Roadha Mihaaru
ބްރިޖު އަވަސްކޮށްދޭން އިންޑިއާ އަށް ވާނީ ހުށަހަޅާފައި

ބްރިޖުގެ މަސައްކަތް އަވަސްކޮށްދޭން އިންޑިއާ އަށް ވާނީ ހުށަހަޅާފައި: ރައީސް

29 ޑިސެމްބަރ 2023

ތިލަމާލެ ބްރިޖްގެ މަސައްކަތް މިހާރު ކުރިއަށް ގެންދަނީ ވަރަށް ލަސްކޮށް ކަމަށާއި އެހެންވެ އެ މަސައްކަތް އަވަސްކޮށް ދިނުމަށް އިންޑިއާ ސަރުކާރަށް ހުށަހަޅާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ތިލަމާލެ ބްރިޖްގެ މަސައްކަތް މިހާރު ކުރިއަށް ގެންދަނީ ވަރަށް ލަސްކޮށް ކަމަށާއި އެހެންވެ އެ މަސައްކަތް އަވަސްކޮށް ދިނުމަށް އިންޑިއާ ސަރުކާރަށް ހުށަހަޅާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ އަޑުގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށް ގެންދިޔަ "ބާއްޖަވެރި ހެނދުނެއް"ގެ ހާއްސަ ޕްރޮގްރާމަށް ދެއްވި އިންޓަވިއުގައި ރައީސް ވިދާޅުވީ ބްރިޖުގެ މުޅި މަސައްކަތް ނިންމަން އަދިވެސް ދެ އަހަރު ނަގާ ކަމަށާއި ނަމަވެސް. އެ މަސައްކަތަށް އެހާ ދިގު މުއްދަތެއް ހޭދަވާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ މިހާރު ބްރިޖުގެ މަސައްކަތް ކުރާ ސްޕީޑް އަވަސްކޮށް، އެންމެ ކުޑަމިނުން ވިލިމާލެއާ ހަމައަށް މި އަންނަ އަހަރުގެ ފަހުކޮޅު ނޫނީ 2025 އަހަރުގެ ކުރީކޮޅު ނިންމުނަސް އެއީ ވަރަށް ބޮޑުވަރު ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ ސިނަމާލެ ބްރިޖު އެ ގެންދެވުނު ގޮތަށް ބަދަލުކޮށްލެވޭ ގޮތަށް ވޭތޯ. އޭގައި އެބަހުރި ވަރަށް ގިނަ ޓެކްނިކަލް ކަންތައްތަކެއް ދެ ގައުމުގެ އިސް ލެވެލުން ގޮތް ނިންމައިގެން އަވަސް ކުރެވޭނެ. އަޅުގަނޑުމެން މި ތިބީ ކުރަން ބޭނުން ވެގެން،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ 2025 ވަނަ އަހަރުގެ ކުރީ ކޮޅަށް ވިލިމާލެއާ ހަމައަށް ބްރިޖު ނިންމައިދިނުމަށް އެދި އިންޑިއާ ސަރުކާރަށް ހުށަހަޅާފައިވާނެ ކަމަށާއި އެ ކަން އޮތީ ދިވެހި ސަރުކާރުގެ އަތްމަތީގައި ނޫން ކަމަށެވެ. މިހާތަނަށް މަސައްކަތް އަވަސްކުރުމާ މެދު ގޮތެއް ނިމިފައި ނެތް ނަމަވެސް، އަވަހަށް އެކަން ހަމަޖެހޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ބްރިޖުގެ މަސައްކަތް ވަރަށް ބޮޑަށް ލަސްވެގެން ގޮސްފައިވީ ނަމަވެސް، މިހާރު މަސައްކަތް ބަރާބަރަށް ކުރިއަށްދާ ކަމަށެވެ.

