Roadha Mihaaru
ފައިލޭރިއާ އޮތީ ކޮންޓްރޯލްގައި، ކަންބޮޑުވާ ކަމެއް ނެތް

ފައިލޭރިއާ އޮތީ ކޮންޓްރޯލްގައި، ކަންބޮޑުވާންޖެހޭ ކަމެއް ނެތް: މިނިސްޓަރު

26 ޑިސެމްބަރ 2023

ރާއްޖެއިން ނައްތާލިކަމަށް ކަނޑައަޅާފައިވާ ފައިލޭރިއާ ޖެހިފައި ތިބި ބިދޭސީންގެ ބަޔަކު ފެނުނަސް ކަންބޮޑުވާންޖެހޭ ކަމެއް ނެތް ކަމަށާއި އެ ބަލި އޮތީ ކޮންޓްރޯލްގައި ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް އިއްޔެ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖެއިން ނައްތާލިކަމަށް ކަނޑައަޅާފައިވާ ފައިލޭރިއާ ޖެހިފައި ތިބި ބިދޭސީންގެ ބަޔަކު ފެނުނަސް ކަންބޮޑުވާންޖެހޭ ކަމެއް ނެތް ކަމަށާއި އެ ބަލި އޮތީ ކޮންޓްރޯލްގައި ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް އިއްޔެ ވިދާޅުވެއްޖެ އެވެ.

އާ ސަރުކާރުގެ ހެލްތު މިނިސްޓަރު، "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ފައިލޭރިއާ އަކީ ފަސޭހައިން ފެތުރޭ ބައްޔެއް ނޫން ކަމަށެވެ. އެހެންވެ، ކޮމިއުނިޓީ ސްޕްރެޑަކަށް ދިއުމުގެ ކަންބޮޑުވުމެއް ނެތަސް، ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ފެނުމަކީ ކަންބޮޑުވުމެއް ކަމަށް ހަލީލް ވިދާޅުވި އެވެ.

މިނިސްޓަރު ހަލީލް "މިހާރު"އާ ވާހަކަ ދައްކަވަނީ.

ރާއްޖެއިން ފައިލޭރިއާ ނައްތާލިކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައެޅީ 2016 ވަނަ އަހަރު އެވެ. މި ސަރަހައްދުން އެ ޝަރަފު ދެން ހޯދާފައިވަނީ ސްރީ ލަންކާ އެވެ.

އެ ބައްޔަށް ބިދޭސީންތަކެއް ޕޮޒިޓިވްވިކަން އެންމެ ފުރަތަމަ އެނގުނީ، ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރަން މި މަހުގެ 1 އަދި 2 ވަނަ ދުވަހު ހދ. ކުޅުދުއްފުށީގައި ބޭއްވި ސްކްރީނިންގެ ތެރެއިންނެވެ. މިހާތަނަށް 683 މީހުން ޓެސްޓުކުރި އިރު، އޭގެ ތެރެއިން 32 މީހަކަށް އެ ބަލި ޖެހިފައިވާކަން ވަނީ ކަށަވަރުކުރެވިފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 30 މީހަކާއި ބަންގްލަދޭޝްގެ ދެ މީހެކެވެ. ގިނަ މީހުން ރާއްޖެ އައިތާ އަދި ހަ މަސް ދުވަސް ނުވެ އެވެ.

ހެލްތު މިނިސްޓަރު ޑރ. ހަލީލް، އެ މިނިސްޓްރީގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހެލްތު މިނިސްޓްރީ

ހެލްތު މިނިސްޓަރު ޑރ. ހަލީލް، އެ މިނިސްޓްރީގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހެލްތު މިނިސްޓްރީ

މިނިސްޓަރު ވިދާޅުވީ މިހާތަނަށް 155 ދިވެހިން ޓެސްޓުކުރި ކަމަށެވެ. އެކަމަކު، އެއްވެސް މީހަކު ޕޮޒިޓިވް ނުވާތީ، ރާއްޖެއިން ފެނުނީ އިމްޕޯޓު ކޭސްތަކެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެ ފެތުރިދާނެ ކަމުގެ ބިރެއް ނެތް އަޅުގަނޑުމެންގެ އިރާދަކުރެއްޔާ."

ފައިލޭރިއާ ޖެހިފައިވާނަމަ ރާއްޖޭގައި ދެނީ މައިގަނޑު ތިން ބޭހެކެވެ. ހަލީލް ވިދާޅުވި ގޮތުގައި، އެ ބޭސްތައް އަދި ޓެސްޓުކުރަން ބޭނުންވާ ކިޓް ރާއްޖޭގައި އެބަހުއްޓެވެ. ނަމަވެސް، އެ ތަކެތި އިތުރަށް ހޯދުމުގެ މަަސައްކަތްކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"100 ޕަސެންޓް ކޮންޓްރޯލްޑް ކަމެއް މިއީ. އަދި މަދިރި ޖައްސާތަނުން ދާ އެއްޗެއް ނޫން މިއީ. އެތައް ފަހަރަކު މަދިރި އައިސް ބައިޓްކުރީމަ ދާ އެއްޗެއް މިއީ [ހަށިގަނޑުގެ ތެރެއަށް]. އެ ފެތުރުމުގެ ކަންބޮޑުވުމެއް އަޅުގަނޑުމެންގެ ނެތް. އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ ރާއްޖެއިން އެލިމިނޭޓްވެފައި އޮތް ބައްޔެއް، ރާއްޖޭގައި އުޅުމުގެ ކަންބޮޑުވުން މި އޮތީ. އެހެންވެ، މިހާރުން މިހާރަށް ވެސް ކޮންމެ މީހަކަށް ވިޔަސް، ބޭރު މީހަކަށް ވިޔަސް އެ މީހުން އައިސް ދިނުމުގެ ބަދަލުގައި ފޯރުކޮށްދެނީ ބޭސް އެ މީހުންނަށް." ހަލީލް ވިދާޅުވި އެވެ.