Roadha Mihaaru
ސްޓެފާން އަށް ދަތުރު ހާއްސަ، ރާއްޖެއަށް އޭނާ ހާއްސަ

ސްޓެފާން އަށް ދަތުރު ހާއްސަ، ރާއްޖެއަށް އޭނާ ހާއްސަ

20 ޑިސެމްބަރ 2023

އާއިލާ ގޮވައިގެން ރާއްޖެއަށް ކުރި ފުރަތަމަ ދަތުރުގައި މި އަހަރުގެ 1.8 މިލިއަން ވަނަ ޓޫރިސްޓަށްވެ ނެދަލެންޑްސްގެ ސްޓެފާން މަތިޖްސްގެ ދަތުރު އިތުރަށް ހާއްސަވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އާއިލާ ގޮވައިގެން ރާއްޖެއަށް ކުރި ފުރަތަމަ ދަތުރުގައި މި އަހަރުގެ 1.8 މިލިއަން ވަނަ ޓޫރިސްޓަށްވެ ނެދަލެންޑްސްގެ ސްޓެފާން މަތިޖްސްގެ ދަތުރު އިތުރަށް ހާއްސަވެއްޖެ އެވެ.

ރާއްޖެއަށް މި އަހަރު 1.8 މިލިއަން ވަނަ ޓޫރިސްޓު ހާއްސަވީ މިއީ މި އަހަރު ރާއްޖެއަށް ގެނައުމަށް ބަޖެޓުގައި އަމާޒު ހިފާފައިވާ އަދަދު ކަމަށް ވާތީ އެވެ.

މިއަދު ހަވީރު އެމިރޭޓްސް އިން ރާއްޖެ އައި ޓޫރިސްޓުންގެ ތެރެއިން 1.8 މިލިއަން ވަނަ ޓޫރިސްޓަކަށްވީ ސްޓެފާން އައީ ދެ ދަރިންނާއި އަނބިމީހާ އެކު ކ.ހިންމަފުށީގެ ގެސްޓްހައުސްއެއްގައި ޗުއްޓީ ހޭދަކޮށްލާށެވެ.

އޭނާ ރާއްޖެއަށް ކުރާ ފުރަަތަމަ ދަތުރުގައި ހިންމަފުށީގެ ޗުއްޓީއަށް ފަހު ލަންކާއަށް ދާނެ ކަމަށް ބުންޏެވެ. އެކަމަކު އަލުން އަނެއްކާ ރާއްޖެ އައިސް އއ. ދިގުރަށަށް ވެސް ދާން ޕްލޭންކޮށްފައިވެ އެވެ.

ރާއްޖޭގެ މި އަހަރުގެ ހާއްސަ ޓޫރިސްޓަށް ވެލާނާ އިންޓަނޭޝާނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި މަރުހަބާ ވިދާޅުވީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އެވެ.

ސްޓެފާނަށް ލިބުނު ހާއްސަ ޝަރަފާ އެކު، ހިލްޓަން އަމީންގިރި ރިސޯޓުގައި އަންނަ އަހަރު ހަތަރު ދުވަހުގެ ޗުއްޓީއެއް ހޭދަކުރުމުގެ ފުރުސަތު ވެސް ވަނީ ލިބިފަ އެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން ރާއްޖެއަށް އައި ރަޝިއާއިންނެވެ. އެ ގައުމުން ދެ ލައްކަ ޓޫރިސްޓުން އައި އިރު ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައި އިންޑިއާއިން 199،000 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައި ޗައިނާއިން މި އަހަރުގެ މިހާތަނަށް 183،000 ޓޫރިސްޓުން އައިސްފައިވެ އެވެ.

އަންނަ އަހަރަށް ސަރުކާރުން ވަނީ ދެ މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކޮށްފަ އެވެ.