Roadha Mihaaru
ހިރިލަންދޫ ޒުވާނުން ޑޮމިނޭޓްކުރި ސިޓީއަށް ޗެމްޕިއަން

ހިރިލަންދޫ ޒުވާނުން ޑޮމިނޭޓް ކުރި ސިޓީން އެސޯސިއޭޝަން ކަޕް ކާމިޔާބު ކޮށްފި

27 ޑިސެމްބަރ 2023

ތ. ހިރިލަންދު އަށް ނިސްބަތްވާ ޒުވާން ގިނަ ކުޅުންތެރިންތަކެއްގެ މައްޗަށް އެކުލަވާލައިގެން މިއަހަރުގެ ވޮލީބޯޅަ އެސޯސިއޭޝަން ކަޕް ފިރިހެން ޑިވިޝަނުގައި ވާދަކުރި ސިޓީ ސްޕޯޓްސް ކްލަބް، މުބާރާތުގެ ތަށި އުފުލާލައިފި އެވެ.

ތ. ހިރިލަންދު އަށް ނިސްބަތްވާ ޒުވާން ގިނަ ކުޅުންތެރިންތަކެއްގެ މައްޗަށް އެކުލަވާލައިގެން މިއަހަރުގެ ވޮލީބޯޅަ އެސޯސިއޭޝަން ކަޕް ފިރިހެން ޑިވިޝަނުގައި ވާދަކުރި ސިޓީ ސްޕޯޓްސް ކްލަބް، މުބާރާތުގެ ތަށި އުފުލާލައިފި އެވެ.

އިންޑޯ ވޮލީގެ ތަޖުރިބާ މަދު މި ކުޅުންތެރިން ވަނީ އެސޯސިއޭޝަން ކަޕްގެ ޕްރިލިމިނަރީ ބުރުން ފެށިގެން ބޮޑެތި ޓީމުތަކުން ހީނުކުރާ ވަރުގެ މޮޅު ކުޅުމެއް ދައްކަމުންނެވެ. ކޯޗު މުހައްމަދު ޝަރަފްގެ އިރުޝާދުގެ ދަށުން ކުޅުނު ޓީމުގައި ހިމެނުނު ތަޖުރިބާކާރު ހަމައެކަނި ކުޅުންތެރިޔަކީ، މިދިޔަ އަހަރު ވެމްކޯ ޓީމުން ފެނުނު އަހުމަދު ފާޒިލް އެވެ.

ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ ކިރްގިސްތާންގެ އޮމަރްބެކް ޒުނުސޯވް އާއި ނިޔުމުޚައްމަދު ޓޮކްޓޮއޭވް އަދި ފާޒިލް ފިޔަވައި ޓީމުގައި ދެން ތިބީ ހުސްވެސް ތ. އަތޮޅުގައި ވޮލީ އަށް އެންމެ މަޝްހޫރު ހިރިލަންދޫގެ ކުޅުންތެރިންނެވެ.

ސިޓީ ސްޕޯޓްސް ކްލަބުން ޗެމްޕިއަންކަން ހޯދީ ކްލަބް ވެމްކޯއާ ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. މެޗުގެ ސެޓްތައް ގެންދިޔައީ 28-26، 25-17 އަދި 25-22 އިންނެވެ.

ސިޓީ ޓީމުގައި ހިމެނޭ ހިރިލަންދޫ ކުޅުންތެރިން؛ (ކ-ވ) އަލީ ނިމާލް (ސެޓަރު)، އަހުމަދު އަތޫފް (ސެކަންޑް ލިބަރޯ)، ހުސެއިން މުހުތާރު، ސައުދު އަހުމަދު (ފަސްޓް ލިބަރޯ)، އަހުމަދު ރިމާޒް، އަދި ޓީމުގެ އޮފިޝަލް ހުސެއިން ޝިރާން.-- ފޮޓޯ: މުހައްމަދު މުނީފް/ފޭސްބުކް

ސިޓީ ޓީމުގައި ހިމެނޭ ހިރިލަންދޫ ކުޅުންތެރިން؛ (ކ-ވ) އަލީ ނިމާލް (ސެޓަރު)، އަހުމަދު އަތޫފް (ސެކަންޑް ލިބަރޯ)، ހުސެއިން މުހުތާރު، ސައުދު އަހުމަދު (ފަސްޓް ލިބަރޯ)، އަހުމަދު ރިމާޒް، އަދި ޓީމުގެ އޮފިޝަލް ހުސެއިން ޝިރާން.-- ފޮޓޯ: މުހައްމަދު މުނީފް/ފޭސްބުކް

ފުރަތަމަ ސެޓްގައި ވެމްކޯ ލީޑު ކުރި ނަމަވެސް ސިޓީން ވަނީ މަޑުމަޑުން ފަރަގު ކުޑަކޮށް ގޭމުގެ ތެރެއަށް ވަދެގެން ސެޓް ކާމިޔާބު ކޮށްފަ އެވެ. ދެވަނަ ސެޓްގައި ވެމްކޯގެ ފަރާތުން ފެނުނު އާދައިގެ ގޯސްތަކާ އެކު ސިޓީ އަށް ފަސޭހައިން ސެޓް ހޯދުނު އިރު، ފަހު ސެޓްގައި ވެސް ސިޓީ ފެނުނީ ތަފާތު ކޮށެވެ.

