Roadha Mihaaru
މުއްސަނދިވުމުން އުމުރަށް ޖަލަށް، ބޮޑުންނަށް މާފެއްނެތް

ޑްރަގްގެ ފައިސާއިން މުއްސަނދިކަން ހޯދުމުން އުމުރަށް ޖަލަށްލައި، ޑްރަގްގެ ބޮޑުންނަށް މާފު ނުދެވޭ ގޮތް ހަދަނީ

15 އޯގަސްޓް 2024

މަސްތުވާތަކެތީގެ ވިޔަފާރިން ލިބޭ މުއްސަނދިކަން ހޯދާ މީހުން އުމުރަށް ޖަލަށްލުމާ އެކު، ހުރިހާ މުދަލެއް ދައުލަތަށް ނެގުމާއި އަދި ބައި ކިލޯއަށް ވުރެ ވަކި އަދަދަކަށް ވުރެ ގިނަ ޑްރަގް ހިމެނޭ މައްސަލަތަކުގައި މާފު ނުދެވޭ ގޮތަށް މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅަން ހޯމް މިނިސްޓްރީން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މަސްތުވާތަކެތީގެ ވިޔަފާރިން ލިބޭ މުއްސަނދިކަން ހޯދާ މީހުން އުމުރަށް ޖަލަށްލުމާ އެކު، ހުރިހާ މުދަލެއް ދައުލަތަށް ނެގުމާއި އަދި ބައި ކިލޯއަށް ވުރެ ވަކި އަދަދަކަށް ވުރެ ގިނަ ޑްރަގް ހިމެނޭ މައްސަލަތަކުގައި މާފު ނުދެވޭ ގޮތަށް މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅަން ހޯމް މިނިސްޓްރީން ނިންމައިފި އެވެ.

މަސްތުވާތަކެއްޗާބެހޭ ގާނޫނު މިހާރު އޮންނަ ގޮތުން ދައުލަތަށް ނެގޭނީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދި މުދަލާއި ފައިސާ އެވެ. އެފަދަ މުދަލެއް ނުވަތަ ފައިސާއެއް އަތުގައި ބެހެއްޓުމުން ގިނަވެގެން ދެވެނީ ތިން އަހަރުގެ ޖަލު ހުކުމެކެވެ.

މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހު ގެންނަން ހޯމް މިނިސްޓްރީން ތައްޔާރުކުރި ބިލުގައިވާ ގޮތުން އެ މީހަކު އަދާކުރާ ވަޒީފާ ނުވަތަ ކުރާ މަސައްކަތާ ނުބައްދަލު ވަރަށް އާމްދަނީ ލިބިފައިވާ ނަމަ ނުވަތަ މުދަލާއި ފައިސާ ލިބުނު ގޮތް ބުނެ ނުދެވޭ ނަމަ އެއީ ޑްރަގް ވިޔަފާރި ކޮށްގެން ހޯދި މުއްސަނދިކަމެއް ކަމަށް ބެލެވޭނެ އެވެ. އެ ކުށުގެ އަދަބަކީ އުމުރަށް ޖަލަށްލުމާ އެކު، އެ ހުރިހާ މުދަލާއި ފައިސާއަކާއި އެއިން ހޯދި ފައިދާ ވެސް ހިމެނޭ ގޮތުން މުދާތައް ދައުލަތަށް ނެގުމެވެ.

އެ ބިލުގައިވާ ގޮތުން އެ މީހެއްގެ މާލީ މުއާމަލާތްތަކުން އެފަދަ ކަމެއް ފާހަގަވުން ނުވަތަ ފުލުހުން ތަހުގީގަކުން ނުވަތަ ބައިނަލްއަގްވާމީ އިދާރާއަކުން އެފަދަ ކަމެއް ފާހަގަ ކުރުމަކީ ނުހައްގު މުއްސަނދިކަން ހޯދާފައިވާ ކަމަށް ބަލަން ޖެހޭނެ ސަބަބެކެވެ. އެފަދަ ފައިސާއެއް އެކައުންޓްތަކާއި އެ ނޫން ވެސް ގޮތްތަކަށް އެހެން ބަޔަކަށް ފޮނުވުމަކީ ވެސް މުއްސަނދިކަން ލިިބިގަތުން ކަމަށް ބަލަން ޖެހޭނެ ކަމަށް އެ ބިލުގައިވެ އެވެ.

