Roadha Mihaaru
ފައިލޭރިއާ: ފަސޭހައިން ނުފެތުރުނަސް ކުރިން އެނގެންޖެހޭ

ފައިލޭރިއާ: ފަސޭހައިން ނުފެތުރުނަސް ކުރިން ދެނެގަންނަންޖެހޭ

24 ޑިސެމްބަރ 2023

ޑެންގީ އަދި ޗިކަންގުންޏާއަކީ އީޑީސް މަދިރީގެ ސަބަބުން ވަރަށް ފަސޭހައިން ޖެހޭ ބައްޔެކެވެ. އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ފަސޭހައިން ފެތުރިގެންދެ އެވެ. އެކަމަކު އެއާ ހިލާފަށް، ރާއްޖެއިން މި ފަހުން ފެނުނު ފައިލޭރިއާއަކީ، ކިއުލެކްސް މަދިރީގެ ޒަރީއާއިން ޖެހޭ އެކަމަކު އެހާ ފަސޭހައިން ފެތުރޭ ބައްޔެއް ނޫނެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޑެންގީ އަދި ޗިކަންގުންޏާއަކީ އީޑީސް މަދިރީގެ ސަބަބުން ވަރަށް ފަސޭހައިން ޖެހޭ ބައްޔެކެވެ. އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ފަސޭހައިން ފެތުރިގެންދެ އެވެ. އެކަމަކު އެއާ ހިލާފަށް، ރާއްޖެއިން މި ފަހުން ފެނުނު ފައިލޭރިއާއަކީ، ކިއުލެކްސް މަދިރީގެ ޒަރީއާއިން ޖެހޭ އެކަމަކު އެހާ ފަސޭހައިން ފެތުރޭ ބައްޔެއް ނޫނެވެ.

ރާއްޖެއިން ފައިލޭރިއާ ނައްތާލައި އެކަމުގެ އެވޯޑް ޑަބްލިއުއެޗްއޯއިން 2016 ވަނަ އަހަރު ދިން އިރު މި ސަރަހައްދުން ދެން މި ކާމިޔާބީ ހޯދީ ސްރީ ލަންކާ އެވެ. އެކަމަކު، ނައްތާލާފައިވާ މި ބަލި، އެއިޑްސް ދުވަސް ފާހަގަކުރަން ހދ. ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ ސްކްރީނިންއެއްގައި އެ ބަލީގެ 25 ބިދޭސީން ވަނީ ފެނިފަ އެވެ. އެ ރަށުގައި ހެދި ސްކްރީނިންގައި 26 މީހުން އަދި މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގައި ގެންދިޔަ ސްކްރީނިންގައި ޓެސްޓުކުރި މީހުންގެ ތެރެއިން ވެސް ބިދޭސީއެއް ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

ފައިލޭރިއާ ޖެހެނީ ކިއުލެކްސް މަދިރީގައި އަށަގަންނަ ޕެރެސައިޓެއްގެ ޒަރިއްޔާއިންނެވެ. އިންފެކްޓުވެފައިވާ މަދިރި އިންސާނުން ގައިގައި ކަށި ޖެހުމުން އެ ފަނި ގަޔަށް ވަދެ އެވެ. އެއާ އެކު، ހަށިގަނޑު ތެރޭގައި އެ ފަނި އަށަގަނެ، އެ އިތުރުވެ، އާލާވެ ލޭގެ ތެރޭގައި ފަނި ގިނަވުމުން ފައިލޭރިއާ ޖެހެ އެވެ. އެ ބަލީގެ ސަބަބުން ބޮޑަށް އަސަރުކުރަނީ ލިމްފެޓިކް ސިސްޓަމެވެ. އެ ނިޒާމަކީ އިންފެކްޝަނުން ރައްކާތެރިކޮށްދީ، މުޅި ހަށިގަނޑުގައި ހުންނަ ދިޔާ އެއްޗެހި، ދުޅަހެޔޮ މިންވަރަކަށް ބަހައްޓައިދޭ ނިޒާމެވެ. ދިފާއީ ނިޒާމަކީ ލިމްފެޓިކް ސިސްޓަމްގެ އެއް ބައެވެ.

ފައިލޭރިއާއާ ގުޅޭ މައުލޫމާތު ދިނުމަށް، ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސަސް ޑރ. އަހުމަދު އަޝްރަފް ރޭ ވިދާޅުވީ 1960 ވަނަ އަހަރު ރާއްޖޭގައި ހެދި ދިރާސާއިން، އާބާދީގެ ހަ ޕަސެންޓް މީހުންގެ ގައިގައި ފައިލޭރިއާ ހުރި ކަމަށް ދެއްކި ކަމަށެވެ. އެއާ އެކު، އެ ބަލި ނައްތާލުމުގެ މަސައްކަތް ފަށައި ކާމިޔާބީ ހޯދި އެވެ.

ފައިލޭރިއާ ޖެހިފައިވާ މީހެއްގެ ފައި ދުޅަވެފައި: މި ހާލަތަށް ދާ ފަހުން ފައިލޭރިއާ ހުރިކަން ދެނެގަނެވި، ބޭސް ކާން ފެށިއަސް، ރަނގަޅެއް ނުވާނެ.

ފައިލޭރިއާ ޖެހިފައިވާ މީހެއްގެ ފައި ދުޅަވެފައި: މި ހާލަތަށް ދާ ފަހުން ފައިލޭރިއާ ހުރިކަން ދެނެގަނެވި، ބޭސް ކާން ފެށިއަސް، ރަނގަޅެއް ނުވާނެ.

ނަމަވެސް، އެ ބަލީގެ ބަޔަކު އަނެއްކާ ވެސް ފެނުމުން، އަޝްރަފް ވިދާޅުވީ އެ މަސައްކަތް ރާއްޖޭގައި އަލުން ކުރަން ޖެހިފައިވާ ކަމަށެވެ. އެކަމަކު، މި ވަގުތު ސަމާލުކަން ދީފައިވަނީ މާލެ ސަރަހައްދާއި ސިނާއީ މަސައްކަތްކުރާ ސަރަހައްދުގައި ތިބޭ ބިދޭސީން ސްކްރީންކޮށް، ކޮންސްޓްރަކްޝަން ސައިޓުތައް ސާފުކުރުމުގެ މަސައްކަތް ފުޅާކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރު، މުހައްމަދު ހަމްޒަތު ވިދާޅުވީ ޑެންގީ އަދި ޗިކުންގުންޔާއާ ހިލާފަށް ފައިލޭރިއާ ޖެހުމަކީ އެހާ ފަސޭހައިން ވާނެ ކަމެއް ނޫން ކަމަށެވެ. ފައިލޭރިއާ ޖެހުމަށް، ކިއުލެކްސް މަދިރި ވަރަށް ގިނައިން ހަފަން ޖެހޭނެ ކަމަށާއި ގާތްގަނޑަކަށް 15،500 ފަހަރު އެ މަދިރި، މީހާގެ ގައިގައި ހަފަން ޖެހޭނެ ކަމަށް ހަމްޒަތު ވިދާޅުވި އެވެ.

"އެހާ ވަރަށް އެކްސްޕޯސް ވެގެން މި ބަލި ޖެހެނީ." އޭނާ ވިދާޅުވި އެވެ.

ފައިލޭރިއާ

- މި ބަލި އާއްމުކޮށް ޖެހެނީ ކިއުލެކްސް މަދިރީގެ ޒަރީއާއިން

- ކިއުލެކްސް މަދިރި އާއްމުގޮތެއްގައި ހަފަނީ ރޭގަނޑު 7:00-12:00 އާ ދޭތެރޭގައި

އަލާމާތްތައް

- ފައިލޭރިއާ ޖެހި އެތައް ދުވަހެއް ވަންދެން އަލާމާތެއް ނުފެނި ހުރެދާނެ. އެކަމަކު، އެ ޖަރާސީމު ދާނީ ލިމްފެޓިކް ސިސްޓަމް ނުވަތަ ހަށިގަނޑުގެ ދިފާއީ ނިޒާމަށް އަސަރުކުރަމުން.

- ގިނަ ދުވަސްވުމުން ބައެއް މީހުންގެ އަތާއި ފައި އަދި އެހެން ބައެއް ގުނަވަންތައް ދުޅަވުމާއި ހަންގަނޑު ބޯވުން

- އިންފެކްޝަންގެ ސަބަބުން ހުން އައުމާއި އިތުރު އަލާމާތްތައް ފެނުން އެކަށީގެންވޭ

ރައްކާތެރިވާން ކުރަންވީ ކޮން ކަމެއް؟

- މަދިރި ހެފުމުން ރައްކާތެރިވުމަށް މަދިރި ލޯޝަނާއި މަދިރި ގެ ބޭނުންކުރުން

- ހަށިގަނޑު ބޮޑަށް ނިވާވާ ކަހަލަ ހެދުން އެޅުން

- ވައި ވެއްދުމަށް ހަދާފައި ހުންނަ ގޮޅި، ފެންލައިޓް އަދި ކުޑަދޮރު ފަދަ ތަންތަނުގައި މަދިރި ދާ ޖެހުން

