްވެސް ފިޔަވަޅެއް އެޅުމުގެ ކުރިން އެކަން އަންގައިދިނުމަށް ޕީއައިއެލްސީން އެދެ އެވެ.

ބިދޭސީން ބޮޑުފިނޮޅުން ފޮނުވާލުމުގެ ކުރިން، ޒަރޫރީ ބޭނުމެއްގައި މިދިޔަ ހަފުތާގައި އެ ރަށުން ފޭބި ހަތަރު ބިދޭސީއަކު ވެސް އަނބުރާ އެ ރަށަށް ނާރުވާ ކަމަށާއި އެ މީހުން ވީ ތަނެއް ވެސް ނޭނގޭ ކަމަށް ޕީއައިއެލްސީން ކުރިން ބުންޏެވެ. އެހެންވެ ދެން ބާކީ ތިބޭނީ 174 މީހުންނެވެ.

"މިހާރު"އަށް އެނގިފައިވާ ގޮތުގައި ބޮޑުފިނޮޅުގައި ތިބި ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށުން އެ ރަށުން އިއްޔެ ބޭލީ ކަރަންޓާއި ފެނުގެ ހިދުމަތް ކެނޑުމުގެ ސަބަބުން ހާލުގައި ޖެހިފައި ތިބޭތާ ދެ ދުވަސް ފަހުންނެވެ. ބިދޭސީންނަށް ކަރަންޓާއި ފެނުގެ ހިދުމަތް ކެނޑުނީ ސީލް މޯލްޑިވްސްގެ އެންމެން ރަށް ދޫކޮށް ދިއުމުން އެ ހިދުމަތްތައް މެނޭޖްކުރާނެ ބަޔަކު ނެތުމުންނެވެ.

އެކަމަކު އެމީހުން ފުރުވާލިއިރު ސީލް މޯލްޑިވްސް އިން ވަނީ ރަށަށް ކަރަންޓާއި ފެނުގެ ހިދުމަތް އަލުން ދީފަ އެވެ. ފެނާއި ކަރަންޓުގެ ޚިދުމަތް ކެނޑުނީ ފެން ޕްލާންޓާއި ޖަނަރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށާއި އެ މައްސަލަ ދިމާވާތީ ހައްލުކުރަން އެދުމުން އެ ހުއްދަ ނުލިބި ލަސްވި ކަމަށް ސީލްގެ ވަކީލުން ވިދާޅުވި އެވެ.

ބޮޑުފިނޮޅުގެ ބައެއް މަސަައްކަތްތަކާ ހަވާލުވެ، ރިޒް ކުންފުނިން ބޮޑުފިނޮޅަށް ގެންދިޔަ މުވައްޒަފުންނަށް މުސާރަ ނުދޭތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް އެ މީހުން ވަނީ އެ ރަށުގައި މުޒާހަރާކޮށް ހަމަނުޖެހުން ހިންގައި، އެރަށުގައި ތިބި ދިވެހިން ރަށުން ފޭބިޔަ ނުދީ ހިފަހައްޓައިފަ އެވެ. އެ މައްސަލަ ހައްލުކުރަން އެރަށަށް ފުރަތަމަ ދިޔަ ފުލުހުންނަށް ވެސް ބިދޭސީން ހަމަލާދިނެވެ. ފުލުހުން ފަހުން އެ ރަށަށް އެރީ ރާއްޖޭގައި ހުންނަ ބަންގްލަދޭޝް ހައިކޮމިޝަނުގެ އޮފިޝަލުންނާއި ރެޑްކްރެސެންޓުގެ އޮފިޝަލުންނާ އެކުގަ އެވެ.

ބިދޭސީންގެ މުސާރައިގެ މައްސަލައިގައި ރިޒާގެ މައްޗަށް ހިއުމަން ޓްރެފިކިންގެ ސީރިއަސް ތުހުމަތުތަކެއް ކޮށްފަ އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.