Roadha Mihaaru
10ރ.ގެ ބޭހެއް ނެތިގެން 30،000ރ. ގެ ހަރަދު!

10ރ. ގެ ބޭސްގުޅައެއް ނެތިގެން 30،000ރ. ގެ ހަރަދު!

25 ޖެނުއަރީ 2024

ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްގެ އުފަން ރަށް، ފ. ނިލަންދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ވިހަން ގެންދިޔަ މީހަކަށް ދޭން ޖެހުނު ބޭހެއް އެ ރަށަކު ނެތެވެ. ކައިރި ރަށަކުން ވެސް އެ ބޭހެއް ލިބޭކަށް ނެތެވެ. އަނެއްކޮޅުން މީހާގެ ހާލު ސީރިއަސްވަނީ އެވެ. ނިލަންދޫގައި ވެސް އިތުރަށް މަޑުކުރެވޭކަށް ނެތެވެ. އެ ފަރުވާއަށް ބޭނުންވާ ބޭސްގުޅައިގެ އަގަކީ އެންމެ 10ރ. އެވެ. އެކަމަކު، އާސަންދައަށް އެ ފަހަރު ޖެހުނީ 10ރ. ގެ ބޭސް ގުޅައެއް ނެތިގެން، 30،000ރ. ހަރަދުކޮށްފައި އިތުރު ފަރުވާއަށް މާލެ ގެންނާށެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްގެ އުފަން ރަށް، ފ. ނިލަންދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ވިހަން ގެންދިޔަ މީހަކަށް ދޭން ޖެހުނު ބޭހެއް އެ ރަށަކު ނެތެވެ. ކައިރި ރަށަކުން ވެސް އެ ބޭހެއް ލިބޭކަށް ނެތެވެ. އަނެއްކޮޅުން މީހާގެ ހާލު ސީރިއަސްވަނީ އެވެ. ނިލަންދޫގައި ވެސް އިތުރަށް މަޑުކުރެވޭކަށް ނެތެވެ. އެ ފަރުވާއަށް ބޭނުންވާ ބޭސްގުޅައިގެ އަގަކީ އެންމެ 10ރ. އެވެ. އެކަމަކު، އާސަންދައަށް އެ ފަހަރު ޖެހުނީ 10ރ. ގެ ބޭސް ގުޅައެއް ނެތިގެން، 30،000ރ. ހަރަދުކޮށްފައި އިތުރު ފަރުވާއަށް މާލެ ގެންނާށެވެ.

ފަސޭހައިން ބޭސް ފޮނުވޭނެ ގޮތްތަކެއް ހުރި ނަމަ، މިއީ، ހަމަ ގައިމު ވެސް ނުކޮށް ފަރުޖެއްސޭނެ ހަރަދުތަކެކެވެ. އެކަމަކު، ރާއްޖޭގެ ރަށްތައް ބެހިފައިވާ ގޮތުން، ބޭސް ހޯދުމާއި ރަނގަޅު ސިއްހީ ފަރުވާއަށް ފަސޭހައިން އެކްސެސްވުމަށް އަދި ވެސް އެތައް ގޮންޖެހުންތަކެއް އެބަހުއްޓެވެ.

ޑްރޯން އިން ބޭސް ފޮނުވުމަކީ، ހަލީލް ވިދާޅުވި ގޮތުގައި، ދައުލަތުން ކުރާ އެތައް ހަރަދެއް ސަލާމަތްވާނެ މަގެކެވެ. އާ ސަރުކާރުން މިހާރު މަސައްކަތްކުރަމުން އަންނަނީ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ޑްރޯން އިން ބޭސް ފޮނުވުމަށެވެ.

