Roadha Mihaaru
ތިނަދޫ ކައުންސިލަށް ސިޓީގެ ދަރަޖަދޭން ގާނޫނަށް އިސްލާހު

ތިނަދޫ ކައުންސިލަށް ސިޓީގެ ދަރަޖަ ދޭން ގާނޫނު އިސްލާހުކުރަން ކޮމިޓީން ނިންމައިފި

18 ޑިސެމްބަރ 2023

ގދ. ތިނަދޫގެ ރަށު ކައުންސިލަކީ ސިޓީ ކައުންސިލެއް ކަމަށް ކަނޑައަޅައި އެ ދަރަޖަ އެ ކައުންސިލަށް ދިނުމުގައި ހުރި ހުރަސްތައް ނައްތާލަން ލާމަރުކަޒީ ގާނޫނުގެ 51 ވަނަ މާއްދާ އިސްލާހުކުރުމަށް ލާމަރުކަޒީ ކޮމިޓީން މިއަދު ނިންމައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ގދ. ތިނަދޫގެ ރަށު ކައުންސިލަކީ ސިޓީ ކައުންސިލެއް ކަމަށް ކަނޑައަޅައި އެ ދަރަޖަ އެ ކައުންސިލަށް ދިނުމުގައި ހުރި ހުރަސްތައް ނައްތާލަން ލާމަރުކަޒީ ގާނޫނުގެ 51 ވަނަ މާއްދާ އިސްލާހުކުރުމަށް ލާމަރުކަޒީ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ކުރީގެ ސަރުކާރުން ރިޔާސީ އިންތިހާބާ ދިމާކޮށް ގދ. ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދީފައިވާ ކަން އިއުލާންކުރި ނަމަވެސް އެ ކައުންސިލްގެ ހައިސިއްޔަތާ މެދު ކަންބޮޑުވުންތަކެއް އޮތުމުން އެ ކައުންސިލުން މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީ އަށް ހުށަހެޅި އެވެ.

ތިނަދޫ ކައުންސިލުން ވަނީ އެކި އިދާރާތަކުން އެ ކައުންސިލަށް އެކި ގޮތްގޮތަށް އެޑްރެސް ކުރާ މައްސަލަ އާއި ބަޖެޓާއި މެންބަރުންގެ މުސާރައިގެ އިތުރުން ބައެއް ހިދުމަތްތައް ދިނުމުގައި އޮޅުން އަރާ މައްސަލަތައް ކޮމިޓީ އަށް ހިއްސާ ކޮށްފަ އެވެ.

މި ކަމާ ގުޅޭ ގޮތުން ކޮމިޓީން ފުރަތަމަ މަޝްވަރާކޮށް ގޮތް ނިންމީ ތިނަދޫ ކައުންސިލް ސިޓީ ކައުންސިލަކަށް ބަދަލުވެފައިވާ ކަމަށް ކޮމިޓީ އަށް ފެންނަ ކަމަށާއި ސިޓީގެ ދަރަޖަ ލިބުނީ ދައުރުގެ މެދުތެރެއިން ކަމަށް ވިޔަސް ދައުރު ހަމަވަންދެން އެއީ ސިޓީ ކައުންސިލެއްގެ ގޮތުގައި ދެމި އޮންނާނެ ކަމަށެވެ.

ނަމަވެސް އެގޮތަށް ފާސްކޮށްފައިވަނިކޮށް ކައުންސެލާ ޖެނަރަލް ފާތިމަތު ފިލްޒާ ވަނީ ގާނޫނީ ލަފާ ދެއްވައި، އެ ނިންމުން ރަނގަޅު ކަމަށް ނުފެންނަ ކަމަށް ވިދާޅުވެފަ އެވެ. ފިލްޒާ ދެއްވި ގާނޫނީ ލަފާގައި ވަނީ ރަށު ކައުންސިލެއްގެ ދައުރުގެ މެދު ތެރެއިން އެ ރަށެއް ސިޓީއަކަށް ބަދަލުވެއްޖެ ނަމަވެސް، އެ ސިޓީއެއް ހިންގަމުންދާނީ ރަށު ކައުންސިލްގެ ބެލުމުގެ ދަށުން ކަން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 51 ވަނަ މާއްދާއިން ސާފުވާ ކަމަށެވެ.

ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ މަޖިލީހުގެ ކޮމިޓީގައި -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ މަޖިލީހުގެ ކޮމިޓީގައި -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެކަމާ ގުޅިގެން ކޮމިޓީން ނިންމާފައިވަނީ އެ މާއްދާ އިސްލާހުކުރުމަށެވެ. އެ މާއްދާގެ ށ، ނ، ރ، ބ، ޅ، އަދި ކ. އިސްލާހުކުރުމަށް ކޮމިޓީން ނިންމާފައިވެ އެވެ. މާއްދާގެ ށ. އިސްލާހުކުރަން ނިންމާފައިވަނީ ސިޓީއަކަށް ބަދަލުކުރިއިރު ދައުރުގައި ބާކީ އެއް އަހަރަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ ދައުރު ހަމަވުމުގެ ހަ މަސް ކުރިން ސިޓީ ކައުންސިލަކަށް ބަދަލުވާ ގޮތަށެވެ.

ތިނަދޫ ކައުންސިލް ސިޓީއަކަށް ބަދަލުވާނެ ކަމަށް ބަޔާންކުރާ (ނ) އަށް ގެންނަ އިސްލާހުގައި ބުނެފައިވަނީ އެއް އަހަރަށް ވުރެ ދައުރު ދިގު ނަމަ ކައުންސިލްގެ ދަރަޖަ ސިޓީ ކައުންސިލަކަށް ބަދަލުވާނެ ކަމަށާއި އެކަމަކު ދައުރު ދެމި އޮންނާނީ ރަށު ކައުންސިލްގެ ދައުރު ހަމަވަންދެން ކަަމަށެވެ. (ރ) ގައި ވަނީ ކައުންސިލްގެ ރައީސާއި ނައިބު ރައީސް ސިޓީ ކައުންސިލްގެ މޭޔަރާއި ޑެޕިއުޓީ މޭޔަރަށް ބަދަލުވާނެ ކަމަށެވެ.

ބާކީ ހުރި އަކުރުތަކުގައި ވަނީ ސިޓީ ކައުންސިލަކަށް ބަދަލުވާ ހާލަތުގައި ބާރުތަކާއި މަސްއޫލިއްޔަތުތައް ލިބޭނެ ކަމާއި ސިޓީ ކައުންސިލަކުން ދޭން ޖެހޭ ހިދުމަތްތައް ދޭން ޖެހޭނެ ކަމަށް ބަޔާންކޮށްފަ އެވެ.

ކޮމިޓީން ބުނީ ގާނޫނަށް އިސްލާހު ގެންނަނީ ތިނަދޫ ސިޓީއަކަށް ބަދަލުކުރުމުގައި މިހާރު އޮތް ގާނޫނުގައި ތަފާތު މާނައެއް ދޭހަވެދާނެ ފަދަ ކަމެއް އޮންނަ ކަމަށް ދެކޭތީ އާއި ކުރިއަށް އޮތް ތަނުގައި ވެސް ދިމާވެދާނެ މިފަދަ މައްސަލަތައް ހައްލުކުރުމަށް ކަމަށެވެ. މި ނިންމުން ފާސްކޮށްފައި ވަނީ ކޮމިޓީގެ އިއްތިފާގުންނެވެ.