Roadha Mihaaru
ކެންސަރު ހޮސްޕިޓަލް އަޅަނީ ދިރާގު އޮފީސް ކައިރީގައި

ކެންސަރު ހޮސްޕިޓަލް އަޅަނީ ދަރުމަވަންތައިގެ ފުރަގަހުން އޮންނަ ޕާކިން ޒޯނުގައި، ދިރާސާ ކޮށްދޭނެ ބަޔަކު ހޯދަނީ

14 ފެބުރުއަރީ 2024

ދަރުމަވަންތަ ހޮސްޕިިޓަލްގެ ފުރަގަހުން އޮންނަ ބިމުގައި ކެންސަރު ހޮސްޕިޓަލް އިމާރާތްކުރަން ނިންމައި އެކަމުގެ ފީސިބިލިޓީ ދިރާސާތައް ކޮށްދޭނެ ބަޔަކު ހޯދަން ސަރުކާރުން މިއަދު އިއުލާންކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދަރުމަވަންތަ ހޮސްޕިިޓަލްގެ ފުރަގަހުން އޮންނަ ބިމުގައި ކެންސަރު ހޮސްޕިޓަލް އިމާރާތްކުރަން ނިންމައި އެކަމުގެ ފީސިބިލިޓީ ދިރާސާތައް ކޮށްދޭނެ ބަޔަކު ހޯދަން ސަރުކާރުން މިއަދު އިއުލާންކޮށްފި އެވެ.

ހެލްތު މިނިސްޓްރީގެ އިއުލާނުގައި ބުނީ، ކެންސަރު ހޮސްޕިޓަލްގެ ކޮންސަލްޓޭޝަން އަދި ފީސިބިލިޓީ މަސައްކަތްތައް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް ރަޖިސްޓްރޭޝަން ޝީޓު ފުރިހަމަކުރުމަށް ފަހު [email protected] އަށް އީމެއިލްކުރެވޭނެ ކަމަށެވެ.

އެކަމަށް، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މި މަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގަ އެވެ. ރަޖިސްޓްރީ ނުކުރާ މީހުންނާއި ގަޑި އަށް އަންދާސީ ހިސާބު ހުށަނާޅާ މީހުންގެ ފޯމު ބަލައިނުގަންނާނެ ކަމަށް އިއުލާނުގައި ބުންޏެވެ.

އެކަމާ ގުޅޭގޮތުން ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް "މިހާރު" އަށް މިއަދު ވިދާޅުވީ އާ ހޮސްޕިޓަލް އިމާރާތްކުރަނީ އައިޖީއެމްއެޗުގެ މުވައްޒަފުންނަށް ހާއްސަ ޕާކިން އޭރިއާ އަދި ދިރާގު ބިއްދޮށުގައި އޮންނަ ޕާކިން ޒޯނު އެއްކޮށްލައިގެން ކަމަށެވެ. އެއީ، ދަރުމަވަންތަ ހޮސްޕިޓަލްގެ އާ ޓަވަރުގެ ގޮތުގައި އިމާރާތްކުރަން ހަމަޖައްސާ އިމާރާތާ އެއް ތަނެއްކަން، އެ ހޮސްޕިޓަލުން ބުންޏެވެ.

ރާއްޖޭގައި ކެންސަރަށް ހާއްސަ ހޮސްޕިޓަލެއް އިމާރާތްކުރުމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ޕްލޭނެކެވެ. ހޮސްޕިޓަލް އަޅަން ފުރަތަމަ ނިންމީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްސްގެ ދަށުން ލ. ގަމުގަ އެވެ. އެކަން ކުރުމަށް 20،000 އަކަފޫޓުގެ ބޮޑު ބިމެއް ހަމަޖައްސައި ބައެއް ދިރާސާތައް ވެސް ކުރި އެވެ. އެކަމަކު، އެ ވެރިކަން ނިމުނުއިރު ވެސް އަމަލީ މަސައްކަތެއް ނުފެށުނެވެ.

މި ސަރުކާރުން ކެންސަރު ހޮސްޕިޓަލް އިމާރާތްކުރަނީ، ދުބާއީގެ އެހީގަ އެވެ. އެކަމަކު، އެ ފައިސާ ހޯދާނެ ގޮތެއް އަދި ސަރުކާރުން ނުބުނެ އެވެ.

ޑޮކްޓަރުންގެ ކަންބޮޑުވުންތަކާ ހެދި މި ސަރުކާރުން ވަނީ، ކެންސަރު ހޮސްޕިޓަލް މާލެ ސަރަހައްދަށް ބަދަލުކޮށް، ގަމުގައި މެންޓަލް ހެލްތު ހޮސްޕިޓަލް އަޅަން ނިންމައިފަ އެވެ.

ހަލީލް މީގެ ކުރިން ދެއްވި އިންޓަވިއުގައި ވިދާޅުވީ، ޓާޝަރީ ފަރުވާ ނުލިބޭ ތަނެއްގައި ކެންސަރު ހޮސްޕިޓަލެއް އިމާރާތް ކުރަން ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.

ފަންނީ ބޭފުޅުން ވެސް ގަބޫލު ކުރައްވަނީ، ވަސީލަތްތައް ފުރިހަމަވެފައި ނެތް ތަނެއްގައި އެފަދަ ހޮސްޕިޓަލެއް ހަދައިފި ނަމަ ބަލި މީހުންނަށް ބައިވަރު ތަކުލީފުތައް ކުރިމަތިވެދާނެ ކަމެއް ކަމަށް ހަލީލް ވިދާޅުވި އެވެ.