ރައީސް ޑރ. މުއިއްޒު، ހެލްތު މިނިސްޓަރު ހަލީލާ ސަލާމްކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުއިއްޒު، ހެލްތު މިނިސްޓަރު ހަލީލާ ސަލާމްކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

"ވަރަށް ބޮޑު ހަރަދެއް ކުރަން މި ޖެހެނީ 10 ރުފިޔާއަށްޓަކައި. އެ ނިޒާމު ބަދަލުކުރެވޭތޯ މި ބަލަނީ އަގުހެޔޮކޮށް، ތަންކޮޅެއް ފަސޭހައިން ބޭސް ވަގުތުން ވެސް ފޮނުވޭނެ ނިޒާމެއް. ޑްރޯންގެ ހިދުމަތް ކައިރި މުސްތަގުބަލެއްގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފަށާނަން. އަންނަ [މި] އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ފެށޭ ވަރަށް އެ މަސައްކަތް ގެންދެވޭތޯ އަޅުގަނޑުމެން މި މަސައްކަތްކުރަނީ." މިދިޔަ މަހުގެ ތެރޭގައި "މިހާރު" އަށް ދެއްވި އިންޓަވިއުގައި އޭނާ ވިދާޅުވި އެވެ.

ހަލީލް ވިދާޅުވީ ޑްރޯން ބޭނުންކުރަން ފެށުމުން، ބޭސް ހުސްވުމުން ދައުލަތުން ކުރާ ބޭކާރު ހަރަދުތައް ކުޑަކުރެވި، އެއިން ސަލާމަތްވާ ފައިސާ އެހެން ކަންކަމަށް ހަރަދުކުރެވޭ ކަމަށެވެ.

މި ފަހުން އޭނާގެ ސަމާލުކަމަށް އައި ކްރިޓިކަލް ތިން ކޭހެއްގެ ތެރެއިން، އެއް ކޭސްގައި ބަލި މީހާ އުފުލުނީ 36 ގަޑިއިރު ފަހުންނެވެ. އަނެކަކު 24 ގަޑިއިރުގެ ތެރޭގައި މާލެ ގެނެސްފި އެވެ. އެ ވަގުތު ކުޑަކުރުމަކީ އެންމެ އިސްކަންދޭ ކަންތައް ކަމަށް ވާތީ، ސަރުކާރުން ވަނީ އަންނަ މާޗު މަހުން ފެށިގެން އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށަން ނިންމައިފަ އެވެ.

ފުރޮޅުލީ އަދި ސީ ޕްލޭންގެ ބޯޓާ އެކު ފަށާ ހިދުމަތުން، ފަސޭހައިން އަދި އަވަސް އަވަހަށް ބަލި މީހުން ފޮނުވާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ، އޭނާ ވިދާޅުވި ގޮތުގައި، ސިއްހީ ނިޒާމް އޯވަހޯލްކުރުމުގެ އެއް މަސައްކަތެވެ.

މެޑިކަލް ޓޫރިޒަމް: މި ސަރަހައްދުގައި ފާހަގަކުރެވޭ ތަނަކަށް!

ހަލީލް ވިދާޅުވީ މެޑިކަލް ޓޫރިޒަމް ކުރިއެރުވޭނީ ރާއްޖޭގައި މިހާރު ލިބޭ ފަރުވާ އެތައް ގޮތަކުން ރަނގަޅު ކުރެވިގެން ކަމަށެވެ. އޭގެ ތެރެއިން، ވަކިވަކި ބަލިތަކަށް ހާއްސަ ހޮސްޕިޓަލް އަޅައި، އެ ތަންތަނުން ރަނގަޅު ފަރުވާ ލިބޭނެ ގޮތް ހަދައި ދުނިޔޭގެ ފެންވަރުގެ ސިއްހީ ފަރުވާ ދެވޭނެ މެކޭނިޒަމް ގާއިމްވުން ޕްލޭނުގައި ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް.

މާލެ ސަރަހައްދުގައި އަޅާ ކެންސަރު ހޮސްޕިޓަލާއި ލ. ގަމުގައި ގާއިމްކުރަން ހަމަޖައްސާފައިވާ މެންޓަލް ހެލްތު ހޮސްޕިޓަލް އަދި ތެލެސީމިއާ ކުދިންނަށް ވަކި ހޮސްޕިޓަލެއް ހަދަން ވަނީ ނިންމައިފަ އެވެ.

