Roadha Mihaaru
އަލަށް ވާދަކުރާ ސިޓީ އަތުން ޕޮލިހަށް ނާކާމިޔާބު

އަލަށް ވާދަކުރާ ސިޓީ ސްޕޯޓްސް އަތުން ފުރަތަމަ މެޗުގައި ޕޮލިހަށް ނާކާމިޔާބު

18 ޑިސެމްބަރ 2023

ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަނުގެ ފައިނަލް ބުރުގެ ކުޅުން އިއްޔެ ފެށިއިރު، ޕޮލިސް ކްލަބަށް ފުރަތަމަ މެޗުގައި ބޮޑު ނާކާމިޔާބަކާ ކުރިމަތިވެއްޖެ އެވެ.

ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަނުގެ ފައިނަލް ބުރުގެ ކުޅުން އިއްޔެ ފެށިއިރު، ޕޮލިސް ކްލަބަށް ފުރަތަމަ މެޗުގައި ބޮޑު ނާކާމިޔާބަކާ ކުރިމަތިވެއްޖެ އެވެ.

ގުރޫޕް 2 ގައި ހިމެނޭ ޕޮލިސް ކްލަބްގެ ފުރަތަމަ މެޗުގައި ރޭ އެޓީމު ވާދަކުރީ، ޕްރިލިމިނަރީ ބުރު ކުޅެގެން އައި ސިޓީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.

ސިޓީ ސްޕޯޓްސް އިން ޕޮލިސް ކްލަބްގެ މައްޗަށް ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ. އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ނުއެމުޚައްމަދު ޓޮކްޓޮއޭވްގެ މޮޅު ކުޅުމާ އެކު ސެޓްތައް ގެންދިޔައީ ފަސޭހަ ކަމާއެކު 25-18، 25-7، 25-21 އިންނެވެ.

ވެމްކޯ އާއި އާބަންކޯ ވާދަވެރި

މުބާރާތް ފަށަން އިއްޔެ ހަވީރު ކުޅުނު މެޗުގައި ބައްދަލުކުރީ ގުރޫޕް 1 ގައި ހިމެނޭ ކްލަބް ވެމްކޯ އާއި ކްލަބް އާބަންކޯ އެވެ. އާބަންކޯ މުބާރާތަށް ކޮލިފައިވީ ޕްރިލިމިނަރީ ބުރު ކުޅެގެންނެވެ. ވެމްކޯ އަކީ މިދިޔަ އަހަރުގެ ރަނަރަޕް ޓީމެވެ.

ފަސް ސެޓަށް ދެމިގެން ދިޔަ ވެމްކޯ އާއި އާބަންކޯގެ ފޯރި ގަދަ ކުރިމަތިލުން 3-2 ސެޓުން ގެންދިޔައީ ވެމްކޯ އެވެ. ވެމްކޯ އިން 25-22 އިން ފުރަތަމަ ސެޓް ގެންދިޔަ ނަމަވެސް އާބަންކޯ އިން ވަނީ 25-19، 25-19 އިން ޖެހިގެން އައި ދެ ސެޓު ގެންގޮސް ލީޑު ހޯދައިފަ އެވެ.

މެޗުގެ ހަތަރުވަނަ ސެޓުގައި ވެމްކޯ އިން އާބަންކޯގެ މައްޗަށް ކުރި ހޯދީ 26-24 އިންނެވެ. އަދި މެޗު ކާމިޔާބު ކުރީ 20-18 އިން ފަހު ސެޓު ގެންގޮސްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ ބިދޭސީ ކުޅުންތެރިޔާ ބްރޫނޯ އެންރީކޭ ޑިސޫޒާ އެވެ.

ފިރިހެން ޑިވިޝަނުގެ ކުޅުން ދެން އޮންނާނީ މާދަމާ އެވެ. ހަވީރު ކުޅޭ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ސްޕޯޓްސް ކްލަބް ސިޓީ ނުކުންނާނީ ސިޓީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އަދި ރޭގަނޑު ކުޅޭ މެޗުގައި ބައްދަލުކުރާނީ ގުރޫޕް 1 ގެ އާބަންކޯ އާއި ދިވެހި ސިފައިންގެ ކްލަބެވެ.

އެސޯސިއޭޝަން ކަޕްގައި މިއަދު، އަންހެން ޑިވިޝަނުގެ ކުއާޓާ ފައިނަލްގެ ކުޅުން ފަށާނެ އެވެ. އެގޮތުން ދެ މެޗު މިއަދު ކުޅޭއިރު، ހަވީރު ބައްދަލުކުރާނީ ޕޮލިސް ކްލަބާއި ވޮލީބޯލް ޔޫތު ޖެނެރޭޝަނެވެ. އަދި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސް އާއި އަސްދިގާ ސްޕޯޓްސް ކްލަބެވެ.