Roadha Mihaaru
ބްރިޖުގެ މަސައްކަތްދާގޮތް ޖައިޝަންކަރު ބައްލަވާލައްވައިފި

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ޖައިޝަންކަރު ބައްލަވާލައްވައިފި

10 އޯގަސްޓް 2024

މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވައިލުމަށް އިންޑިއާގެ އެހީގައި ކުރިއަށް ގެންދާ ޕްރޮޖެކްޓްގެ މަސައްކަތްތައް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިއަމް ޖަައިޝަންކަރު މިއަދު ބައްލަވާލައްވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވައިލުމަށް އިންޑިއާގެ އެހީގައި ކުރިއަށް ގެންދާ ޕްރޮޖެކްޓްގެ މަސައްކަތްތައް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިއަމް ޖަައިޝަންކަރު މިއަދު ބައްލަވާލައްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖައިޝަންކަރު ވަނީ އެ ތަނަށް ޒިޔާރާތް ކުރައްވައި، މަސައްކަތް ކުރިއަށް ގެންދާ ގޮތް ބައްލަވައިލެއްވި ފޮޓޯތައް ހިއްސާ ކުރައްވައިފަ އެވެ. އެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ބައްލަވާލެއްވުމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް ޖައިޝަންކަރުގެ އަރިހުގައި ވަޑައިގަތެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރާ އެކު ބްރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވަނީ.

އިންޑިއާގެ ފޮރިން މިނިސްޓްރާ އެކު ބްރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވަނީ.

މި މަޝްރޫއުގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމާއި ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ޖައިޝަންކަރު ވިދާޅުވި އެވެ.

ކޮންސްޓްރަކްޝަން އަދި އިންފްރަސްޓްރަކްޗާ މިނިސްޓްރީން އެންމެ ފަހުން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ބްރިޖުގެ ނިމިފައި އޮތީ 29 ޕަސެންޓެވެ. އެކަމަކު މިހާރު ބްރިޖުގެ 40 ޕަސެންޓް ނިމިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ތިލަމާލެ ބްރިޖު އަޅަން ވިލިމާލެއާ ގުޅީފަޅު ދެމެދު ޖަހާފައިވާ ތަނބުތަކުގެ މަސައްކަތް ކުރިއަށް ދަނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ތިލަމާލެ ބްރިޖު އަޅަން ވިލިމާލެއާ ގުޅީފަޅު ދެމެދު ޖަހާފައިވާ ތަނބުތަކުގެ މަސައްކަތް ކުރިއަށް ދަނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މި ބްރިޖުގެ މަޝްރޫއަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.

މިހާރު ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ދާ ނަމަ އަންނަ އަހަރުގެ ފެބްރުއަރީ މަހަށް މާލެ އާއި ވިލިމާލެ ގުޅައިލެވޭނެ ކަމަށް ކުރިން ވެސް ބުނެފައިވެ އެވެ. މުޅި މަޝްރޫއު ނިންމާލެވޭނެ ކަމަށް ލަފާކޮށްފައި ވަނީ 2026 ވަނަ އަހަރުގެ ފަހުކޮޅުގަ އެވެ.