އޭނާ ވިދާޅުވީ އެ ކަންކަމަށް ފަންޑު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ވަރަށް ހޯލިސްޓިކް އެޕްރޯޗަކުން ތަރައްގީކުރުމުގެ މަސައްކަތް ފެށިގެން މި ދަނީ." ހަލީލް ވިދާޅުވި އެވެ.

އެ ބަލިތަކުގެ އިތުރުން އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ހޮސްޕިޓަލް އަޅަން ނިންމައި، އޭގެ ކޮންސެޕްޓް ޑިޒައިންކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރެއްވި އެވެ.

"މަސައްކަތްތައް ނިމިގެންދާއިރު ރާއްޖެ އިރާދަކުރެއްވިއްޔާ ވެގެންދާނީ މި ސަރަހައްދީ ފެންވަރުގައި ވެސް ފާހަގަކުރެވޭ، ރާއްޖެއަށް މެޑިކަލް ޓޫރިޒަމަށް ވެސް އަންނަ ގައުމަކަށް. އެއީ ދުރު ރާސްތާގައި އަޅުގަނޑުމެން އަމާޒުކުރާ ފެންވަރަކީ ރާއްޖޭގައި ސިއްހީ ހިދުމަތް." މިނިސްޓަރު ވިދާޅުވި އެވެ.

ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ހެދި އާ އޯޕީޑީ އިމާރާތް.- ފޮޓޯ: ޖައުފަރު އަލީ | ކުޅުދުއްފުށި އޮންލައިން

ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ހެދި އާ އޯޕީޑީ އިމާރާތް.- ފޮޓޯ: ޖައުފަރު އަލީ | ކުޅުދުއްފުށި އޮންލައިން

ހަލީލް ވިދާޅުވީ މި ސަރުކާރުގެ ޕްލޭނަކީ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރަށް ހޮސްޕިޓަލްތައް ގެނައުން ކަމަށެވެ. އޭގެ ތެރެއިން ބައެއް ތަންތަނުގައި ޓާޝަރީގެ ބޯޑު އެޅުވިއަސް އެ ފަރުވާ ލިބެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، އެކަށީގެންވާ ފަރުވާ ލިބޭނެ ގޮތްތައް ހަމަޖައްސައި، އެ ރަށެއްގެ ފެންވަރުން ޓެސްޓުތައް ހެދޭނެ ގޮތްތައް ހަމަޖެއްސުމަކީ އެއް ކަންތަކެވެ.

އެއް ޑޮލަރުން 16 ޑޮލަރު ސަލާމަތްވޭ

ރާއްޖޭގައި 2022 ގައި ހެދި ދިރާސާއަކާ ހަވާލަދެއްވައި ހަލީލް ވިދާޅުވީ ބަލިން ރައްކާތެރިވުމަށް ހޭދަކުރާ ކޮންމެ ޑޮލަރަކުން، ފަރުވާއަށް ހޭދަކުރަންޖެހޭ 16 ޑޮލަރު ސަލާމަތްވާ ކަމަށެވެ.

އެހެންވެ، ބަލި ޖެހުމުގެ ކުރިން އެކަމަށް ރައްކާތެރިވުމަކީ ވަރަށް އިސްކަންދޭނެ ކަމެއް ކަމަށާއި އޭގެ ތެރޭގައި ކަސްރަތަށް މީހުން ހޭލުންތެރިކުރުމާއި އުމުރުން ދުވަސްވީ މީހުންނަށް ދޭ ފަރުވާ ރަނގަޅުކުރުން އަދި ދުޅަހެޔޮ ދިރިއުޅުމެއް އުޅުމާއި ރަނގަޅު ކާނާ ކިޔައިދިނުމަކީ ވެސް އޭގައި ހިމެނޭ ކަމެކެވެ.