Roadha Mihaaru
ޑްރަގް ޓްރެފިކިންގެ ކުށްވެރިން ދޫވާ ސަބަބު ހޯދަނީ

ޑްރަގް ޓްރެފިކިންގެ ކުށްވެރިން ދޫވާ ސަބަބު ހޯދަން އޮޑިޓެއް ހަދަނީ

20 ޑިސެމްބަރ 2023

ޑްރަގް ޓްރެފިކިންގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން ފަސޭހައިން ކޯޓުތަކުން ދޫވެގެންދާ މައްސަލަ ފާހަގަވާ ކަމަށާއި އެކަން ދިމާވާ ސަބަބު ދެނެގަތުމަށް ހާއްސަ އޮޑިޓެއް ހަދަން ނިންމާފައިވާ ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ޑްރަގް ޓްރެފިކިންގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން ފަސޭހައިން ކޯޓުތަކުން ދޫވެގެންދާ މައްސަލަ ފާހަގަވާ ކަމަށާއި އެކަން ދިމާވާ ސަބަބު ދެނެގަތުމަށް ހާއްސަ އޮޑިޓެއް ހަދަން ނިންމާފައިވާ ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "މިހާރު" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ޑްރަގުގެ ބޮޑެތި މައްސަލަތަކުގައި ކުށް ސާބިތު ނުވެ، މީހުން ދޫވެގެން ގޮސްފައިވާ ސަބަބު ދެނެގަތުމަށް ހާއްސަ އޮޑިޓެއް ހަދަން ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.

އެ ކޮމިޓީގައި ހިމެނީ ހޯމް މިނިސްޓްރީ އާއި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހާއި ފުލުހުންނެވެ.

"ސަބަބުތައް ދެނެގަތުމަށް ފަހު ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ކުރިއަށް މި އޮތް ދުވަސްތަކުގައި އަޅުގަނޑުމެން ކުރާ ތަހުގީގުގައި ވެސް އަދި ޕީޖީ އޮފީހާ އެކު، ކުރާ މަސައްކަތުގައި ވެސް އަދި ތަހުގީގުގެ އެކިއެކި މަރުހަލާތަކުގައި އަޅުގަނޑުމެން ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާކޮށް އިދާރީ ކަންކަމާއި އަދި އެހެން ވެސް ކަންކަމާ ގުޅިގެން އަތް ދަށުން ދޫވެގެންދާ ބޮޑެތި ކުށްތައް ކުރާ މީހުން ދޫވެގެން ނުދާނެ ގޮތަކަށް މަސައްކަތް އެބަ ކުރަން،" މިދިޔަ މަހުގެ 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

ޑްރަގުގެ ބޮޑެތި އޮޕަރޭޝަންތައް ފުލުހުން ހިންގި ނަމަވެސް، އެ މައްސަލަތަކުގައި ހައްޔަރުކުރާ މީހުންނަށް އަދަބު ނުދެވި ދޫވާ މައްސަލައިގައި ފުލުހުން އަބަދުވެސް ކަންބޮޑުވުން ފާޅުކުރެ އެވެ. ނަމަވެސް، ކޯޓުތަކުން އެފަދަ މައްސަލަތަކުގައި ފާހަގަކުރަނީ ތަހުގީގު މަރުހަލާ އާއި ދައުވާ ކުރުމުގެ މަރުހަލާގައި ދައުލަތުން އިދާރީ ގޯސްތައް ހަދާފައި ހުންނަ ކަމެވެ.

ބޮޑެތި ކުށްވެރިން ދޫވާ މައްސަލާގައި ރިޝްވަތާއި ނުފޫޒުގެ ތުހުމަތުތައް ވެސް ފުލުހުންނާއި ކޯޓުތަކުގެ މައްޗަށް ކުރެވެ އެވެ.

މި ސަރުކާރުން ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމަށް ހާއްސަ ޓާސްކްފޯހެއް އެކުލަވާލައިފަ އެވެ. އެ ޓާސްކްފޯހުގެ މަސައްކަތުން މިހާތަނަށް 8 އޮޕަރޭޝަނެއް ހިންގައި ޖުމުލަ 13 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެ 30 މީހުން ހައްޔަރުކޮށްފައިވެ އެވެ.

ޓާސްކްފޯހުގައި ހިމެނެނީ ފުލުހުންނާއި އިމިގްރޭޝަނާއި ކަސްޓަމްސް އަދި ކަރެކްޝަންސްގެ އިސްވެރިންނެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަަލަ މި ސަރުކާރު ބަލަނީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށެވެ.