Roadha Mihaaru
ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އިސްލާހުތަކެއް ގެންނަނީ

ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އިސްލާހުތަކެއް އެބަ ގެންނަން: އަނިލް

12 ފެބުރުއަރީ 2017

އަންނަ ޖުލައި މަހު އަމަލުކުރަން ފަށާ ޖިނާއީ އިޖްރާއާތުގެ ގާނޫނަށް ބައެއް އިިސްލާހުތައް ގެންނަން މަސައްކަތް ކުރަމުންދާ ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އަންނަ ޖުލައި މަހު އަމަލުކުރަން ފަށާ ޖިނާއީ އިޖްރާއާތުގެ ގާނޫނަށް ބައެއް އިިސްލާހުތައް ގެންނަން މަސައްކަތް ކުރަމުންދާ ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް މިއަދު ވިދާޅުވެއްޖެ އެވެ.

ބައެއް ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލުން ޖިނާއީ އިޖްރައާތުގެ ގާނޫނަށް އަހުލުވެރި ކުރުވަން ހިންގާ ޕްރޮގްރާމް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަނިލް ވިދާޅުވީ އެ ގާނޫނަށް އަމަލުކުރަން ފެށުމަށް ތައްޔާރުވަމުން އަންނަ އިރު، އެ ގާނޫނަށް ގެންނަން ފެންނަ ބައެއް އިސްލާހުތައް ކަމާ ބެހޭ އިދާރާތަކުން އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވަމުންދާ ކަމަށެވެ. އޭގެ ތެރެއިން މުހިންމު އިސްލާހުތައް ގެނައުމަށް ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް އަނިލް ވިދާޅުވި އެވެ.

އަނިލް ވިދާޅުވީ ބައެއް ކުދި އިސްލާހުތައް އެ ގާނޫނަށް ގެންނަން ނިންމިޔަސް އެ ގާނޫނުގައި ބުނާ މައިގަނޑު އަދި އަސާސީ ކަންކަމަށް ބަދަލު ގެނައުމުގެ ވިސްނުން ކަމާ ބެހޭ އިދާރާތަކުން ދޫކޮށްލަން ޖެހޭ ކަމަށެވެ. އެ ކަންކަމަކީ ދުރު މުސްތަގްބަލަށް ވިސްނުމަށް ފަހު ގާނޫނުގައި ހިމަނާފައި ހުރި ކަންކަން ކަމަށް އަނިލް ވިދާޅުވި އެވެ.

"އެންމެ ފަސޭހަ އިން ކުރެވެން ހުރި ކަންކަން ފަސޭހަ އިން ކޮށްލުމެއް ނޫން އަޅުގަނޑުމެންގެ ވިސްނުމަކަށް ވާންވާނީ. ދުރު ރާސްތާގައި އަންނާނެ ފަސޭހަތަކަށް ވިސްނާލާފައި މިހާރުން މިހާރަށް އަޅުގަނޑުމެންގެ ހުރި ވިސްނުންތައް ބަދަލުކޮށްލަން މި ގާނޫނު އެބަ ލާޒިމްކުރޭ. އެހެންވީމަ ފަންޑަމެންޓަލް ކަންކަމަށް ބަދަލު ގެންނާކަށް ނުޖެހޭ،" އަނިލް ވިދާޅުވި އެވެ.

އަނިލް ވިދާޅުވީ ޖިނާއީ އިޖްރާއާތުގެ ގާނޫނެއް ނެތުމުން ޖިނާއީ އެކި މައްސަލަތަކުގައި އަމަލު ކުރަމުން ދިޔައީ އެކި ގޮތަށް ކަމަށާއި އެކަމަކު ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ސަބަބުން އެކަމަށް ހައްލެއް އަންނާނެ ކަމަށެވެ. ކުށެއްގެ ތުހުމަތު ކުރެވޭ މަރުހަލާ އިން ފެށިގެން ތަހުގީގު ކުރުމާއި ހެކި ހޯދުމާއި ދައުވާ ކުރުމާއި ޝަރީއަތް ކުރުމުގައި އަމަލުކުރަންޖެހޭ ވަކިވަކި އިޖްރާއާތުތައް ތަފްސީލުކޮށް އެ ގާނޫނުގައި ބުނެދީފައިވާ ކަން އަނިލް ފާހަގަ ކުރެއްވި އެވެ.

"އެކި މަރުހަލާތަކުގައި އެކި ގޮތަށް އަމަލު ކުރެވެމުން ދިޔައީ. އެއީ ގާނޫނާ ޚިލާފަށް ފަނޑިޔާރުން އަމަލު ކުރައްވާތީއެއް ނޫން. އެއީ މިހާރު މި ގާނޫނީ ނިޒާމުގައި ހުރި މައްސަލަތަކެއް. ޑިސްކްރިޝަންތަކެއް މުއައްސަސާތަކަށް ލިބިފައި އޮތީމަ އެންމެންނަށް އެއްގޮތަކަށް ނޫން މި އަމަލު ކުރަނީ. ސަބަބުތަކެއް ނެތި ތަފާތު ކުރުންތަކެއް ގެންގުޅެވެމުން ދިޔައީ،" އަނިލް ވިދާޅުވި އެވެ.

ޖިނާއީ އިޖްރައާތުގެ ގާނޫނަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އޭޖީ އަނިލް މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާ އެކު:--މިހާރު ފޮޓޯ/ނިޝާން އަލީ

ޖިނާއީ އިޖްރައާތުގެ ގާނޫނަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އޭޖީ އަނިލް މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާ އެކު:--މިހާރު ފޮޓޯ/ނިޝާން އަލީ

މިއަދު ފެށި ޕްރޮގްރާމަކީ ހަމައެކަނި ބައެއް ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލުންނަށް ހިންގާ ޕްރޮގްރާމަކަށް ވިޔަސް ކުރިމަގުގައި މިނިވަން މުއައްސަސާތަކަށް ވެސް އެ ޕްރޮގްރާމް ހިންގާނެ ކަމަށް އަނިލް ވިދާޅުވި އެވެ. އަދި ފަނޑިޔާރުންނަށް ޚާއްސަކޮށްގެން މިފަދަ ޕްރޮގްރާމެއް ޝަރުއީ ދާއިރާ އިން ކުރިއަށް ގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށް އަނިލް ވިދާޅުވި އެވެ.

"ސްޕެޝަލައިޒް ޓްރެއިނިންތަކެއް ޔޫއެންޑީޕީއާ ގުޅިގެން ކުރިއަށް ގެންދަން އަޅުގަނޑުމެން މަސައްކަތް ކުރާނަން،" އަނިލް ވިދާޅުވި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް އެ ހަފުލާގައި ވިދާޅުވި ގޮތުގައި އެ ގާނޫނަށް އަމަލުކުރަން ފަށާ ހިސާބުން ދިމާވާނެ މައްސަލަތައް ދެނެގަނެ، އެ ގާނޫނަށް ގެންނަން ފެންނަ އިސްލާހުތައް ވަނީ އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ.

އެ ހަފުލާގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީ ވިދާޅުވީ މައްސަލަތައް ތަހުގީގު ކުރުމުގައި ހުރި ގޮންޖެހުންތަކަށް، ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ސަބަބުން ހައްލު ލިބިގެންދާނެ ކަމަށެވެ. އެ ގާނޫނުގެ ބޭނުން ފުރިހަމަ ގޮތުގައި ފުލުހުން ހިފާނެ ކަމަށް ސައުދީ ވިދާޅުވި އެވެ.