Roadha Mihaaru
އަމިއްލަ މުސާރައާ ޖެހުމުން އިގުތިސާދެއް ނުފެނޭ؟

އަމިއްލަ މުސާރައާ ޖެހުމުން އިގުތިސާދުގެ ވާހަކަ ކޮބާ؟

04 ޖުލައި 2024

ރައްޔިތުންގެ މަޖިލީހުގައި މިދިޔަ ދެ ހަފުތާގައި މެންބަރުން ބަހުސް ކުރެއްވީ ރާއްޖޭގެ އިގުތިސާދީ ހާލަތު އޮތް ނާޒުކު ހާލަތުގެ ވާހަކަތަކަށެވެ. ދައުލަތް ހިންގުމަށް ކުރާ ހޭދަ ކުޑަކުރަން ޖެހޭ ކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީގެ މެންބަރުން ވެސް ގަބޫލު ކުރައްވަ އެވެ. އެ ފިޔަވަޅު އަޅަން ސިޔާސީ މަގާމުތަކަށް ކުރާ ހަރަދުތަކާއި އެހެނިހެން ކަންކަން ވަގުތީ ގޮތުން ނަމަވެސް މަޑުޖައްސައިލުމުގެ މުހިންމު ކަން ދެ ޕާޓީގެ މެންބަރުންނަށް ވަރަށް ސާފެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައްޔިތުންގެ މަޖިލީހުގައި މިދިޔަ ދެ ހަފުތާގައި މެންބަރުން ބަހުސް ކުރެއްވީ ރާއްޖޭގެ އިގުތިސާދީ ހާލަތު އޮތް ނާޒުކު ހާލަތުގެ ވާހަކަތަކަށެވެ. ދައުލަތް ހިންގުމަށް ކުރާ ހޭދަ ކުޑަކުރަން ޖެހޭ ކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީގެ މެންބަރުން ވެސް ގަބޫލު ކުރައްވަ އެވެ. އެ ފިޔަވަޅު އަޅަން ސިޔާސީ މަގާމުތަކަށް ކުރާ ހަރަދުތަކާއި އެހެނިހެން ކަންކަން ވަގުތީ ގޮތުން ނަމަވެސް މަޑުޖައްސައިލުމުގެ މުހިންމު ކަން ދެ ޕާޓީގެ މެންބަރުންނަށް ވަރަށް ސާފެވެ.

ނަމަވެސް އެ ބަހުސްގެ ކުރިފަޅައި އެ މެންބަރުންގެ މުސާރައާ ހިސާބަށް ދިއުމުން ރާގު މުޅިން ބަދަލުވި އެވެ. އެ ވާހަކަ އެނބުރުނީ މެންބަރުންގެ މުސާރާގެ އޮނިގަނޑުގެ ހުރި މައްސަލަތަކާއި އެ އަދަދުން ނުފުދޭ ވާހަކައަށެވެ. ދައުލަތުގެ އެހެން ހުރިހާ ކަމަކަށް ކުރާ ހޭދަ ކުޑަ ކުރިޔަސް މަޖިލިސް މެންބަރުންގެ މުސާރައާ ކުޅެން ބައެއް މެންބަރުން އެއްބަހެއް ނުވެ އެވެ.

މުސާރަ ކުޑަކުރަން ތާއީދު ކުރައްވާ ކަމަށް ދުރުދުރުން ވިދާޅުވާ މެންބަރުންނަށް ވެސް "ފިޒިކަލީ" އެ މަސައްކަތް ފަށަން މަޖިލީހަށް ބިލެއް ލާނެ ވާހަކައެއް ނުދައްކަވަ އެވެ. މުސާރައާ ޖެހުމުން އިގުތިސާދުގެ ވާހަކައެއް ނުވަތަ ގައުމުގެ ހާލަތު ހަނދާނުގައި ހުރި މެންބަރުން ވަރަށް މަދެވެ.

އުމުރު ދުވަހަށް މިލިއަނުން ކުރަންޖެހޭ ހަރަދު!

ސަރުކާރުގެ އެހެން ހުރިހާ މުއައްސަސާއަކާއި ވުޒާރާއަކާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައަކީ އެ މެންބަރުން އަމިއްލަ އަށް ކަނޑައަޅައިގެން ނިންމާ ކަމެކެވެ.

