Roadha Mihaaru

ރާއްޖޭގައި އޮތީ އިންވެސްޓަރުންނަށް ފަހި މާހައުލެއް: މިނިސްޓަރު ފައިސަލް

ސަރުކާރުން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ އިންވެސްޓަރުންނަށް ފަހި ފުުރުސަތުތަކެއް ހޯދައިދީ، ލުއި ގޮތްތަކެއް ފޯރުކޮށްދިނުމަށް ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.

"ރާއްޖޭގައި އޮތީ އިންވެސްޓަރުންނަށް ފަހި މާހައުލެއް"
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

07 އޯގަސްޓް 2024

ސަރުކާރުން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ އިންވެސްޓަރުންނަށް ފަހި ފުުރުސަތުތަކެއް ހޯދައިދީ، ލުއި ގޮތްތަކެއް ފޯރުކޮށްދިނުމަށް ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.

އޮސްޓްރޭލިއަން ހޮޓެލް އިންޑަސްޓްރީ ކޮންފަރެންސް އެންޑް އެގްޒިބިޝަން (އަހައިސް) އިން އިންތިޒާމްކޮށްގެން ބޭއްވި "އަހައިސް މޯލްޑިވްސް ހޮޓެލް އިންވެސްޓްމެންޓް ސަމިޓު" ގައި ފައިސަލް ވިދާޅުވީ، އިންވެސްޓަރުންނަށް ފަހި މާހައުލެއް ހޯދައިދޭން، ބޮޑެތި ލުއިތަކެއް އެބަހުރި ކަމަށެވެ.

"ޓޫރިޒަމް އިންޑަސްޓްރީގެ ކާމިޔާބީ ގުޅިފައި ވަނީ ކާމިޔާބު އިންވެސްޓްމެންޓްތަކާ. އާ ޓޫރިޒަމާ ބެހޭ ގާނޫނުން އިތުރު ފަސޭހަތަކެއް އިންވެސްޓަރުންނަށް ފުރުސަތުތައް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު ފައިސަލް ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު

ޓޫރިޒަމް މިނިސްޓަރު ފައިސަލް ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު

ފައިސަލް ވިދާޅުވީ، ރާއްޖޭގައި އިންވެސްޓް ކުރުމުގެ އެންމެ ބޮޑު ފައިދާއަކީ، ރާއްޖޭގެ މަޝްރޫހު ކަމާއި ޓޫރިސްޓުންގެ ޑިމާންޑު ކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖެއަކީ މި ސަރަހައްދުގެ އެންމެ ޓޮޕް މާކެޓު ކަމަށާއި ކުރާ އިންވެސްޓްމަންޓުގެ ފައިދާ ލިބުމުގައި ހޭދަކުރަން ޖެހޭ މުއްދަތު ކުރު ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ޓޫރިޒަމް ފުޅާކުރުމުގައި ދެމެހެއްޓެނިވި ގޮތްތަކެއް ހޯދުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެ އެވެ. އަދި ތިމާވެއްޓާ ރައްޓެހި ގޮތްތަކެއް ހިދުމަތްދޭ ފަރާތްތަކުން އިހުތިޔާރު ކުރުމަށް ވަރަށް ބޮޑަށް އެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު ބޭއްވި ކޮންފަރެންސްގައި ޓޫރިޒަމް ދާއިރާގައި ރާއްޖޭގައި ހުރި ފުރުސަތުތައް އިންވެސްޓަރުންނަށް ވަނީ ކިޔައިދީފަ އެވެ. މި ކޮންފަރެންސްގައި ޓޫރިޒަމް ދާއިރާގެ 140 މީހުން ބައިވެރިވި އެވެ.