Roadha Mihaaru

ތިލަމާލެ ބްރިޖުގެ 50 ޕަސެންޓް މަސައްކަތް ނިމިއްޖެ

މާލެ އާއި ވިލިމާލެ އާއި ގުޅީފަޅު އަދި ތިލަފުށި ގުޅުވާލުމަށް އިންޑިއާގެ ލޯނު އެހީގައި ހަދަމުން އަންނަ ތިލަމާލެ ބްރިޖުގެ 50 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ތިލަމާލެ ބްރިޖުގެ 50 ޕަސެންޓް މަސައްކަތް ނިމިއްޖެ
އިފްރާޒް އަލީ
އިފްރާޒް އަލީ

06 ފެބުރުއަރީ 2025

މާލެ އާއި ވިލިމާލެ އާއި ގުޅީފަޅު އަދި ތިލަފުށި ގުޅުވާލުމަށް އިންޑިއާގެ ލޯނު އެހީގައި ހަދަމުން އަންނަ ތިލަމާލެ ބްރިޖުގެ 50 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ތިލަމާލެ ބުރިޖަކީ މާލެ ސަރަހައްދުގެ އުމްރާނީ ތަރައްގީގައި ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.

"ބްރިޖުގެ މަސައްކަތުގެ 50.88 ޕަސެންޓް ވަނީ ނިމިފައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ބްރިޖު އެޅުމަށް ފުން ކަނޑުގައި ތަނބުތައް ޖެހުމުގެ މަސައްކަތް ނިމުން ލަސްވެފައި ވިޔަސް، ސަރުކާރުން ރާވާފައިވާ ގޮތަށް އެ މަޝްރޫއުގެ މަސައްކަތް މިހާރު ކަނޑައެޅިފައިވާ މުއްދަތަށް ނިންމާލެވޭނެ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވެވުމަށް ރައްޔިތުންގެ މަޖިލީހުގައި.-- ފޮޓޯ: މަޖިލިސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވެވުމަށް ރައްޔިތުންގެ މަޖިލީހުގައި.-- ފޮޓޯ: މަޖިލިސް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެށި ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިއަން ޑޮލަރެވެ. އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް މިހާރު ލަފާކޮށްފައި ވަނީ އަންނަ އަހަރުގެ ފަހުކޮޅަށެވެ.

މާލޭގައި ހިންގާ އެހެން ޕްރޮޖެކްޓުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ މާލޭގެ ހުރިހާ މަގެއް ވަރަށް ބޮޑަށް ހަލާކުވެ، އޭގެ ސަބަބުން އެތައް ތަކުލީފެއް ރައްޔިތުން އުފުލަން ޖެހޭ ކަމަށެވެ. އެހެންވެ، މާލޭގެ ހުރިހާ މަގުތަކެއް އަލުން ރަނގަޅު ފެންވަރަކަށް ހެދުމުގެ ބޮޑު މަޝްރޫއެއް ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދިއުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ މަޝްރޫއުގެ ފީސިބިލިޓީގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި އަމަލީ މަސައްކަތް މި އަހަރު ފަށާނެ ކަމަށެވެ.

މާލޭ ސަރަހައްދުގެ ފެނުގެ ހިދުމަތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތްތަކުގެ ދަށުން މިއަހަރު މާލެ އާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅާލުމުގެ މަސައްކަތް ނިންމައި، މާލެ ސަރަހައްދަށް ފެން ފޯރުކޮށްދިނުމަށް ސިނަމާލެ ބްރިޖުގައި އަޅާފައިވާ ހޮޅި ބޭނުންކުރަން ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ތިލަމާލެ ބްރިޖުގެ ސުޕަ ސްޓްރަކްޗާތައް ރާވަނީ: އެ ޕްރޮޖެކްޓުގެ 50 ޕަސެންޓް ވަނީ ނިމިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ތިލަމާލެ ބްރިޖުގެ ސުޕަ ސްޓްރަކްޗާތައް ރާވަނީ: އެ ޕްރޮޖެކްޓުގެ 50 ޕަސެންޓް ވަނީ ނިމިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ރައީސް ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގައި ފެން އުފައްދާ މިންވަރު މިއަހަރު 25 ޕަސެންޓު އިތުރު ކުރެވޭނެ އެވެ. އަދި މާލޭ ސަރަހައްދުގައި ފެން ރައްކާކުރުމުގެ ގާބިލުކަން މި އަހަރު 30 ޕަސެންޓް އިތުރު ކުރެވޭނެ އެވެ.

މާލޭގައި އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ޕާކިން މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އިންޑިއާގެ ކޮންސެޝަނަލް ފައިނޭންސިންގެ އެހީގައި މާލޭގެ ހަތަރު ސަރަހައްދެއްގައި ތިމާވެއްޓާއި ރަށްޓެހި އަދި އިއާދަކުރަނިވި ހަކަތައިން ޕަވަ ޖެނެރޭޓްކުރާ ޕާކިން ބިލްޑިންތަކެއް އެޅުމަށް ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް މި އަހަރު ފެށުމަށް މަސައްކަތް ކުރެވެމުންދާކަން އުފަލާއެކު ފާހަގަކޮށްލަން،" ރައީސް ވިދާޅުވި އެވެ.

އައްޑޫ ބްރިޖުގެ ސާވޭ މަސައްކަތް ފަށަނީ

އައްޑޫ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދިއުން އަވަސްކުރުމަށް ޑީޓެއިލްޑް ސާވޭ އަދި އިންޖިނިއަރިން ޑިޒައިން ކުރާނެ ފަރާތެއް ހޯދައި ޓެކްނިކަލް މަސައްކަތް ފަށަން މި މަހު އިއުލާން ކުރާނެ ކަމަށް ވެސް ރައީސް މިއަދު ވިދާޅުވި އެވެ.

އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށް ގެންދާ އައްޑޫ މަގު ހެދުމުގެ މަޝްރޫއު ވެސް ނިމުމަކާ ހަމައަށް ގޮސްފައިވާ ކަމަށާއި އައްޑޫ ލިންކް ރޯޑާއި އެހެނިހެން މުހިންމު މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އައްޑުއަށް ދިމާވެފައިވާ ފެނުގެ ނިޒާމުގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ފެށި 282 މިލިއަން ރުފިޔާގެ މަޝްރޫއުގެ މަސައްކަތް ނިމި އޭގެ ފަސޭހަކަން މި އަހަރު ލިބޭނެ ކަމަށެވެ.