Roadha Mihaaru
ޗެމްޕިއަނުން ބަލިކޮށް އަލަށް ވާދަކުރާ ސިޓީ ސެމީ އަށް

ޗެމްޕިއަނުން ބަލިކޮށް އަލަށް ވާދަކުރާ ސިޓީ ސެމީ އަށް!

20 ޑިސެމްބަރ 2023

ވޮލީބޯޅަ އެސޯސިއޭޝަން ކަޕް ފިރިހެން ޑިވިޝަންގެ އެންމެ ފަހުގެ ޗެމްޕިއަން، ސްޕޯޓްސް ކްލަބް ސިޓީއާ ވާދަކޮށް ސީދާ ތިން ސެޓުން މޮޅުވެގެން، މިއަހަރު އަލަށް ވާދަކުރާ ސިޓީ ސްޕޯޓްސް ކްލަބް ސެމީ ފައިނަލްގެ ޖާގަ ޔަގީން ކޮށްފި އެވެ.

ވޮލީބޯޅަ އެސޯސިއޭޝަން ކަޕް ފިރިހެން ޑިވިޝަންގެ އެންމެ ފަހުގެ ޗެމްޕިއަން، ސްޕޯޓްސް ކްލަބް ސިޓީއާ ވާދަކޮށް ސީދާ ތިން ސެޓުން މޮޅުވެގެން، މިއަހަރު އަލަށް ވާދަކުރާ ސިޓީ ސްޕޯޓްސް ކްލަބް ސެމީ ފައިނަލްގެ ޖާގަ ޔަގީން ކޮށްފި އެވެ.

ސިޓީ ސްޕޯޓްސް ކްލަބް ސެމީ އަށް ދިޔައި ގުރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗު ވެސް ސީދާ ތިން ސެޓުން ކާމިޔާބު ކޮށްގެން ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗަކީ ޗެމްޕިއަން ސިޓީ އިން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ. ގުރޫޕް 2 ގެ މި މެޗުގައި އަލަށް ވާދަކުރާ ސިޓީ ސްޕޯޓްސް ކްލަބުން ސެޓްތައް ގެންދިޔައީ 25-18، 25-21، 25-20 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފުރަތަމަ މެޗުގައި ވެސް މޮޅު ކުޅުންތެރިއަކަށް ހޮވުނު ބިދޭސީ ކުޅުންތެރިޔާ ނުއެމުޚައްމަދު ޓޮކްޓޮއޭވް އެވެ.

ސިފައިންގެ މައްޗަށް ކުރި ހޯދީ އާބަންކޯ

ރޭ ކުޅުނު ގުރޫޕް 1 ގެ މެޗުގައި ކްލަބް އާބަންކޯ ވަނީ ދިވެހި ސިފައިންގެ ކްލަބާ ވާދަކޮށް ވާދަވެރި ކުޅުމަކަށް ފަހު 3-1 ސެޓުން ކާމިޔާބު ހޯދައިފަ އެވެ. މިއީ އަލަށް ވާދަކުރާ އާބަންކޯ މޮޅުވި ފުރަތަމަ މެޗެވެ.

އާބަންކޯ ވަނީ ފުރަތަމަ ސެޓު ފަސޭހަ ކަމާއެކު 25-11 އިން ގެންގޮސްފަ އެވެ. ދެވަނަ ސެޓު 27-25 އިން ސިފައިން ގެންދިޔަ ނަމަވެސް، އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ) ގެ މޮޅު ކުޅުމާ އެކު އާބަންކޯ ވަނީ ދެން ކުޅުނު ދެ ސެޓްގައި 25-22، 25-22 އިން ކުރި ހޯދައިފަ އެވެ.

ގުރޫޕް ސްޓޭޖުގެ ފަހު މެޗުތައް މާދަމާ ކުޅޭނެ އެވެ. މާދަމާ ހަވީރު ވެމްކޯ އާއި ސިފައިންގެ ކްލަބް ބައްދަލު ކުރާއިރު، ރޭގަނޑު ކުޅޭ މެޗުގައި ބައްދަލު ކުރާނީ ޕޮލިސް ކްލަބާއި އެންމެ ފަހުގެ ޗެމްޕިއަން ސްޕޯޓްސް ކްލަބް ސިޓީ އެވެ.

އަންހެން ޑިވިޝަންގެ ކުއާޓާގެ ފަހު ދެ މެޗު މިއަދު

އަންހެން ޑިވިޝަންގެ ކުއާޓާ ފައިނަލްގެ މެޗުތައް ހޯމަ ދުވަހު ފަށާފައި ވާއިރު، ހޯމަ ދުވަހު ދެ މެޗު ކުޅެފައި ވެއެވެ. ބާކީ ދެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެވެ.

• 20 ޑިސެމްބަރު، 16:15 : އަލްމާ ސްޕޯޓްސް ކްލަބް - ހިންމަފުށި ވިކްޓޯރިއަސް ސްޕޯޓްސް ކްލަބް

• 20 ޑިސެމްބަރު، 20:15 : ކްލަބް ވެމްކޯ - ޔޫތު ނިއު ޖެނެރޭޝަން

ސެމީގެ ފުރަތަމަ ދެ ޖާގަ ހޯދާފައި ވަނީ ޕޮލިސް ކްލަބާއި ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސް އެވެ.

ހޯމަ ދުވަހު ހަވީރު ކުޅުނު މެޗުން ޕޮލިސް ކްލަބް މޮޅުވީ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނާ ވާދަކޮށް 3-1 ސެޓުންނެވެ. ޕޮލިހުން މެޗުގެ ސެޓްތައް ގެންދިޔައީ 25-22، 19-25، 25-22، 25-19 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ކްލަބްގެ އަންޗަނާ ޗަންކަމް އެވެ.

ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސް އިން ސެމީގެ ޖާގަ ހޯދީ ހޯމަ ދުވަހުގެ ރޭ އަސްދިގާ ސްޕޯޓްސް ކްލަބާ ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. ބިދޭސީ ކުޅުންތެރިޔާ އަރީލުއޭ ޑުއެންޕެންގެ މޮޅު ކުޅުމާ އެކު 25-19، 25-15، 25-12 އިންނެވެ.