ކުރިއްސުރެ ކަނޑައަޅާފައިވާ މުސާރައަކީ ކޮންމެ މެންބަރަކަށް 82,500ރ. އެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި 42,500ރ. އާއި ލިވިން އެލަވަންސްގެ ގޮތުގައި 20,000ރ. އަދި ވަކި އަދަދަކަށް ކޮމިޓީތަކަށް ހާޒިރުވުމުން އިތުރަށް ލިބިވަޑައިގަންނަވާ 20,000ރ. އެވެ.

އެހެންވެ މަޖިލީހުގައި މިހާރު ތިއްބެވި 93 މެންބަރުންގެ ހަމައެކަނި މުސާރަ އަށް ދައުލަތުން މަހަކު 7.67 މިލިއަން ރުފިޔާ ހަރަދު ކުރެ އެވެ.

އޭގެ އިތުރުން މަޖިލިސް މެންބަރުންނާއި އެ މެންބަރުންގެ އާއިލާތަކުގެ ސިއްހީ ކަންކަމަށް ދައުލަތުން އެންމެ މަތީ ފެންވަރުގެ ހެލްތު އިންޝުއަރެންސަށް ބަރާބަރަށް ހަރަދު ކުރެ އެވެ. އެއް މެންބަރަކު ވިދާޅުވި ގޮތުގައި މަޖިލީހުން އެލައިޑް އިންޝުއަރެންސުން ނަގާފައިވާ ޕްރިމިއަމް ޕެކޭޖަށް ކޮންމެ މެންބަރަކަށް އަހަރަކު ދައުލަތުން 24،000ރ. ހަރަދު ކުރެ އެވެ.

އޭނާގެ ތިން ބޭފުޅުން ތިއްބަވާއިރު، ކޮންމެ ދަރިިއަކަށް 24،000ރ. އާއި އޭނާގެ އަނބިކަނބަލުންނަށް ވެސް 24،000ރ. އާ އެކު ދައުލަތުން އަހަރަކަށް 120،000ރ. އަށް ވުރެ ގިނައިން ހަރަދު ކުރާ ކަމަށް އެ "މިހާރު" އާ ވާހަކަ ދެއްކެވި މެންބަރު ވިދާޅުވި އެވެ.

މެންބަރުންގެ އިމްތިޔާޒުތަކާ ބެހޭ ގާނޫނުގައިވާ ގޮތުން ނަމަ އެ ހަރަދަކީ ފަސް އަހަރުގެ ދައުރަށް އެކަނި ކުރާ ހަރަދެއް ނޫނެވެ. މެންބަރަކަށް ވުމުން ދައުލަތުން އުމުރު ދުވަހަށް އެ ހަރަދު ކޮށްދޭން ޖެހެ އެވެ.

މެންބަރުކަން އެއް ދައުރަށް ކުރައްވާފައިވާ ބޭފުޅަކު އުމުރުން 65 އަހަރު ވުމުން ޕެންޝަންގެ ގޮތުގައި އިތުރު 14،000ރ. ހަރަދު ކުރަން ޖެހެ އެވެ. އަދި ދެ ދައުރު ފުރިހަމަ ކުރައްވާފައިވާ މެންބަރެއް ނަމަ 28،000ރ. ދައުލަތުން ހަރަދު ކުރަން ޖެހޭ އެވެ.

އާ ގާނޫނުއަސާސީގެ ފަހުން މިހާތަނަށް 342 މެންބަރުން މަޖިލީހަށް އިންތިހާބުވެފައިވާ އިރު ދައުލަތުން ކޮންމެ ދައުރަކަށް ވެސް ގިނައީ އަލަށް އިންތިހާބުވާ މެންބަރުންނެވެ. އެހެންވެ، އެ ހުރިހާ ބޭފުޅުންނަކީ މެންބަރުކަމުން ވަކިވިޔަސް ދައުލަތުން އުމުރު ދުވަހަށް އެތައް މިލިއަނުން ހަރަދު ކޮށްލަކޮށްލާ ތިބެން ޖެހޭ ބައެކެވެ.

އޭގެ އިތުރުން ވެސް މެންބަރުން ދަތުރު ކުރައްވާ ނަމަ އެއާޕޯޓުގެ ވީއައިޕީ ލައުންޖަށް ކޮންމެ އަހަރަކު އެތައް މިިލިއަން ރުފިޔާ ހަރަދުވެ އެވެ.

