Roadha Mihaaru

މަސްތުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ކަމުގެ އިހުސާސް މިއަދު ކުރެވޭނެ: އިހުސާން

މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް މުޅި ދައުލަތް އެކުގައި މަސައްކަތްކުރާ ކަމުގެ އިހުސާސް މިއަދު ކުރެވޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މަސްތުން ސަލާމަތްކުރާކަމުގެ އިހުސާސް ކުރެވޭނެ: އިހުސާން
އިފްރާޒް އަލީ
އިފްރާޒް އަލީ

03 ޑިސެމްބަރ 2025

މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް މުޅި ދައުލަތް އެކުގައި މަސައްކަތްކުރާ ކަމުގެ އިހުސާސް މިއަދު ކުރެވޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

އިހުސާން އެގޮތަށް ވިދާޅުވީ ޑްރަގްގެ ބޮޑެއް ބަންދުން ދޫކުރި ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު ވަކިކުރަން ރައްޔިތުންގެ މަޖިިލީހުން ފާސްކުރި ޚަބަރާއި ރާއްޖެއަށް ޑްރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭން މަޖިލީހުން ފާސްކުރި ޚަބަރު ހިއްސާ ކުރައްވަމުން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓުގައި އިހުސާން ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް މިއަދު މުޅި ދައުލަތް ތެދުވެ، އެއް ރޫހެއްގައި މަސައްކަތް ކުރަން ފަށާފައިވާ ކަމުގެ އިހުސާސް ރައްޔިތުންނަށް ކުރެވޭނެ ކަަމަށެވެ.

"ފުލުހުންނާއި ވަކީލުންނާއި ފަނޑިޔާރުގެ ވެސް ހިމެނޭހެން އެންމެ ޖަވާބުދާރީ ވާން ޖެހޭ އަދި ކުރުވާނެކަން މިއަދު އިހުސާސްވޭ،" އިހުސާން ވިދާޅުވި އެވެ.

އެ ބޮޑު ބަދަލު ގެނެވުނީ ދިވެހި ރައްޔިތުންނާއި ފުލުހުންގެ ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.

"މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ނިންމުމަކީ މިވަގުތަށް ވަރަށް މުހިންމު ނިންމުމެއް،" އޭނާ ވިދާޅުވި އެވެ.

ގާޒީ ފާއިޒް ވަކިކުރަން މަޖިލީހުން ފާސްކުރީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެއްގެ ބަންދާ މެދު ގޮތެއް ކަނޑައެޅިއިރު، ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް އޭނާ އަމަލުކޮށްފައިވާކާން ސާބިތުވެ، އޭނާ މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަޖިލީހަށް ފޮނުވާފައި ވާތީ އެވެ.

މަޖިލީހަށް ޖޭއެސްސީން ފޮނުވި ސިޓީގައިވާ ގޮތުން، އެ ކޮމިޝަނުން ގާޒީ ފާއިޒްއާ ގުޅޭ ގޮތުން ބެލީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅޭ ކަމަށް ފުލުހުން ތުހުމަތުކުރާ އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލުމާ މެދު އަމަލުކުރި ގޮތާ މެދު ހުށަހަޅާފައިވާ މައްސަލައެކެވެ.

ޖޭއެސްސީން ބުނީ، ގާޒީ ފާއިޒް ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް އަމަލު ކޮށްފައިވާކަން އެ ކޮމިޝަންގެ ގާނޫނުގައި ބުނާ މިންގަނޑަށް ސާބިތުވާ ކަމަށެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުން ނުވަތަ އޭގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދޭން ސުޕްރީމް ކޯޓުން މައްސަލަ ބަލާ ފަނޑިޔާރުން އިއްތިފާގުވާ ހާލަތުގައި އެ އަދަބު ކަނޑައެޅޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ވެސް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި އެވެ.

އެ ބިލުގައިވާ ގޮތުން ދެ ޝަރުތެއް ފުރިހަމަވާ ނަމަ އެ މީހެއްގެ މައްޗަށް މަރުގެ އަދަބު އިއްވަން ޖެހޭނެ އެވެ. އެއީ އެ މީހަކު އެތެރެކުރި މަސްތުވާކެތީގެ ބާވަތަށް ބަލައި ވަކި ބަރުދަނެއް ހަމަވާ ނަމަ އަދި އެ މީހަކު ރާއްޖެއަށް އެތެރެކުރި މަސްތުވާއެއްޗަކީ، އެ މީހަކު އެތެރެވި އިރު އެތެރެކުރި އެއްޗަކަށްވާ ނަމަ އެވެ.

މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން ކަނޑައަޅާ އުމުރު ދުވަހުގެ ޖަލު ހުކުމުގެ ގޮތުގައި އޮންނަ 25 އަހަރުގެ އަދަބު އުވާލައި، އެ މީހަކު މަރުވަންދެން ޖަލުގައި ހުންނަން ޖެހޭ ގޮތަށް ބަދަލުކުރަން ވެސް އެ ބިލްގައި ވަނީ ހިމަނައިފަ އެވެ.

މިހާރު ގާނޫނު އޮންނަ ގޮތުން އުމުރު ދުވަހުގެ ޖަލު ހުކުމަކީ 25 އަހަރަށް ޖަލަށްލުމެވެ. ނަމަވެސް، ބިލަށް ކޮމިޓީން އިސްލާހު ގެނެސްފައިވާ ގޮތުން، މި ގާނޫނުގެ ދަށުން ކަނޑައަޅާ އުމުރަށް ޖަލަށްލުން ކަމަށް ބުނެފައި ވަނ،ީ ޕެރޯލްގެ ދަށުން ދޫނުކުރެވޭ ގޮތަށް އަދި މާފު ނުދެވޭ ގޮތަށް އެ މީހަކު އުމުރު ދުވަހަށް ޖަލަށްލުމަށެވެ.

މި ބިލްގައި އުމުރަށް ޖަލަށް ލުމުގެ އަދަބު ނުވަތަ މަރުގެ އަދަބު ކަނޑައަޅާފައިވާ ކުށްތަކަކ،ީ އެއްވެސް ގޮތަކަށް އަދަބު މާފު ކޮށްދެވިގެން ނުވަތަ ލުއި ކޮށްދެވިގެން ނުވާނެ ކުށްތަކެއް ކަމަށް ވެސް ކަނޑައަޅާފައިވެ އެވެ. އެހެންވެ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އުމުރަށް ޖަލަށްލާ އެއްވެސް މީހަކަށް އެއްވެސް ކަހަލަ ލުޔެއް އަދި މާފެއް ވެސް އެ އިސްލާހު ތަސްދީގު ކުރުމާ އެކު ދެން ނުދެވޭނެ އެވެ.