ރައީސް މުއިއްޒާއި ހޯމް މިނިސްޓަރު އިހުސާން ސަލާން ކުރައްވަނީ: ރާއްޖެ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ވަބާ ކަމަށްވާ މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމުގެ އެންމެ ބޮޑު ޒިންމާ ހަވާލު ކުރެއްވީ މިނިސްޓަރު އިހުސާންއާ.

ރައީސް މުއިއްޒާއި ހޯމް މިނިސްޓަރު އިހުސާން ސަލާން ކުރައްވަނީ: ރާއްޖެ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ވަބާ ކަމަށްވާ މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމުގެ އެންމެ ބޮޑު ޒިންމާ ހަވާލު ކުރެއްވީ މިނިސްޓަރު އިހުސާންއާ.

އެ ބިލުގައިވާ ގޮތުން މަސްތުވާތަކެތީގެ މައްސަލައެއްގައި ދައުވާލިބޭ މީހާގެ މައްޗަށް ކުށް ސާބިތު ނުވިޔަސް، އެ މައްސަލައަކާ ގުޅިގެން ހިފަހައްޓާ މުދަލެއް ލިބުނު ގޮތެއް އެ މީހަކަށް ސާބިތުކޮށް ނުދެވޭ ނަމަ އެ މުދަލެއް ދައުލަތަށް ނަގަން ޖެހޭނެ އެވެ.

މީގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކުގައި މާފު ނުދެވޭ ގޮތަށް އަދި އަދަބު ވެސް ލުއި ނުކުރެވޭނެ ކަމަށް ބިލްގައިވެ އެވެ. އެގޮތުން 500 ގްރާމަށް ވުރެ ގިނަ ޑްރަގް ހިމެނޭ މައްސަލަތަކުގައި މާފު ދިނުމާއި އަދަބު ލުއިކުރުން އަދި ކަފާލާތު ވެސް ނުދެވޭނެ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ. އެ އަށް ވުރެ ދަށް އަދަދެއްގެ ޑްރަގް މައްސަލަތަކުގައި ނަމަ އަދަބު ލުއި ކުރެވޭނީ ހުކުމުގެ ތިން ބައި ކުޅަ ދެ ބައި ތަންފީޒު ކުރުމަށް ފަހު ކަމަށް އެ ބިލުގައިވެ އެވެ.

މަސްތުވާތަކެތީގެ މައްސަލަތައް ކޯޓުތަކުން ނިންމަންޖެހޭ މުއްދަތުތަކެއް ވެސް އެ ބިލުގައި ކަނޑައަޅާފައިވެ އެވެ. އެފަދަ މައްސަލަތައް ގިނަވެގެން ތިން މަސް ތެރޭގައި ދަށު ކޯޓުތަކުން ނިންމަން ޖެހޭއިރު، އިސްތިއުނާފް މަރުހަލާ ވެސް އެއް މަސް ތެރޭގައި ނިންމަން ޖެހޭނެ ކަމަށް އެ ބިލުގައިވެ އެވެ.

މީގެ އިތުރުން ޑްރަގް މައްސަލަތަކުގައި މީހުން ހައްޔަރު ކުރުމާއި ބަލައި ފާސްކުރުމާއި ބަންދު ކުރުމުގައި ވެސް ކުރިއަށް ވުރެ ހަރުކަށި އުސޫލުތަކެއް އެ ބިލުގައި ހިމަނާފައި ވެ އެވެ. އެފަދަ މައްސަލަތަކުގައި ތަހުގީގީ އިދާރާތަކަށް ގިނަ ބާރުތަކެއް ދޭން ވެސް އެ ބިލުގައި ހުށަހަޅާފައި ވެ އެވެ.

ޑްރަގް މައްސަލަތަކުގައި މަރުގެ އަދަބު ދެވޭ ގޮތަށް ވެސް އެ ބިލުގައި ވަނީ ކަނޑައަޅައިފަ އެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ މީހުން މަސްތުވާތަކެތީގެ ވަބާގައި ޖެހި ސަލާމަތް ނުވުމުގެ މައްސަލަ ބޮޑުވެފައިވައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ކަމަކީ އެކަން ހައްލު ކުރެވޭނެ ގޮތްތަކެއް ހޯއްދެވުމެވެ. އެ ޒިންމާ އެ މަނިކުފާނު ހަވާލުކުރެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނާ އެވެ.