މިއީ މެންބަރުން ކުރަާއްވ މަސައްކަތާ އަޅައި ކިޔާއިރު ކުރަން އެކަށީގެންވާ ހަރަދެއްތޯ އަންދާޒާ ކޮށްލަން ކޮންމެ ދުވަހަކު މަޖިލީހުގެ ތަޅުމުގައި ހިނގާ "ޒުވާބުތައް" އެކަނި އަޑު އަހައިލިޔަސް ފުދޭނެ އެވެ.

ގާސިމް

ގާސިމް

އެ މައްސަލާގައި އެންމެ ބޮޑަށް ދެކޮޅު ހެއްދެވި އެއް މެންބަރަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ. ގާސިމް ވިދާޅުވި ގޮތުގައި މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރުމަކީ އޭނާ އެއްގޮތަކަށް ވެސް ތާއީދު ކުރައްވާނެ ކަމެއް ނޫނެވެ. މެންބަރުންނަށް ލިބިވަޑައިގަންނަވާ މުސާރައިން މާލޭގެ ގެތަކަށް ކުލި ދައްކައިގެން ދެކޮޅު ނުޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ.

މަޖިލިސް މެންބަރުންނަކީ އެހެން އެއްވެސް ދިމާލަކުން "ހައްގު ގޮތުގައި ލާރިއެއް އަތަށް އަރާބައެއް ނޫން" ކަމަށް ވިލާ ކުންފުނީގެ ވެރިޔާ ވިދާޅުވި އެވެ.

މަޖިލިސް މެންބަރުންނަށް މަޖިލީހުން ލިބޭ މުސާރައިގެ އިތުރު އެހެން އެއްވެސް ފައިސާ އެއް ނުލިބޭ ވާހަކައަކީ މެންބަރުންގެ މާލީ ބަޔާންތަކަށް ބަލައިލުމުން ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކައެއް ކަން އެނގެ އެވެ.

މިދިޔަ 19 ވަނަ މަޖިލީހުގެ ބައެއް މެންބަރުންގެ މާލީ ބަޔާންތަކާއި ފިނޭންސް މިނިސްޓްރީގެ ޕްރޮކިއުމަންޓް ޑޭޓާތައް އަޅައި ކިޔާލުމުން ސަރުކާރުގެ އެތައް ޕްރޮޖެކްޓެއް ބަރާބަރަށް ބައެއް މެންބަރުންގެ ކުންފުނިތަކަށް ލިބެމުން ދިޔަ ކަން އެނގެ އެވެ. މިފަދަ އެތައް ގޮތަކަށް ދައުލަތުގެ ތެރެއިން މެންބަރުންނަށް މުސާރައިގެ އިތުރުން "ސަރުކާރަށް ތާއީދު ކުރާތީ ލިބޭ އެލަވަންސްތައް" އިންތިހާ އަށް ގިނަ އެވެ.

"މުސާރައިގެ ބޮޑު ބައި ދަނީ ރައްޔިތުންނަށް"

މި މައްސަލާގައި މަޖިލީހުގައި ވެސް ބަހުސް ކުރެއްވި ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝުޖާއު "މިހާރު" އަށް ވިދާޅުވި ގޮތުގައި މެންބަރުންގެ މުސާރައިގެ ގޮތުގައި ބަލަން ޖެހެނީ އަސާސީ މުސާރަ އަށް ލިބޭ 42،500ރ. އެވެ.

ސަބަބަކީ ރަށްރަށުގައި އުޅުއްވި މެންބަރުން މާލެ އަށް އާއިލާ އާއެކު ދިރިއުޅުން ބަދަލު ކުރަންއްވަން ޖެހޭ އިރު 20،000ރ. ގެ ލިވިން އެލަވަންސް އޮންނާނީ މަދުވެފަ އެވެ. ކޮމިޓީ އެލަވަންސަކީ ވެސް ވަކި އަދަދަކަށް ކޮމިޓީތަކަށް ހާޒިރުވާ މެންބަރުންނަށް ލިބޭ އެއްޗެއް ކަމަށާއި އެހެން މީހުންނެކޭ އެއްގޮތަށް މަޖިލިސް މެންބަރުގެ މުސާރަ ވެސް ކަނޑާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