* އާއްމު ގޮތެއްގައި ހުރިހާ މަދިރިއެއް ވެސް ގިނަވަނީ ހެނދުނާއި ހަވީރު ގަޑީގައި

ފައިލޭރިއާއަށް ފަރުވާ ކުރުމަށް ބޭނުންކުރަނީ ތިން ވައްތަރެއްގެ ބޭހެކެވެ. އެއީ؛

- އައިވަމެކްޓިން

- ޑައިތީލްކާބަމާޖިން

- އަލްބެންޑަޒޯލް

އަޝްރަފް ވިދާޅުވީ އެ ބޭސްތައް ބޭނުންކުރާނީ އެއްފަހަރު ކަމަށެވެ. އެކަމަކު، އެ ތިން ބޭސް އެއްކޮށް ބޭނުންކުރުމުން ހާލަތަށް ލުއެއް ލިބުން އަވަސް ވާނެ އެވެ. ނަމަވެސް، އޭގެ ތެރެއިން އެއް ބޭސް ނެތުމުން ހެލްތު މިނިސްޓްރީން ވަނީ އެ ބޭސް ހޯދަން ޑަބްލިއުއެޗްއޯ އަދި ފޮރިން މިނިސްޓްރީގައި އެދިފަ އެވެ.

ހުޅުމާލޭގައި މިދިޔަ ހުކުރު ދުވަހު ބޭއްވި މެޑިކަލް ސްކްރީނިންގައި ބައިވެރިވި ބަޔަކު.-- ފޮޓޯ: އާބަންކޯ

ހުޅުމާލޭގައި މިދިޔަ ހުކުރު ދުވަހު ބޭއްވި މެޑިކަލް ސްކްރީނިންގައި ބައިވެރިވި ބަޔަކު.-- ފޮޓޯ: އާބަންކޯ

އަޝްރަފް ވިދާޅުވީ ބޭސް ކެއުމުން ލޭގައި ހުންނަ ފަނިތައް ނައްތާލެވޭ ކަމަށެވެ. ނަމަވެސް، އެ ބައްޔަކީ ދިގު މުއްދަތަކުން އަލާމާތްތައް ފެންނަ ބައްޔަކަށް ވުމުން، ބޭސް ދިނުމުން އެ ފަނިތައް އިންފެކްޓިވް ވެގެންދެ އެވެ. އެކަމަކު، އެ މީހަކު ހުރި ހާލަތެއް، ބޭސް ކާން ފެށުމަކުން އިއާދައެއް ނުވާނެ އެވެ.

"އަވަހަށް ޓްރީޓްމަންޓް ފެށިއްޖެއްޔާ ބަލި ފެތުރުން ކޮންޓްރޯލްކުރެވޭނެ. އިތުރަށް ބޮޑުވަރުވުމުން ސަލާމަތްކުރެވޭނެ. ކުރިއާލައި އެނގުމާ އެކު އަވަހަށް ބޭސް ފެށުން ރަނގަޅު. ލިބިފައި ހުރި ގެއްލުމަކަށް، ބޭސް ކެއުމަކުން އިއާދައެއް ނުވޭ ނަމަވެސް، އިތުރަށް ފެތުރުން ކޮންޓްރޯލްވޭ." އަޝްރަފް ވިދާޅުވި އެވެ.

މި ބަލީގެ އެންމެ ބޮޑެތި އަލާމާތްތަކަކީ ފައި ފަލަވުމެވެ. އެ ހާލަތަށް ދާ ފަހުން ފައިލޭރިއާ ހުރިކަން ދެނެގަނެވިއްޖެ ނަމަ އެ މީހާގެ ދިފާއީ ނިޒާމު ބަލިކަށިވެ، ދިރިއުޅުމުގެ ހާލަތު ދަށްވެ، ދިރިއުޅުން ވޭނަކަށް ބަދަލުވެ އެވެ. އެ ހާލަތުގައި ތިބި މީހުންނަށް ބޭސް ދިނަސް، ހަށިގަނޑުގައި ފަނި ހުންނާނެ އެވެ. އެކަމަކު، މީހާގެ ހާލަތު ގޯހެއް ނުވާނެ އެވެ.