Roadha Mihaaru
މުސާރަ ބޮޑުކުރުން މަޖިލީހުން ފާސްނުކުރަން ގޮވާލައިފި

މުސާރަ ބޮޑުކުރުމާ އެމްއެންޕީން ވެސް ދެކޮޅު، ގޮވާލީ ފާސްނުކުރަން!

20 ޑިސެމްބަރ 2023

ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅާ ސިޔާސީ މީހުންގެ މުސާރަ ބޮޑުކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން ރައްޔިތުންގެ މަޖިލީހުން ފާސްނުކުރަން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން މިއަދު ގޮވާލައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅާ ސިޔާސީ މީހުންގެ މުސާރަ ބޮޑުކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން ރައްޔިތުންގެ މަޖިލީހުން ފާސްނުކުރަން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން މިއަދު ގޮވާލައިފި އެވެ.

ކުރިން ވެރިކަންކުރި ޕާޓީ، އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ މާލިއްޔަތު ކޮމިޓީން އިއްޔެ ވަނީ ދައުލަތުގެ ތިން ބާރުގެ ވެރިންނާއި ނައިބު ރައީސާއި މިނިސްޓަރުންގެ އިތުރުން މަޖިލީހުގެ މެމްބަރުންގެ މުސާރަ ބޮޑުކުރަން ފާސްކޮށްފަ އެވެ. ނަމަވެސް، ރާއްޖޭގެ އިގުތިސާދު އޮތް ހާލަތާ ހެދި މުސާރަތައް ބޮޑުކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

މި މައްސަލައިގައި އެމްއެންޕީން ނެރުނު ނޫސްބަޔާނެއްގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ދައުލަތުގެ ވެރިން ހިމެނޭ ގޮތަށް ސިޔާސީ މީހުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމާފައިވާ ނިންމުން ކުށްވެރިކޮށްފަ އެވެ.

އެމްއެންޕީން ބުނީ މިއީ ރާއްޖޭގެ އިގްތިސާދު ދަށްވެފައިވާ ދަނޑިވަޅެއް ކަމަށާއި އާންމު ރައްޔިތުންގެ މުސާރަތަކަށް ބަދަލެއް ނާންނަ ހިނދު އިސް މަގާމުތަކުގެ މުސާރަތައް ބޮޑުކުރުން ބަލައި ނުގަނެވޭނެ ކަމަށެވެ.

މާލިއްޔަތު ކޮމިޓީގައި އެމްއެންޕީ އަށް ނިސްބަތްވާ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވެސް ހިމެނިވަޑައިގަންނަވަ އެވެ. މި މަޝްވަރާ ކުރިއަށް ދިޔަ ބައްދަލުވުމުގައި އޭނާ ބައިވެރިވެވަޑައިގެންނެވި އެވެ. އެކަމަކު ރިޔާޒް ވިދާޅުވާ ގޮތުގައި ވޯޓުގައި އޭނާ ބައިވެރިވެވަޑައިގެންފައި ނުވާނެ އެވެ.

މުސާރަ ބޮޑުކުރަން ކޮމިޓީން ފާސްކުރީ ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

ރައީސާއި ނައިބު ރައީސް އަދި މިނިސްޓަރުންގެ މުސާރަ ބޮޑުކުރަން މަޖިލީހުގެ ކޮމިޓީން ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަށް ނޫން ކަމަށާއި އެކަމަށް ތާއީދު ނުކުރާ ކަމަށް ސަރުކާރުން ވެސް ވަނީ ބުނެފަ އެވެ.

އެހެންވެ، މަޝްވަރާކުރުމެއް ނެތި މުސާރައަށް ބޮޑުކުރާ ބައި، ކުޑަކުދިންގެ ހިޔާ ފަދަ އިޖުތިމާއީ ފަންޑަކަށް ހަދިޔާކުރަން ރައީސް ޑރ. މުއިއްޒު މިއަދު ނިންމަވައިފި އެވެ.

މަޖިލިހުގެ މެމްބަރުންގެ މުސާރަ ބޮޑުކުރުމާ ޑިމޮކްރެޓްސް ޕާޓީން ވެސް ދެކޮޅެވެ.