އެކަމަކު، އެ ހުރިހާ ކަމަކަށް ވުރެ ވެސް ބޮޑީ ރައްޔިތުންނަށް ކުރަން ޖެހޭ ހަރަދުތައް ކަމަށް ޝުޖާއު ވިދާޅުވި އެވެ. ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވާ މެންބަރުން ކޮންމެ މަހަކު އެތައް ހާސް ރުފިޔާއެއް ހަރަދު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މާލެ އިން ބާރަށަށް ފުރައިގެން އަޅުގަނޑުގެ ދާއިރާގެ ހަތަރު ރަށުގެ ރައްޔިތުންނާ ބައްދަލު ކޮށްފައި އެނބުރި އަންނަ އިރު 8،000 އަށް ވުރެ ގިނަ ރުފިޔާ އެބަ ހަރަދުވޭ އެ ހުރިހާ ކަމަކަށް. އަޅުގަނޑު ކުރީ ދައުރުގައި މި ދާއިރާ އަށް ވާނެ އެތައް ފަހަރަކު މިފަދަ ދަތުރުތައް ކޮށްފައި،" ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު މަޖިލިހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ.

ޝުޖާއު މަޖިލިހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ.

ނަމަވެސް މެންބަރުންގެ އިންޝުއަރެންސް އޮންނަ ގޮތަށް ޝުޖާއު ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ. އަދި އެ ކަންކަން ބަދަލު ކުރަން ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕަށް ހުށަހަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝުޖާއުގެ އިތުރުން "މިހާރު" އާ ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި އެހެން މެންބަރަކު ވެސް ވިދާޅުވި ގޮތުގައި ދާއިރާ އަށް އިންތިހާބުވުމުން އެ ދާއިރާގެ ރައްޔިތުން ރާއްޖެ އިން ބޭރަށް ބޭހަށް ފުރަން ޖެހުނަސް ނުވަތަ ނުދެއްކި އޮތް ބޮޑު ޔުޓިލިޓީ ބިލެއް ދައްކަން ޖެހުނަސް އެ ހަރަދު މެންބަރާ ހަވާލު ކުރެ އެވެ.

"އަޅުގަނޑުމެންނަކީ ގާނޫނު ހަދަން އިންތިހާބު ކުރާ ބައެއް. ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ އަޑު އިއްވަން ތިބޭ ބައެއް. އެކަމަކު އާއިލާތައް އުމްރާތަކަށް ވެސް ފޮނުވައި ދެނީ އަޅުގަނޑުމެން. ގޭގެ ބިލުތަކާއި ބައެއް ކުދި ވިޔަފާރިތަކާއި ބޮޑެތި ދަރަނިތައް ވެސް އަޅުގަނޑުމެންގެ ޖީބުން ދައްކާ ދޭން ޖެހޭ ފަހަރު އާދޭ،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުން ފަސް އަހަރުގެ ދައުރަކަށް އިންތިހާބު ކުރުމުން އެ ހަރަދުތައް ނުކުރައްވައި، ފޯނު ވެސް ނުނަންގަވާ އުޅުއްވާ ބައެއް މެންބަރުންނަށް ފަސޭހަ ކަމަކަށް ވީ ނަމަވެސް އެއީ ރައްޔިތުންނާ ގާތުން ހިދުމަތް ކުރައްވާ މެންބަރަކު ކުރައްވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެ ހުރިހާ ކަމަކަށް ހަރަދު ކޮށްފައި ގަބޫލު ނުކުރެވުނަސް ބައެއް މެންބަރުންނަށް ވެސް ލިބޭ ފައިސާ އިން ދެކޮޅު ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މަހަކު ކުރާ ހޭދަ ވަރަށް ބޮޑަށް ކުޑަ ކުރެވޭ!

މެންބަރުންނަށް ލިބޭ މުސާރަ އާއި އިނާޔަތްތަކުގެ ކުޑަ ތަފާސްހިސާބެއް ދެއްވަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވި ގޮތުގައި 19 ވަނަ މަޖިލީހުގެ 87 މެންބަރުން މުސާރަ އާއި އިންޝުއަރެންސްގެ ގޮތުގައި ފަސް އަހަރު ތެރޭގައި 448 މިލިއަން ރުފިޔާ ހަރަދު ކުރި އެވެ.

މިހާރު ހިންގަމުން އަންނަ 20 ވަނަ މަޖިލިހުގައި ތިއްބަވާ 93 މެންބަރުންނާ އެކު، އެ އަދަދު 479 މިލިއަނާ ދިމާއަށް ވަނީ މިސްރާބު ޖަހާފައިވާ ކަމަށް ކުޑޫ ވިދާޅުވި އެވެ. އެ ކުރާ ހަރަދުތަކާ ގުޅޭ ގޮތުން އޭނާ މުހިންމު ސުވާލެއް އުފެއްދެވި އެވެ.