ސިޓީގެ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމަށް އެންމެ މުހިއްމުވަގުތުތަކުގައި ގިނަ ޕޮއިންޓްތަކެއް ހޯދައިދިން އޮމަރްބެކް އެވެ.

"ސިޓީ ވަރަށް ވަރުގަދަކޮށް ނުކުމެ އޮތީ، އެއީ އަޅުގަނޑުމެންނަށް ވަރަށް ބޮޑު ޗެލެންޖަކަށްވި. ފެށިއިރު ވެސް ބުނިން އެ ޓީމު އޮތީ މަރަށް، ފުރާނަޔަށޭ،" ފައިނަލް މެޗަށް ފަހު ވެމްކޯ ޓީމުގެ ކޯޗު ނިޒާރު އިބްރާހިމް (ބޮޑޭ)، ސިޓީއާ ގުޅޭގޮތުން ބުންޏެވެ.

ސިޓީގެ ފާޒިލް ހަމަލާއެއް ފޮނުވާލަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ސިޓީގެ ފާޒިލް ހަމަލާއެއް ފޮނުވާލަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އެސޯސިއޭޝަން ކަޕްގެ ޕްރިލިމިނަރީ ބުރުން ފެށި ސިޓީ ސްޕޯޓްސް ކްލަބް ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ. އެއީ ޕްރިލިމިނަރީ ބުރުގެ ފުރަތަމަ މެޗުގައި އެސްޕިރޭޝަން ފޯ އޯލް އިނީޝީއޭޓިވް (އާއި) ސްޕޯޓްސް ކްލަބް އަތުން އެކަންޏެވެ. އެއަށް ފަހު ކުޅުނު ހުރިހާ މެޗެއް ވެސް އެޓީމުން ވަނީ ކާމިޔާބު ކޮށްފަ އެވެ.

"އެންމެ ބޮޑު ޝުކުރެއް އަދާކުރަން ހިރިލަންދޫ ރައްޔިތުންނަށް. ސަބަބަކީ ހިރިލަންދޫގައި ތިބި ކުދިންތަކެއް ގޮވައިގެން އަޅުގަނޑާ ޝަރަފް ކޯޗާ ވަރަށް މަސައްކަތުން މިހާހިސާބަށް އައީ. އަޅުގަނޑުމެން މިހާރު ގަބޫލު ކުރަން ޖެހޭ ވޮލީގަ ނަން މަޝްހޫރު ކުޅުންތެރިންނަކީ ބޭކާރު ބައެއް ކަން ހަގީގަތުގަ ވެސް،" ވޮލީބޯޅަ ރާއްޖެތެރެއަށް ފުޅާ ކުރަން ޖެހޭކަން ހާމަކުރަމުން ސިޓީގެ އެސިސްޓެންޓް ކޯޗު އިބްރާހިމް މޫސާ (ސަޗިކޯ) ބުންޏެވެ.

"އެކަމު ޓީމެއް ގޮތުގަ ޓީމެއް މަސައްކަތް ކޮށްގެން، މައްސަލަ ނުޖެހި ޓީމެއް ގޮތުގައި ކުރިއަށް ދިޔައިއްޔާ ވިން ވާނެ ކަމުގެ މިސާލެއް މިރޭ މި ފެނުނީ."

ސިޓީގެ އެސިސްޓެންޓް ކޯޗު ސަޗިކޯ އާއި ބިދޭސީ ކުޅުންތެރިޔާ އޮމަރްބެކް.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ސިޓީގެ އެސިސްޓެންޓް ކޯޗު ސަޗިކޯ އާއި ބިދޭސީ ކުޅުންތެރިޔާ އޮމަރްބެކް.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނުނީ ވެމްކޯގެ އަލީ ހުޒާމް، ހުސެއިން ޔޫސުފް، ލިބަރޯ އަހުމަދު ނަބީލް އާއި ކްލަބް އާބަންކޯގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ)، އާދަމް ފައިރޫޒް އަދި ސިޓީގެ ފާޒިލް އާއި ކެޕްޓަން އަލީ ނިމާލް އެވެ. އެންމެ މޮޅު ކޯޗަކީ ސިޓީގެ ޝަރަފް އެވެ.

މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ކްލަބްގެ މުހައްމަދު ލަތުފާން އަލީ އެވެ. އަދި އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކީ ސިޓީގެ ޓޮކްޓޮއޭވް އެވެ.

އެސޯސިއޭޝަން ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސިޓީގެ ފާޒިލް އެވެ.