Roadha Mihaaru
ކައުންސިލްތަކާ މެދު އެލްޖީއޭގެ ގިނަ ޝަކުވާތަކެއް

ކައުންސިލްތަކާ މެދު އެލްޖީއޭގެ ގިނަ ޝަކުވާތަކެއް

03 ސެޕްޓެމްބަރ 2020

ބައެއް ރަށްރަަށުގެ ކައުންސިލްތަކުން ކަންތައްތައް ކުރާ ގޮތާ މެދު ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ރައްޔިތުންްގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި މިއަދު ގިނަ ޝަކުވާތަކެއް ކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ބައެއް ރަށްރަަށުގެ ކައުންސިލްތަކުން ކަންތައްތައް ކުރާ ގޮތާ މެދު ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ރައްޔިތުންްގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި މިއަދު ގިނަ ޝަކުވާތަކެއް ކޮށްފި އެވެ.

އެލްޖީއޭ އިން އެދިގެން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި އެލްޖީއޭގެ ބޯޑުން ބުނީ ކަންބޮޑުވުންތަކާ އެކު ކޮމިޓީއަށް ދިޔައީ ކޮމިޓީގެ ބަހެެއް ނެތި އެކަންތައްތަކާ މެދު ގޮތެއް ނުނިންމަންވެގެން ކަަމަށެވެ. މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެލްޖީއޭގެ ރައީސްގެ ހައިސިއްޔަތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ކައުންސިލްތަކަށް މިހާރު ދީފައިވާ ހާއްސަ މުއްދަތުގައި ހާއްސަ ގާނޫނެއްގެ ދަށުން މަސައްކަތްކުުރަމުން އަންނަ އިރު ކަންތައްތައް ރަނގަޅުކުރެވޭތޯ ބައްލަވަމުން ގެންދަވާ ކަމަށެވެ. އެކަމަކު ރާއްޖޭގައި މިހާރު އޮތް ކޮވިޑް-19 ފެތުރޭ ހާލަތުގެ ސަބަބުން މުޅި ނިޒާމު ހިންގަން ދަތިތަކަކާ ކުރިމަތިވެފައިވާ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ. ކޮމިޓީއަށް ވަޑައިގެންނެވީ ބޯޑުން އެގޮތަށް ނިންމައިގެން ކަމަށް ވެސް ވިދާޅުވި އެވެ.

އިމްރާން ވިދާޅުވި ގޮތުގައި އުނދަގޫ އެއް މައްސަަލަަ އަކީ މިދަނޑިވަޅުގައި ވެސް ބައެއް ކައުންސިލްތަކުގެ ރައީސުންނާއި ނައިބު ރައީސުންގެ އިތުބާރު ނެތްކަމުގެ މައްސަލައް ކުރިއަށް ގެންދިއުމެވެ. އެކަމުގެ ސަބަބުން ކައުންސިލްތައް ހިންގުމަށް ހުރަސް އެޅި ކައުންސިލްތައް ހުއްޓޭ ފަދަ ހާލަތްތައް މެދުވެރިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިމްރާން މިހެން ވިދާޅުވި އިރު، މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެޖެންޑާކޮށްފައިވަނިކޮށް، އެ މައްސަލަ އެލްޖީއޭ އިން ވަނީ ހުއްޓުވައިފަ އެވެ.

މިހާރުވެސް މިވާ ގޮތަކީ ބޯޑުން އެންގިޔަސް، ބޯޑުން ވަކި ގޮތަކަށް ނިންމާފައި މިވެނިކަމެއް މިވެނި ގޮތަކަށް ކުރާން ކައުންސިލްތަކަށް އެންގީމާ ވެސް ކައުންސިލްތަކުން އެލްޖީއޭ އަށް ދައުވާކުރާ ހިސާބުގައި، ދައުވާ ކުރާ މައްސަލަތައް ވެސް އެބަހުރި މިހާރު: މާހިރު

"ދެން މިއީ އަޅުގަނޑުމެނަށް ފާހަގަކުރެވޭ ގޮތުގައި ހަމަ ވަރަށް ސެންސިޓިވް މައްސަލައަކަށް މިވަނީ. އެކި ދިމާތަކުން އިތުބާރު ނެތްކަމުގެ ކަންކަން ގެންދިއުމުގައި ހަރަކާތްތެރިވަމުންދާ ގޮތުން ކައުންސިލްތައް ހިންގުމަށް ހުރަސް އެޅި ކައުންސިލްތައް ހުއްޓޭ ފަދަ ހާލަތްތައް އެބަ މެދުވެރިވޭ،" އިމްރާން ވިދާޅުވި އެވެ.

ދެވަނަ މައްސަލަ އަކީ، އޭނާ ވިދާޅުވި ގޮތުގައި ބައެއް ކައުންސިލަރުން އެބޭފުޅުންގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ފަރުވާކުޑަކުރެއްވުމެވެ. ކައުންސިލަށް ހާޒިރުނުވުމަކީ އޭގެ ތެރެއިން އެންމެ ފާހަގަކުރެވޭ މައްސަލަ ކަމަށް ވެސް ވިދާޅުވި އެވެ.

"މިހާލަތުގައި ހަމަ މުޅި ކައުންސިލްގެ އެތެރޭގެ މަސްލަހަތު އެއްކޮށް ގެއްލި އަދި ރަށުގެ ރައްޔިތުންގެ މަސްލަހަތު ވެސް ގެއްލިގެން އެބަދޭ،" އިމްރާން ވިދާޅުވި އެވެ.

ރަށްރަށުން ބިންތައް ކުއްޔަށްދޫކުރުމުގައި އޮތް އުފެދޭ ހިޔާލުތަފާތުވުންތައް ވެސް އެލްޖީއޭއިން ސިފަކުރީ އުނދަަގޫ ކަމެއްގެ ގޮތުގައެވެ. އެލްޖީއޭގެ ބޯޑުގެ މެމްބަރު އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރު އީސާ ވިދާޅުވީ ބިންތައް ކުއްޔަށް ދިނުމާއި ގޯތި ދިނުމުގެ މައްސަލަތައް އިތުރުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ކައުންސިލްތަކުން ވަކި ގޮތަކަށް ކަމެއް ކުރަން އެލްޖީއޭއިން އެންގުމުން އެގޮތަށް ވެސް ކަންތައްތައް ނުކުރާ ފަހަރު އަންނަ ކަަމަށެވެ.

"މިހާރުވެސް މިވާ ގޮތަކީ ބޯޑުން އެންގިޔަސް، ބޯޑުން ވަކި ގޮތަކަށް ނިންމާފައި މިވެނިކަމެއް މިވެނި ގޮތަކަށް ކުރާން ކައުންސިލްތަކަށް އެންގީމާ ވެސް ކައުންސިލްތަކުން އެލްޖީއޭއަށް ދައުވާ ކުރާ ހިސާބުގައި، ދައުވާ ކުރާ މައްސަލަތައް ވެސް އެބަހުރި މިހާރު،" އޭނާ ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ މެމްބަރު އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ތުހުމަތުކުރެއްވި ގޮތުގައި އެލްޖީއޭ އިން ކޮމިޓީއަށް އައީ މިހާރަށް ވުރެ ވެސް އިތުރު ބާރުތައް އެ އޮތޯރިޓީއަށް ހޯދާށެވެ. އިމްރާނާއި އެލްޖީއޭ ބޯޑުގެ އެހެން މެމްބަރުން ވެސް އެވާހަކަ ދޮގު ކުރައްވައި ދިފާއުގައި ވާހަކަ ދެއްކެވި އެވެ.