"އަޅުގަނޑުމެން އަބަދުވެސް ކުރަން ޖެހޭ ސުވާލަކީ މި އިތުރުވި 30 މިލިއަން ރުފިޔާ އިން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ވި ތޯ؟" ކުޑޫ ވިދާޅުވި އެވެ.

ކުޑޫ ވިދާޅުވި ގޮތުގައި މަޖިލިސް މެންބަރުންނަށް ލިބޭ މުސާރަ އެހެން މުއައްސަސާތަކުގެ މުސާރައާ އެއް ހަމަ ކުރަން ޖެހެ އެވެ. އަދި މަޖިލިސް މެންބަރުން އަމިއްލަ އަށް މުސާރަ އާއި އިނާޔަތްތައް ކަނޑައެޅުމަކީ ވެސް މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކުޑޫ ވަނީ މެންބަރުކަން ކުރެވޭ ދައުރު 10 އަހަރަށް ބަދަލު ކުރަން ފެންނަ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)

މަޖިލީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން ބުނީ، އެ ޕާޓީގެ މެންބަރުންގެ މުސާރަ ކުޑަކުރަން ތައްޔާރަށް ތިބި ކަމަށެވެ. ނަމަވެސް މީގެ އަހަރެއްހާ ދުވަސް ކުރިން އެމްޑީޕީގެ މެޖޯރިޓީން ވަނީ މަޖިލިސް މެންބަރުންގެ މުސާރަ 100،000ރ. އަށް ބޮޑު ކުރަން ހުށަހަޅައި އެކަން ކޮމިޓީ މަރުހަލާގައި ފާސް ވެސް ކޮށްފަ އެވެ. އެކަމަށް ވޯޓު ދެއްވި މެންބަރުން މިހާރުގެ ޕާލަމެންޓަރީ ގްރޫޕުގައި ވެސް ހިމެނެ އެވެ.

އޭރު ވެސް ގައުމުގެ އިގުތިސާދީ ހާލަތާ މެދު ތަޖުރިބާކާރުން ދިޔައީ އިންޒާރުގެ ރަނގަބީލު އަޅަމުންއެވެ. ނަމަވެސް އެ ފަހަރު މެންބަރުންގެ މުސާރަތައް ބޮޑު ނުކުރެވުނީ އެ މައްސަލާގައި ރައްޔިތުން ވަރަށް ބޮޑަށް ފާޑު ކިޔަން ފެށުމުންނެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތާ މެދު ކަންބޮޑުވެ އެ ބަހުސް އެންމެ ގަދައަށް ހިނގާ މި ދުވަސްވަރު މަޖިލީހުގެ ބައެއް މެންބަރުން އިންތިހާބު ތެރޭގައި ވެސް ވައުދުވި ގޮތަށް މުސާރަ ކުޑަކުރަން މަސައްކަތް ކުރައްވައިފި ނަމަ އެ އިން ނުކުންނާނީ ކޮން ނަތީޖާއެއް ކަން ބަލައިލަން ޖެހެ އެވެ.

މަޖިލީހުގައި މިހާރު ތިއްބެވި މެންބަރުން ކޮމީޓީ އެލަވަންސްގެ ގޮތުގައި ލިބޭ 20،000ރ. އެކަނި އިގްތިސާދީ ހާލަތަށް ބަލާފައި ވަގުތީ ގޮތުން ނުނަންގަވަން ނިންމެވިޔަސް ދައުލަތަށް މަހަކު 1.8 މިލިއަން ރުފިޔާ ސަލާމަތް ކުރެވެ އެވެ. އެއީ އަހަރެއް ތެރޭގައި 22.3 މިލިއަން ރުފިޔާ އެވެ.

ހަރަދު ކުޑަކުރަން ސަރުކާރުން މި އަހަރު ކުދި ކުދި ހަފްލާތައް ވެސް ނުބާއްވަން ނިންމި އިރު ހަމަ ގައިމު ވެސް ހަފުލާއަކަށް 1.8 މިލިއަނެއް ނާރާނެ އެވެ. އެކަމަކު، އެ ވަރު ވެސް ހަރަދު ކުޑަކުރަން ސަރުކާރުން ނިންމުމުން އެކަމަށް ތައުރީފު ކުރައްވައި އަތް ޖައްސަވަން ތިއްބެވި މެންބަރުން އަމިއްލަ މުސާރަ އިން ބައެއް "ގުރުބާން" ކޮށްލުން ކިހިނެތް ވާނެ ހެއްޔެވެ؟