"މައި ތަނބުތައް ޖެހުމުގަ ހަނދާން ހުންނާނެ ކެރޭނެއް ވެއްޓުނު ހަނދާން. އެ ތަނބުތައް ޖެހުމުގައި ދޮޅު އަހަރެއްހާ ދުވަސް ދިޔަ އެބޭފުޅުންނަށް ރަނގަޅަށް ނުފެށި. އެވީ ގޮތް އެއީ މާޒީ ދެން މިހާރު އެ އޮތީ ފެށިފައި. މިހާރު އެބަ ދޭ ކުރިއަށް ބަރާބަރަށް. މިހާރު ހަމަ ރަނގަޅު ޓީމެއް ގެނެސްގެން އެބަ ހިނގާ އެކަމަކު އެ ދޮޅު އަހަރެއްހާ ދުވަސް އެ ދިޔައީތާ،" ރައީސް ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުން މާލެ-ވިލިމާލެ-ގުޅީފަޅު އަދި ތިލަފުށީ ގުޅުވާލާ ބްރިޖުގެ އެއްބަސްވުމުގައި ސެޕްޓެމްބަރު 16، 2021 ގައި ސޮއިކުރީ އެ ހުރިހާ މަސައްކަތެއް މެއި 17، 2024 އަށް ނިންމާ ގޮތަށެވެ. ނަމަވެސް، އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވަނިކޮށް، ކުރީގެ ސަރުކާރު ނިމެން އެއް ދުވަހަށް ވެފައިވަނިކޮށް، ނޮވެމްބަރު 16، 2023 ގައި އެ އެއްބަސްވުމުގެ މުއްދަތު ސެޕްޓެމްބަރު 30، 2026 އަށް އިތުރުކުރި އެވެ.

ހަތަރު ރަށް ގުޅުވާލާ ބްރިޖު ބަހާލާފައި ވަނީ ދެ ބަޔަކަށެވެ. މާލެއިން ފެށިގެން ގުޅިފަޅާ ހަމައަށް ބަލަނީ "އޭ" ސެކްޝަންގެ ގޮތުގަ އެވެ. އެ އެ ތިން ރަށް ގުޅާލަން ފުރަތަމަ އެއްބަސްވީ 27 މަސް ދުވަހުން ނިންމާ ގޮތަށެވެ. ޝެޑިއުލާ އެއްގޮތަށް މަސައްކަތް ގެންދިޔަ ނަމަ، އަންނަ މަހުގެ 14 ވަނަ ދުވަހު އޮންނަން ވާނީ މާލެއިން ފެށިގެން ގުޅީފަޅާ ހަމައަށް ގުޅުވާލައިފަ އެވެ.

ނަމަވެސް، ފަހުން ސޮއިކުރި ސަޕްލިމެންޓްރީ އެގްރިމެންޓުގައި ވަނީ ސެކްޝަން އޭ ނިންމަން ދިން މުއްދަތު 54 މަސް ދުވަހަށް އިތުރުކޮށްފަ އެވެ. އެގްރިމެންޓުގައި މިހާރު އޮތީ މާޗު 31، 2026ގެ ކުރިން ސެކްޝަން އޭ ނިންމާ ގޮތަށެވެ. އަދި ޑިސެމްބަރު 31، 2025އާ ހަމައަށް މާލެ-ވިލިނގިލީ ގުޅުމާލުމަށް ވެސް އެއްބަސްވެފައިވެ އެވެ.

ސެކްޝަން ބީ އަކީ ގުޅީފަޅުން ފެށިގެން ތިލަފުއްޓާ ހަމައަށެވެ. ގުޅީފަޅާއި ތިލަފުށީ ގުޅުވާލަން ފުރަތަމަ ދިނީ 32 މަސް ދުވަހެވެ. ތާވަލާ އެއްގޮތަށް މަސައްކަތް ގެންދިޔަ ނަމަ މެއި 27، 2024 ގެ ކުރިން އޮންނާނީ އެ ހިސާބުތައް ގުޅުވާލައިފަ އެވެ. ނަމަވެސް، ކުރީގެ ސަރުކާރުން ވަނީ ބީ ސެކްޝަން ދިން މުއްދަތު 65 މަސް ދުވަހަށް އިތުރުކޮށް ސެޕްޓެމްބަރު 30، 2026 އަށް ދަންމާލައިފަ އެވެ.

ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، އެއްބަސްވުމުގެ މުއްދަތު ދަންމާލިއަސް ދިވެހި ސަރުކާރުން އިތުރަށް ފައިސާ ދައްކާކަށް ނުޖެހޭނެ އެވެ.